ކޮންމެ ކަމަކާއިވެސް ހިތްވަރާއިއެކު ކުރިމަތިލައިފިނަމަ ކާމިޔާބުވާނެއެވެ
ދުނިޔޭގެ އެތަންމިތަނަން ނަޒަރު ހިންގާލުމުން ފެންނަނީ ވަރަށް އަޖައިބު ކުރުވަނިވި ކަންތައްތަކެވެ. ދުނިޔޭގެ ފަތްފުއްތައް "ހާވާލުމުން" ފެންނަނީ އަންތރީސްވެ ޝޯހުވާ ފަދަ ވާހަކަތެކެވެ. ފަޤީރު އާއިލާތަކަށް އުފަން އެތައް އެތައް ދަރިންނެން ޤައުމުތަކުގެ ވެރިންނަށްވީ ވާހަކައެވެ. މުއްސަނދި މަހުޖަނުންނަށް ވެފައި ހުރިވާހަކައެވެ. މޮޅެތި ވާހަކަ ލިޔުންތެރިންނަށް ވެފައި ހުރިވާހަކެއެވެ. އަދި މިނޫނަސް ތަފާތު ދާއިރާތަކުން ކުރިއަރައި، ލާމަސީލު ނަމޫނާތަކަށް ވެފައި ހުރިވާހަކަތަކެވެ. ސުވާލަކީ ފައިސާގެ ތަނަވަސްކަމެއް ނެތް، ދިރިއުޅުމުގެ ޙާލަތު އެހާދަށްފަންތީގެ މީހުން މިހާ ބޮޑަށް ކުރިއަރާ ގޮސްފައިވަނީ ކިހިނަކުން ތޯއެވެ؟ ޖަވާބަކީ ހިތްވަރާއެކު ކޮންމެ ކަމަކާއިވެސް ކުރިމަތިލުމެވެ. އަޅުގަނޑު މިބަޔާން ކުރިފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކުން ބަޔާންކުރެވުނު މަޤާމުތައް ދިފާޢުކޮށްފައިވާނީ އެމިހުންގެ ގަދަ ހިތްވަރާއި، އަޒުމާއި، ކެރުމުގެ ސަބަބުންނެވެ.
އިސްލާމީ ތާރީޚަށް ވިސްނާލި ނަމަވެސް އަޅުގަނޑު މިދެންނެވި ބަހުގެ ހަޤީގަތް ވަރަށް ޞަރީހަކޮށް ފެންނަށް އެބަ އޮތެވެ. ބަދުރު ހަނގުރާމައަށް ފިކުރުކޮށްލަމާތޯއެވެ. މުސްލިމުންގެ އެންމެ 300 އެއްހާ މީހުންނާއި ކުރިމަތިލީ ކިހާ ބޮޑު ލަޝްކަރަކާއެކުތޯއެވެ؟ ނަމަވެސް މުޝްރިކުންގެ ލަޝްކަރު ބޮޑުވެ ބިޔަވުމަކުން އެމީހުންނަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އެމީހުންގެ ތެރޭގައި މިބުނާ ހިތްވަރު ނެތުމުންނެވެ. ނަމަވެސް މުސްލިމުން ދުޝްމަނުންގެ މައްޗަށް ގަދަވެގަތީ ގަދަ ހިތްވަރާއިއެކު ހަނގުރާމަކޮށްގެންނެވެ. އަދި މިނޫން ހަނގުރާމަތަކުގައިވެސް މުސްލިމުން ހޯދައިފައިވާ ކާމިޔާބުތަކުގެ އެންމެ ބޮޑު އެއް ސިއްރަކީ ހިތްވަރާއިއެކު ކުރިމަތިލުމެވެ.
އަޅުގަނޑުމެންގެ ތާރީޚަށް ފީނާލަމާތޯއެވެ. މުޙަންމަދު ތަކުރުފާނު، ޤައުމީ ބަޠަލަކަށް ވެވަޑައިގަތްގޮތް އެނގިނުލައްވާ ދިވެހި ދަރިއަކު މަދުވާނެކަން ކަށަވަރެވެ. އެމަނިކުފާނައި، އެމަނިކުފާނުންގެ ހިތްވަރުގަދަ ބައިވެރިން ކުރަށްވާފައިވާ މަތިވެރި މަސައްކަތަކީ އެއަށް އިތުރު ތަފްސީލެއް ބޭނުންވާނެ ކަމެއް ނޫނެވެ. ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފޮނިކޮށް ލިބުނީ، ހިތްވަރާއިއެކު ކުރިމަތިލައިގެންކުރި މަސައްކަތުން ކަމާއިމެދު ކަޑަވެސް ވަހުމެއްނެތެވެ. ދޮން ބަންޑާރައިންނާއި، ހަސަން ނޫރަންދީން ފަދަ ރަސްރަސްކަލުންގެ ކާމިޔާބީގެ ފަހަތުގައިވަނީ ހިތްވަރާއިއެކު ކުރިމަތިލުމެވެ.
އެންމެ ފުރަތަމަ ރޭޑިޔޯއެއް ހަދަން އީޖާދަކުރަން ހިޔާރުކުރި ގަގްލިމޯ މާރކޯނިއަށް ދިމާވި ގޮޖެހުންތަކަށް ވިސްނަވާށެވެ. ރޭޑިޔޯއެއްގެ ޒަރިއްޔާއިން ދުރަށް އަޑު ފޮނުވިދާނެކަމަށް ޙިޔާލުދިނުމުން އޭނާއަކީ ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބަލައި ޖަލަށްލެވުނެވެ. ނަމަވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ޖަލުގައި އޮވެގެންވެސް އޭނާ މަސަކަތްކޮށް ރޭޑިޔޯއެއްގެ ޒަރިއްޔާއިން ދުރަށް އަޑު ފޮނުވިދާނެކަމަށް މީހުނަށް ޔަގީން ކޮށްދިނެވެ.
ތޯމަސް އެޑިޝަން ބޮކި ވުޖޫދު ކުރުމަށްޓަކައި އެތަކެއްހާސް ފަހަރު އޭނާ ނާކާމިޔާބިއްޔާ ކުރިމަތިލިޔެވެ. އެންމެފަހުން ދިހަހާސް ވަނަ ފަހަރު އޭނާ ކާމިޔާބީގެ އެންމެފަހު ކުރިބޯއްޓަށް ވާސިލްވިއެވެ.
ހެންރީ ފޯޑުގެ ފުރަތަމަ އޮޓޯމޯބައިލް ކުންފުޏައްވީ ކިހިނެއްތޯއެވެ؟ ފުރަތަމަ ވީ ގެއްލުމެވެ. ނަމަވެސް އޭނާ އެކަމުން ބަރިއްޔަވެގަތީއެއް ނޫނެވެ. ގަދަ ހިތްވަރާއެކު މަސައްކަތް ކޮށް ކާމިޔާބުކުރީއެވެ. އޭނަވަނީ ދުނިޔޭގެ ފުރަތަމަ އޮޓޯ މޯބައިލް ކުންފުނިތަކުގެ ތެރެއިން ފުރަތަމަ އެސެމްބުލީ ލައިނެން ގާއިމުކޮށް ދުނިޔޭގެ އެންމެ ފުރަތަމަ އެފަދަ ކުންފުންޏެއްގެ ގޮތުގައި ފޯޑް މޮޓޯ ކުންފުނީގެ ނަން ތާރީޚުގެ ތެރެއަށް ފަވާލައިފަ އެވެ. ބޮޑު އުޖޫރާގައި އަގުހެޔޮކޮށް ވުނަދާނަކުރުމުގައި އެކަމަށް ޤާއިމުކުރައްވާފައިވާ ވުނަދާނަ ސްކޫލު، "ފޯޑިސަމް"ގެ ސަބަބުން ހެންރީ ފޯޑްވަނީ ދުނިޔޭގެ އެންމެ މުއްސަނދި ތިން މަހުޖަނުންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.
ޖޯން ގްރިޝްމް އެންމެ ފުރަތަމަ ލިޔުނު ދިގުވާހަކަ ވަނީ ޗާޕުނުކޮށް ފޮނުވާލާފަ އެވެ. އެހެނަސް، ޖޯން މާޔޫސްވެ ހިތްވަރު އެލުވަ އެއް ނުލަ އެވެ. އޭނާގެ ފުރަތަމަ މަސައްކަތުން ލިބުނު ނާކާމިޔާބީއަށްފަހު ވާހަކަ ލިޔުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. ފުލުފުލުގައި ވާހަކަ ލިޔަމުން ދިޔަ އެވެ. އާޚިރު ނަތީޖާއަކަށްވީ ދުނިޔޭގެ މަޝްހޫރު ވާހަކަލިޔުންތެރިންގެ ލިސްޓުން ޖޯން ގެ ނަން ވިދަން ފެށުމެވެ. އޭނާގެ ވާހަކަތައް ޑްރާމާތަކުގެ ސިފަ ޖެހިގެން ތަފާތު މީޑިއާ ތަކުގައި ދައުރުވަން ފެށުމެވެ. 21 ވަނަ ޤަރުނުގައި އުފެއްދި އެންމެ އުފެއްދުންތެރި އެންމެ މޮޅު ވާހަކަލިޔުންތެރިންގެ ޝަރަފު މީޑިއާތަކުން އޭނާއަށް ވަނީ ދެއްވާފަ އެވެ.
ބަޔާންކުރެވުނު މިސާލުތަކަށް ވިސްނާ ފިކުރު ކޮށްލާއިރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާޅުވެގެންދިޔައީ ހިތްވަރާއި، ކާމިޔާބަކީ ގުޅިފައިވާ އެއްޗެއްކަމެވެ. ހިތްވަރާއެކު ކުރިމަތިލައިފިނަމަ ކާމިޔާބުވާނެކަމެވެ. ދުނިޔެވީ ކޮންމެ ކަމަކަށްވެސް އޮތީ ހަމަ މިހުކުމެވެ. ކާމިޔާބު ބޭނުމިއްޔާ، ހިތްވަރާއެކު ކުރިމަތިލުމެވެ. އެންމެ ކުދި ނުވަތަ އަދައިގެ ކަންތައްތަކުން ފެށިގެން އެންމެ ބުރަ އުނދަގޫ ކަންތައްތައްވެސް ހިތްވަރައިއެކު ކުރިމަތިލައިފިނަމަ ކާމިޔާބުވާނެކަމީ ޝައްކެއް ހުރިކަމެންނޫނެވެ. މި ސަބަބަށްޓަކައި މަޝްހޫރު އަދީބަކު ވިދާޅުވަނީ "ނަތިން އިޒް އިމްޕޮސިބަލް" އެވެ. ނަމަވެސް ކާމިޔާބު ކުރެވޭނީ ގަދަ ހިތްވަރައިއެކު އެ ކުރާކަމަކާއި ކުރިމަތިލައިގެންނެވެ. މިއާއި ހިލާފަށް އެއްވެސް ހިތްވަރެއް ޖޯޝެއްނެތި ކަންނެތްކަމާއެކު ކަންކަމައި ކުރިމަތިލާނަމަ އެންމެ ގާތް އެކުވެރިއަކަށްވާނީ އަޅުގަނޑުމެން އެންމެންވެސް އެކަމެއް ޤަބޫލުކުރަން ބޭނުންނުވާ ނާކާމިޔާބީއެވެ.
އަޅުގަނޑުމެންނީ އިންސާނުންނަށް ވީހިނދު، ފުރިހަމަ ބައެއްގަ ގޮތުގައި އަޅުގަނޑުމެން ވާކަން ލާޒިމެންނޫނެވެ. އަދި ގޮންޖެހުމަކައި ނުލައި ދިމާކުރާ ކޮންމެކަމެއް ހާސިލުވުންވެސް ލާޒިމެއް ނޫނެވެ. ހިތްވަރާއެކު ކުރިމަތިލާ ކޮންމެ ކަމަކުން އަޅުގަނޑުމެންނަށް ދޭހަވަނީ ތިމާ އެކަމެއް ކާމިޔާބުކުރަން ބޭނުންވާކަމެވެ. އަދި ޤަބޫލުކުރަންވީ ހަޤީގަތަކީ އެކަމެއް ހާސިލްކުރުމަކީ ދުރުގައިވާ ކަމެއް ނޫންކަމަވެ. ވީމާ، އަޅުގަނޑުގެ އިލްތިމާސަކީ ކޮންމެ ކަމަކާއިވެސް ހިތްވަރާއެކު ކުރިމަތިލާށެވެ. އޭރުން ކާމިޔާބުވާނެއެވެ. އިންސާނީ ތާރިޙުންނާއި، އިސްލާމީ ތާރީޙުންނާއި، ދިވެހި ތާރީހުން އަދި ކިއެންތަ މިނޫންވެސް ކޮންމެ ތާރީޙަކުން ވިސްނާލިނަމަވެސް މިހަގީގަތް ފާޅުވެއެވެ. އަދި މިއަދުވެސް މިކަންދަނީ ސާބިތުވަމުންނެވެ. ކުރިމަގުގައިވެސް މިއީ ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. ނިންމާލުމުން ބުނެލަން އޮތީ!
ހިތްވަރޭ ހަމަ މިބުނާ ފުރިހަމަ ކާމިޔާބީގެ ސިއްރަކީ ތެދޭ
ހިތްވަރައިއެކު ކުރިމަތިލައިފިނަމަ އޮތީ ކާމިޔާބޭ ތެދޭ
ޚިޔާލު ފައުޅުކުރުން