[HEADER BANNER]
[AD]

ފައިސާއަށް ސިއްޙަތު ވިއްކާލުން .....

18 މެއި 2015 16

"ބޭބޭ، ހުރިހާ މުސަޅުތައް މަރުވެއްޖެ!" އެއްދުވަހެއްގެ ހެނދުނު މަންމަގެ ގެއަށް ވަދެލިއިރަށް ކޮށްކޮ ބުނެލިއެވެ. ކޮއްކޮމެން ތިބީ ވަރަށް ދެރަވެފައެވެ. ޚަބަރު އަހައިލުމުން އެނގުނީ މުސަޅަށް ކާންދިން ފަތެއްގެ ސަބަބުން މުސަޅުތައް ވިހަވެގެން މަރުވީކަމެވެ. އެހާ ވިހަގަދަ ފަތަކީ ކޮބައިތޯ ބަލާލުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެއެވެ. އެންމެ ފަހުން އެނގުނީ މުސަޅަށް ކާންދިނީ ހަމަ ކުރިންވެސް ކާންދޭ މިރިހިފަތް ކަމެވެ. އެކަމަކު މިފަހަރު ފަތް އުފުރި ސަރަހައްދު ތަފާތުވީއެވެ. މިފަހަރު މުސަޅަށް ކާންދޭން ފަތްއުފުރަން ދިޔަ ކުއްޖަކު ފަތް އުފުރިކަމަށްވަނީ ފައިބަރު ދޯނިތައް ބަންނަމުންދާ ހަރުގެތައް ކައިރީ ހުރި މިރިހިގަސްތަކަކުން ނެވެ. ފައިބަރު ހަރުގެތަކުން ހުއްޓުމެއްނެތި ލިބެމުންދިޔަ "ތާސީރު" ން މުއްސަނދިވެފައިވާ ފަތްތަކެއް ދިނުމުން މުސަޅުގެ ހަށިގަނޑަށް ކެތްނުކުރެވުނީ ކަމަށް އެންމެންވެސް އެއްބަސްވިއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ހއ. އިހަވަންދޫ ކުރިން މަސްވެރި ރަށެއްގެ ގޮތުގައި މަޝްހޫރުވެފައި ވިޔަސް މިހާރު އެންމެ ހަލުއިކަމާއި އެކު ފޯރިއާއި އެކު ކުރަމުންދާ މަސައްކަތަކީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތޭ ދެންނެވުމުން އެކަން ދޮގަކަށް ނުވާނެކަން ކަށަވަރެވެ. ކުރިން ލަކުޑީގައި ބަންނަމުންދިޔަ 60 ފޫޓާއި 70 ފޫޓާއި ދެމެދުގެ އުޅަނދުތައް، ޒަމާން ތަރައްޤީވެ މިވަނީ 85 ފޫޓާއި 90 ފޫޓާއި ދެމެދުގެ ފައިބަރު އުޅަނދު ތަކަކަށް ބަދަލުވެފައެވެ. ރަށުގެ ގޮނޑުދޮށްތަށް ވަށައިގެން ކަހަލަ ގޮތަކަށް އޮޑިހަރުގެތައް އަޅައި ކުރަންފެށި މަސައްކަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޑިމާންޑާއި އެކު އިހަވަންދޫ ވެފައި މިވަނީ ފައިބަރު އޮޑިދޯނި ބަންނަ ހަބަކަށެވެ. މިހާރު އެމަސައްކަތް ކުރާމީހުން އެކަން ކުރަމުންދަނީ ވިޔަފާރިއަށެވެ. ދޯންޏަކަށްފަހު ދޯންޏެއް ބަނދެ ވިއްކަމުންދާއިރު ރަށުގެ ރައްޔިތުން ތިބެން ޖެހިފައިވަނީ ފައިބަރު ވަހާއި ފައިބަރު ކުނޑިތަކުގެ ތެރޭގައެވެ.  އިހަވަންދޫގެ ގޮނޑުދޮށްތަކުން ދީފައިވާ ހަރުގެވަޅުތަކުގައި ފައިބަރު މަސައްކަތް ކުރަމުން ދާދިއުމާ ގުޅިގެން އެކަމުގެ އުނދަގޫ އެންމެ ބޮޑަށް ކުރަމުން ދަނީ ރަށުގެ އިރުމަތީ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށެވެ. އިރުމަތީ ފަރާތުން ގޮނޑުދޮށާއި ކައިރީގައި ހުރި ގެއެއްގެ ޒުވާނަކު ބުނީ ހަރުގެ ތަކުން އަންނަ ފައިބަރު ކުނޑިތަކާއި ވަހުން އެކަންތައްތައް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމަށާއި، ކާ އެއްޗެތީގައިވެސް ފައިބަރު ރަހަ ލާހެން ހީވާވަރަށް ވަސް ހުންނަ ކަމަށެވެ. މިކަމުގެ ސަބަބުން ގެތަކުގައި ހަމަޖެހިލައިގެން އުޅެވެން ނެތްއިރު ރޭގަނޑަކަސް ދުވާލަކަސް މިމައްސަލައަށް ހައްލެއް ނާންނަ ކަމަށްވެސް އޭނާ ބުންޏެވެ. 

އެއީ ހަމައެކަނި އޭނާގެ އެކަނި ޝަކުވާއެއް ނޫންކަން އެނގެނީ ރަށުގެ ގިނައަދަދެއްގެ ބަޔަކު މިކަމާ ކުރަމުންދާ ޝަކުވާތަކުގެ ސަބަބުންނެވެ. ހަމައެހެންމެ ކަމަކީ ކިހާވަރެއްގެ ގެއްލުމެއް ހުރި ކަމެއްކަން ނޭނގޭ މީހުންވެސް ފައިބަރު ކުނޑިއާއި ވަހުގެ ސަބަބުން އުނދަނގޫ ވާކަމަށް ބުނެއެވެ. އިރުމަތީ ފަރާތު އަތިރިމަތީ ސަރަހައްދުގެ އެހެން ގެއެއްގައި އުޅޭ އަންހެނަކު ބުނީ ފައިބަރު ވަސް ދުވާތީ ވަރަށް އުނދަނގޫ ވާކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ގެއްލުމެއް ހުރި އެއްޗެއްކަން ނޭގޭ ކަމަށްވެސް އޭނާ ބުންޏެވެ. މިއީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އިހަވަންދޫގައި ވަރަށްބޮޑު މައްސަލައަކަށްވެފައިވާ ކަމެކެވެ. އެއިރުވެސް މިކަމުގައި ކަންބޮޑުވެގެން އުޅުނު މީހުން އަދިވެސް ތިބީ ހަމަ އެކަންބޮޑުވުންތަކުގައެވެ. ކުރަނީ އެިރުވެސް ކުރަމުންދިޔަ ޝަކުވާ ތަކެވެ.

2013 ވަނަ އަހަރުގެ އޭޕުރީލް މަހުތެރޭ އިހަވަންދޫ އިރުމަތީ ސަރަހައްދުގެ ގެއެއްގައި ދިރިއުޅެމުންދިޔަ ޒުވާން އާއިލާއެއް ގެއިން ނުކުމެގެން އެގެ "ކައުންސިލާއި ހަވާލުކޮށްފަ" ކަމަށްބުނެ ދިޔައީ އެގޭގައި އަނބިދަރިންނާއި އެކު އުޅެން ރައްކާތެރި ތަނަކަށް ނުވާތީ އެވެ. އޭނާ ބުނީ ކައުންސިލް އިދާރާއަށް ހައްލަކަށް އެދި ފޮނުވުނު ސިޓީތަކަށް އެފަހަރު ޖަވާބު ލިބުނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށި ހުޅަނގުފަރާތުން ވައި ޖެހެން ފެށުމުންކަމަށެވެ. ޖަވާބުގައި ވަނީ އެމައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ. ހުޅަނގުން ވައިޖެހެން ފެށުމުން، ގެއާއި 120 ފޫޓުގެ ދުރުގައި އެއްވެސް ބަންދުކުރުމެއްނެތި ބަންނަމުންދިޔަ ފައިބަރު ދޯނިތަކުން އަންނަމުން ދިޔަ ފައިބަރު ކުނޑިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި، ހަރުގެތަކުގެ ބޭރުގައި އަންދަމުންދިޔަ ފައިބަރު މެޓުތަކާއި ރެސިން އުނގުޅާފައިވާ ފިހިތަކުން އަރަމުންދިޔަ ވިހަ ދުންތައް ގޭތެރެއަށް ވަންނަ ވަނުމަށްވެސް ހައްލެއް ލިބިގެން ދިޔަ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް މޫސުން ބަދަލުވުމާއެކު "ކައުންސިލުން ހައްލު ކުރި" މައްސަލަ އިޢާދަވާކަމަށް އޭނާ ބުނެއެވެ. 

މިއަދުވެސް އެ އާއިލާ ދަނީ ފައިބަރު ހަރުގެތަށް ކައިރީ ދިރިއުޅެމުންނެވެ. އެހެން ގެތަކުގެ މީހުން އައްނައުނު ދޮވެފަ ރޯނުގައި ހިއްކަން އެޅިޔަސް މިސަރަހައްދުގެ މީހުންނަށް އެ ފުރުޞަތެއް ނެތެވެ. އެހެން ގެތަކުގެ މީހުން ތާޒާ ވައި ލިބިގަތުމަށް ގޭގެ ފެންލައިޓާއި ޖާލީތައް ހުޅުވިޔަސް މިސަރަހައްދުގެ މީހުން ފެންލައިޓާއި ޖާލީ ހުޅުވައިފިނަމަ ގެއަށް ވަންނަނީ ވިހަ ކެމިކަލް ތަކެވެ. އެހެން މީހުން ވާރޭފެން ނަގައިގެން ބުއި ނަމަވެސް، މިސަރަހައްދުގެ މީހުންނަށް ވާރޭފެން ނަގައިގެން ބުއިމަކީ ރައްކާތެރި ކަމަކަށް ނުވެއެވެ. އެމީހުން ތިބީ އަމިއްލަ ވަޒަނުގައި އަމިއްލަ ހިޔާވަހިކަމުގައި މިނިވަންކަން ގެއްލިފައެވެ. 

މިމައްސަލާގައި އެއްބަޔަކު ކުއްވެރިކުރަނީ ކައުންސިލް އިދާރާއެވެ. އަނެއްބަޔަކު ކުއްވެރިކުރަނީ ފައިބަރު މަސައްކަތްކުރާ މީހުންނެވެ. "އެމީހުންގެ ވިޔާ ނުދާކަމުންދޯ އެއްވެސް ވަރަކަށް ބަންދުނުކޮށް އެމަސައްކަތް އެކުރަނީ" މެދު އުމުރުގެ މީހަކު، މިކަމާ ދެކޭގޮތް ހާމަ ކުރިއެވެ. އިހަވަންދޫ ކައުންސިލުން ބުނަނީ އޮޑިހަރުގެ ވަޅުތައް ދޫކުރަނީ އޮޑިހަރުގެވަޅުތަކުގައި މަސައްކަތް ކުރެވޭނެ ގޮތާއި މަސައްކަތް ކުރާއިރު އެތަނުގައި އުފެދޭ ކުނިބުނިތައް ނައްތާލާނެގޮތާއި އެފަދަ ކަންތައްތައް އެގްރީމެންޓުގައި ލިޔެ ބިމާ ހަވާލުވާ ފަރާތުން ސޮއިކޮށް ހެދުމަށްފަހު ކަމަށެވެ. އިހަވަންދޫ ކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރ، ސީނިޔަރ ފައިނޭންސް އޮފިސަރ ޢަބުދުﷲ ސަމީރު ވިދާޅުވީ ހަރުގެވަޅުތަގެ އެއްބަސްވުން ތަކުގައި ފައިބަރު އޮޑިއެއް ބަންނަ ހަރުގެއެއްނަމަ ހަރުގޭގައި މަސައްކަތް ކުރަންޖެހޭނީ އެއްކޮށް ބަންދު ކޮށްގެން ކަމަށް ލިޔެފައިވާ ކަމަށެވެ. އަދި ހަރުގެތަކުގައި އުފެދޭ ކުނިބުނި ނައްތާލަން ޖެހޭނީ ރައްކާތެރި ގޮތުގައި ކަމަށާއި އެތަކެއްޗާމެދު އަމަލުކުރާނެ ގޮތްވެސް އެއްބަސްވުމުގައި ލިޔެފައިވާ ކަމަށެވެ. ފައިބަރު މަސައްކަތް ކުރުމުގައި ރަށުގެ ވެއްޓަށް ގެއްލުން ނުވާނޭ ފަދަ ގޮތަކަށް އެމަސައްކަތް ކުރުމާއި ރަށުގެ ގޮނޑުދޮށްތަކާއި ވެށި ހަޑި ނުވާނޭހެން މަސައްކަތް ކުރުމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ. އަދި މިއިން ކަމަކާ ހިލާފު ވެއްޖެ ނަމަ 3000 ރުފިޔާއާއި 10000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ވެއެވެ. މިހާތަނަށް އަދި އެއްވެސް ފަރާތެއް ޖޫރިމަނާ ކޮށްފައި ނުވި ނަމަވެސް މި އެއްބަސްވުންތަކާ ހިލާފުވުމާއި، ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ނުކުރެވޭތީވެ ހަރުގެ ތަކުގެ ވެރިން ކައުންސިލަށް ހާޒިރުކޮށް، ނަސޭހަތްދެވި، ބަޔާން ނެގުމާއި ކަންތައްތައް ކޮށްފައިވާކަން އެނގިލައްވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތިން ފެށިގެން އިރުމަތީ ފަރާތް އެއްކޮށް ކަހަލަ ގޮތަކަށް ފައިބަރު ދޯނިތައް ބަންނަ ހަރުގެތައް ހުރިއިރު، ރަނގަޅަށް ބަންދުކޮށްގެން ފައިބަރުގެ މަސައްކަތްކުރާ އެއްވެސް ހަރުގެއެއް ނެތެވެ. ގިނަ ހަރުގެތަކުގައި، ފައިބަރު މެޓުތަކުން ތައްޔާރުކުރާ ދޯނީގެ އެކި ބައިތައް ކީހާ ކަފާ ހަދަނީ ހަރުގެއިން ބޭރުގައެވެ. ރައްޔިތުންނަށް ފައިބަރު ކުނޑީގެ އުނދަނގޫފޯރާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އަދި ރެސިން އުނގުޅާފައި ހުންނަ ފިހިތައް ހަރުގެއިން ބޭރުގައި އެންދުމާއިއެކު ބައެއްފަހަރު ފައިބަރު މެޓުތައްވެސް ހަރުގެތައް ކައިރީ ދަނީ އަންދަމުންނެވެ. އެއިގެ ސަބަބުން އަރާ ކަޅުދުންތައްވެސް ކައިރީ ހުރި ގެތަކަށް ދަނީ ވަންނަމުންނެވެ. އޮޑިހަރުގެ ތައް ކައިރީ ފައިބަރުމެޓުތައް ނާންދާ މީހުން ފައިބަރު މެޓުތައް ކުނިގޮނޑަށް ގެންދިޔުމުން، ކުނިގޮނޑުގައިވެސް ދަނީ އެތަކެތި އަންދަމުންނެވެ. ފައިބަރު ހަރުގެތައް ކައިރީ އަންދާ އެންދުމަށްވުރެ ކުނި ގޮނޑުގައި މިތަކެތި އެންދުމުން ފައިބަރުގެ ވިހަތަކުގެ އަސަރު ގިނަ ބަޔަކަށް ކުރާކަން ފާހަގަ ކުރެވެއެވެ. 

ފައިބަރުގެ ވިހަ ކުނޑިތަކާއި އެ އެންދެމުން ޖައްވުގެ ތެރެއަށް އަރައިގެންދާ ޒައްރާ ތަށް އިންސާނުންގެ ފުއްޕާމެއަށް ވާސިލްވެ، މަޑުމަޑުން ފުއްޕާމޭ ހަލާކުކޮށްލާ ކަމަށް ހޯދުންތަކުން ވަނީ ހޯދިފައެވެ. އަދި ލޭގެ ތެރެއަށް އެ ވިހަތައް ވާސިލްވެ، ކެންސަރު ބައްޔަށް މީހާ ހުށައަޅުވާކަންވެސް ވަނީ ހޯދިފައެވެ. ސިއްހަތަށް ނުބަލައި ފައިސާއަށްޓަކައި ބަޔަކު ކުރަމުންދާ ނުރައްކާތެރި މަސައްކަތުގެ ސަބަބުން އިހަވަންދޫ ވަނީ ސިއްހީ ގޮތުން ކަންބޮޑުވާންޖެހޭފަދަ ދަރަޖައެއްގައިކަން ރަށުގެ ވެރިންވެސް ޤަބޫލުކުރައްވައެވެ. ފައިބަރު އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރުމުގައި ސަމާލުވުމަށް 2015 އޭޕްރީލް 21 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން ނެރުއްވާ ފައިވާ އިޢުލާނުގައި ވަނީ އިހަވަންދޫގައި ކެންސަރުބަލި ޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށް ބުނެފައެވެ.

އިހަވަންދޫ ސިއްހީމަރުކަޒުގެ ޕަބުލިކު ހެލްތު ޔުނިޓުގެ ވެރިޔާ، ކޮމިޔުނިޓީ ހެލްތް އޮފިސަރ އަޙުމަދު ރަޝީދު ވިދާޅުވީ ފައިބަރުގެ މަސައްކަތް ހާމަކަންބޮޑުގޮތެއްގައި ކުރަމުންދިޔުމާއި ފައިބަރުން އުފައްދާ ތަކެތި އެންދުމުގެ ސަބަބުން ވަރަށްބޮޑު ގެއްލުންތަކެއް ވަމުންދާނެ ކަމަށެވެ. "ބައެއްކަހަލަ ކެމިކަލްތައް މީހުންގެ ނޭވާލާ ނިޒާމަށް ދިޔާމަ ކެންސަރަށް މަގުފަހި" ވެގެން ދާކަމަށާއި އިހަވަންދޫ އިރުމަތީ ސަރަހައްދުގައި މީހުން ދިރުއުޅޭ ގެތަކާއި ކައިރީގައި ފައިބަރުގެ މަސައްކަތް ކުރުމުގެ ސަބަބުން، ފެންނަގާ ފުރާޅު ތަކަށާއި މީހުންގެ އަންނައުނު ތަކުގައާއި ބޯ ފެނުގެ ތެރޭގައި ވެސް ފައިބަރު އަސަރު ހުރުމުގެ މައްސަލަ ހުންނަ ކަމަށް ފާހަގަ ކުރެއްވިއެވެ. ރަޝީދު އިތުރަށް ވިދާޅުވީ މިމައްސަލާގައި ތަކުރާރުކޮށް ސަރުކާރާއި ވާހަކަ ދައްކާފައި ވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަމަށް އިޖާބައެއް ނުދެއްވާ ކަމަށެވެ. މިމައްސަލައަކީ ވަރަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވާ އަހުމަދު ރަޝީދު ވިދާޅުވީ އެންވަޔަރުމެންޓު މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގައިވެސް ތަކުރާރުކޮށް މިމައްސަލާގައި ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. ރަޝީދު އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ސިއްހީގޮތުން އެތައް ގެއްލުމެއް ވުމުގެ އިތުރުން އިހަވަންދޫގެ ވެށިވެސް ވަނީ މުޅިން ނުސާފުވެފައި ކަމަށާއި ފައިބަރު ކުރުމުގެ މަސައްކަތަކީ އިހަވަންދޫގައި މިހާރު ކުރަމުންދާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ، ފައިބަރުގެ މަސައްކަތަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރަން ރައްކާތެރި މަސައްކަތެއް ނޫން ކަމަށާއި، އިހަވަންދޫއަކީ އާބާދީގެ ގޮތުން ބޮޑު، ބިމުގެ ގޮތުން ކުޑަ ރަށަކަށް ވީއިރު ސިއްހީގޮތުން ބަލާނަމަ އިހަވަންދޫގައި ފައިބަރުގެ މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. ކަމަކީ "މިހާރުން މިހާރަށްވެސް ހުއްޓާލަން ޖެހޭކަމެއް" ކަމަށް ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ  ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން އިޖާބަ ނުދޭތީ، މިނުރައްކާތެރި މަސައްކަތަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތްތަކަށް މިހާރު ގޮތް ހުސްވެފައިވާ ކަމަށެވެ.

އިހަވަންދޫގެ މަލަމަތި އޮޑިހަރުގެ ވަޅުތަކުން ޖަރީވެގެން ދާއިރު ކޮންމެ އޮޑިހަރުގެވަޅަކުން ވެސް މަހުންމަހަށް ރައްޔިތުންގެ އެކައުންޓަށް ފައިސާ ދައްކަމުންދެއެވެ. އޮޑިދޯނި ފަހަރު ބަނދެ ވިއްކާ މީހުން އެމަސައްކަތް އިހަވަންދޫގައި ކުރަމުން އެދަނީ އާމްދަނީ ހޯދުމަށް އެމީހުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ކަހާތަން ހިރުވާވެސް ނުލާ އަޅުގަނޑުމެންގެ ނަފްސުތައް ފައިސާއަށް ވިއްކާލައިގެން ހަމަ ތިބެން ވީތޯއެވެ. ފައިބަރުގެ ވިހާގައި ޖެހި މުސަޅުތައް މަރުވެދިޔައީ އެވެ. އިހަވަންދޫގައި ފައިބަރުގެ ވިހައިގެ ވަކިތައް ހިއްޕާލާފައިވުން، އިންތިހާދަރަޖައިގެ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ބަލައި އެކަމަށް ހައްލު ހޯދުމަށް ތެދުވާނީ އިންސާނެއްގެ ފުރާނަ ދިޔައީމަ ތޯއެވެ؟

[BOTTOM CONTENT BANNER]
ޚާއްސަ ރިޕޯޓު, ކުނިގޮނޑު, އިހަވަންދޫ އިންޖީނުގެ, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިމަސައްކަތް ކުރަން ފަޅުރަށަކަށް ދާންވީނު ! ރަށުން މިކަމަށް ފުރުޞަތު ނުދިނުމަށް ގޮވާލަން

– 18 މެއި 2015 0

ކޮންމެކަމެއްކޮށްގެންވެސް ފައިސާ ހޯދުނީމަ ވީއޭ!

– 18 މެއި 2015 1

އެކަމެއް ނުހުއްޓުވޭނެ․․ އެއްވެސް ކަމެއް ނުކުރެވޭނެ․․ އެބައިމީހުންގެ އަތްދަށުގަ ކައުންސިލް․ އެބައިމީހުން ބުނާ ގޮތެއް ހަދާނެ ބޮޑުން․․ އެބައިމީހުންގެ އަތްދަށުގަ ރަށް․ ހުރިހާ ނުބައި ނުލަފާ ކަމެއްގެ މޭސްތިރިން․․ އަމިއްލަ އެދުމާއި އަމިއްލަ '' އަންބޮޑި'' ބޮޑުކުރަން މީހަކު ''ކަތިލަން'' ވެސް ފަހަކަށް ނުޖެހޭނެ․․ އެހާވެސް ނުބައި ނުލަފާ ބައެކޭ އެއަކީ ޙަމީދު․

– 18 މެއި 2015 0

ހަމީދުބޭ ތިވާހަކަ ލިޔެލިޔެ ވަރުބައްޔެއް ނުވޭތަ؟

– 18 މެއި 2015 0

މައުމޫނުގެ ވެރިކަމުގަ މައުމޫނާއި އަދުނާނު ކަތީބަށް ތިކަން ހައްލެއް ނުކުރެވުނު․ ނަޝީދުގެ ވެރިކަމުގެ ނަޝީދަށާ ކައުންސިލަރ މުހައްމަދު ރަޝީދަށް ތިކަން ހައްލެއް ނުކުރެވުނު․ ވަހީދުގެ ވެރިކަމުގަ ވަހީދަށާ ކައުންސިލަރު ސަމީރަށް ތިކަން ހައްލެއް ނުކުރެވުނު․ ޔާމިންގެ ވެރިކަމުގަ ޔާމީނަށާއި ކައުންސިލަރު އާސިފަށް ތިކަން ހައްލެއް ނުކުރެވުނު․ މިކަންތައް މިހާރު ބޮޑު ނުހޮރުއްޕާނަކަށް ވެއްޖެއްނު․

– 18 މެއި 2015 0

ރަށުގެ ރައްޔިތުންގެ ސިއްހަތާގުޅޭ ކަންތައްތަކުގެ ވުޒާރާގެ ވެރިޔާ އެބުނަނީ ގޮތް ހުސްވެއްޖެ ކަމަށް․ އެހެންވީމަ މީގެން އެނގޭ އެއްޗަކީ މީ ސަރުކާރުން އިހަވަންދޫގެ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަން․

– 18 މެއި 2015 0

އިހަވަންދޫ އަކީ ހާދަހާވާ ކަންތައް ބޮޑު ރަށެކޭ ދޯ؟ ތިރަށުގަ އުޅެނީ ނުކިޔަވާ ތިބި ގަމާރުންތަ․ ލާރިކޮޅެއްދީފަ ކަލޭމެންގެ ބޯމަތިން ރަށަށް ވައިޓް ފޮސްފެރަސް އެޅިޔަސް ހަމަ ތިހެން ހަމަޖެހިލާގެން ތިބޭނަން ދޯ؟

– 18 މެއި 2015 0

މިއީ ސަރުކާރާ ޖައްސާލައިގެން އުޅޭ ބަޔަކު ހިންގާ ސައިޓެއް․ ބޮއިކަޓް

– 18 މެއި 2015 3

މަވެސް ހަމަ ވަރަށް ދެރަވޭ․․․․ އިންސާނިއްޔަތުކަމެއް ހުރި އެކަކުވެސް ކައުންސިލްގަވެސް ނެތްކަމަށް ޤަބޫލުކުރަން․․․․․ މަށަށްވެސް ދެވުނު ދުންއެރި ގަޑެއްގަ އެހިސާބަށް․․․․ ވޭން ހުރި ކަމެއް އެއީ․․․ ބޮޑެތި މީހުން އެހާލުގަ އުޅޭ އިރު ކުޑަކުޑަ ތުއތުކުދިން އުޅޭނީ ކޮން ހާލެއްގައި․․․․ ޕިސް ޕިސް

– 18 މެއި 2015 0

ތީ އަހަރެމެންގެ ރަށުގަ ހިނގާ ކަމެއްނަމަ ތިބުނާ ހަރުގެތަށް ފެންނަންވެސް ނުބަހައްޓާނަން․ އިހަވަންދޫ މީހުން ހަމަ ގަމާރީ․

– 18 މެއި 2015 0

އެބައިމީހުންގެ އަތްދަށުގަ ރަށް،،،،،،،،،،ހަމީދުބޭ ތިވާހަކަ ލިޔެލިޔެ ވަރުބައްޔެއް ނުވޭތަ؟․․․އިހަވަންދޫ އަކީ ހާދަހާވާ ކަންތައް ބޮޑު ރަށެކޭ ދޯ؟ ތިރަށުގަ އުޅެނީ ނުކިޔަވާ ތިބި ގަމާރުންތަ․ ލާރިކޮޅެއްދީފަ ކަލޭމެންގެ ބޯމަތިން ރަށަށް ވައިޓް ފޮސްފެރަސް އެޅިޔަސް ހަމަ ތިހެން ހަމަޖެހިލާގެން ތިބޭނަން ދޯ․․․․ <br>ކީއްކުރަންތަ އިނގިތްޔަށް ތަދު ކުރަން ކޮމެންޓު ކުރނީ․․․․އެއްވެސް ކަމެއް ބަދަލެއް ނުވާނެ

– 19 މެއި 2015 0

ރަށުގެ ރައްޔިތުންގެ ހައްގުގައި ހަމީދު އެކުރަނީ ޖިހާދެކެވެ․ މައްސަލައަކީ މިސަރުކާރުގެ ކަންފަތް ބީރުވެފައި ލޯ ކަނުވެފައި ވާކަމެވެ․

– 19 މެއި 2015 0

އިންޖީނުގޭގަ ތިބި މެނޭޖަރުންނަށް ވަރަށް ވެދުން․ 3000 މީހުންގެ އާބާދީގެ ކޮންމެ 600 މީހަކަށް މެނޭޖަރެއްލައިގެން ރައްޔިތުންނަށް އަނިޔާ ދެނީ․

– 19 މެއި 2015 0

އަހުމަދު ރަޝީދޫ․ ގޮތް ހުސްވެއްޖިއްޔާ އިސްތިޢުފާދީ․ އަހަރެންނަށް އެނގޭ ތިކަން ހައްލު ކުރާނެ ގޮތް․ ޕަބުލިކް ހެލްތު ފެއިލް․

– 19 މެއި 2015 0

ރައްޔިތުންގެ ފައިސާއިން މަހު މުސާރަ ނަގާގެން ރަށުގަ ސިއްހީ މަރުކަޒުގަ ތިބި ހުރިހާ މުވައްޒަފުން، ޒިންމާ އަދާނުކުރެވޭނަމަ މިހާރުން މިހާރަށް އިސްތިއުފާދިނުމަށް ގޮވާލަން․ މުޅި ރަށް ކުނިގޮނޑަކަށްވާ އިރުވެސް އެމީހުނަށް އޯކޭ․

– 19 މެއި 2015 0

ހުރިހާވެސް އެއްޗަކީ ފައިސާ އެވެ․ ރަށުގެ ރައްޔިތުންންގެ ލާބަޔަށްކަމަށް ބުނެ ކުރިންވެސް ރަށުގެ ޒުވާނަކު އުޅުނު ޕެޓިޝަނެއް ހަދާގެން․ އޭނާގެ މަސައްކަތްވެސް ހުއްޓާލީ ފައިސާކޮޅެއްދީފަ އޭނާގެ އަނގަ ބައްދާލީމަ․ މަށަށް ހީވަނީ ހަމީދުގެ އަނގަވެސް ދުވަސްކޮޅަކުން ބައްދާލާނެހެން․

– 28 މެއި 2015 0