[HEADER BANNER]
[AD]

ދުމުގެ މައްސަލާގައި އެންމެފަހުން ޕެޓިޝަނެއް ހުށަހަޅައިފި

އިހަވަންދޫގައި ރައްކާތެރިނޫން ގޮތުގައި ކުނިނައްތާލުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ސިއްހީ، ނަފްސާނީ އަދި މާއްދީ ގެއްލުންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއް އިހަވަންދޫ ކައުންސިލަށް ހުށަހަޅައިފިއެވެ. ޕެޓިޝަނަށް ސޮއެ ހޯދުމަށް އިސްވެ ހަރަކާތްތެރިވި މިރަށު ހޯރަ އަހްމަދު ރިޟްވާން (ޖިޒްވާން) ބުނީ އެޕެޓިޝަން ކައުންސިލަށް ހުށަހެޅީ އިއްޔަކަމުގައެވެ.

ކުރިން އޭނާ މިނޫހަށް މައުލޫމާތުދެމުން ބުނީ، އެފަދަ ޕެޓިޝަނެއް އެކުލަވާލީ ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކު އެކަމުގެ ޝަކުވާ ކުރާތީއާއި އެމީހުން ތަހައްމަލު ކުރަމުންދާ ދަތިހާލުފެނި އެކަމަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތެއްކުރުމީ ފަރުދީ ޒިންމާއެއްކަމަށް އޭނާގެ ޒަމީރަށް ގަބޫލުކުރެވުމުން ކަމުގައެވެ. އޭނާ އިސްވެހުރެ އެކަމަށް ނުކުތީ ހައްގުތައްގެއްލި އަނިޔާލިބެމުންދާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

"ކުރިޔާ ހިލާފަށް މިހާރު ގިނަބައެއްގެ އެއްބާރުލުން މިކަމުގައި އެބަލިބޭ، ދާއިރާގެ މަޖިލިސް މެމްބަރު މުހައްމާވެސް އަހަންނާއި އެކަމުގައި މަޝްވަރާކުރި. ވިދާޅުވި އެންވައިރަމެންޓް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހައްލެއް ލިބޭތޯ މަސައްކަތްކުރަމުންދާ ވާހަކަ. ނަމަވެސް ކައުންސިލްގެ ހަބަރެއް އަދިނުވޭ. ނަމަވެސް މެމްބަރު ދެންނެވި އެބޭފުޅާ ކައުންސިލާއި އެކަމުގައި ވަޝްވަރާކުރިވާހަކަ" އަހްމަދު ރިޟްވާން ބުންޏެވެ.

އެޕެޓިޝަން ތައްޔާރުކުރުމަށްފަހު ހުށަނާޅާ އެހޭގިނަދުވަސްވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާބުނީ، އޭރުގެ ސިޔާސީ މަންޒަރުކު ކުރެހިގޮތުން އެކަމަށް ތަންނުދިނީކަމުގައެވެ. "އިހަވަންދޫގެ ސަރުކާރަށް ނިސްބަތްވާ ބައެއްބޮޑުން ދިއައީ އެކަމަށް ހުރަސްއަޅަމުން، އަހަންނަށް ވިސްނުނީ އޭރު ޕެޓިޝަން ހުށަހެޅިނަމަ އެބޭފުޅުން ޒާތީވެ އެއާދެކޮޅަށް މަސައްކަތް ކޮށްފާނޭ. ނަމަވެސް މިހާރު އެބޭފުޅުންނަށްވެސް ރައްޔިތުންގެ އަޑު އިވިއްޖެ. އެބޭފުޅުންނަށްވެސް ވިސްނިއްޖެ މީ ސިޔާސީ ކަމެއްނޫކަން" އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އޭނާ ބުނީ ކައުންސިލަށް ރައްޔިތުންގެ އަޑު އިވުނަސް އަދިވެސް ކައުންސިލުން އެކަން ހައްލުކުރަން ކުރާކަމެއް ނުފެންނަ ކަމުގައެވެ. "އަޑު އިއްވިއްޖެ، ވަގުތުވެސް ދެވިއްޖެ، ނަމަވެސް އަމަލީ މަސައްކަތް ނުފެންނާތީ ޕެޓިޝަން ހުށަހެޅީ، އަދި މިނޫނަސް އެތައްކަމެއް އެބަހުރި ހައްލުކުރަންޖެހޭ. އެކަމަކު އަހަންނަށް ކައުންސިލަރުން ފެންނަނީ އެކަންކަން ހައްލުކުރަން ކައުންސިލަށް ދާތީއެއްނޫން. މުސާރަބަލާ އެތަނަށް ދާތީ" އޭނާ ބުންޏެވެ.

ރިޟްވާން ބުނީ ބައެއް މީހުންގެ ފުރައްސާރަ އާއި އެކުވެސް އެމައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސާމަލުކަމަށް ގެނައުމަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރާ ކަމުގައެވެ. "އަދި ބޮޑު މަސައްކަތް އޮތީ، އެއީ އަމަލީ މަސައްކަތް. ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުން. ކައުންސިލުން މިކަން ހައްލުކުރަން މަސައްކަތް ނުކުރާނަމަ ދެން ނުކުންނާނީ ސިދާ ހަރަކާތަށް. މިހާރުވެސް މީނީ ކައުންސިލް އިދާރާގަ. ޖަވާބެއް ހޯދަން އައިސް" ރިޟްވާން ބުންޏެވެ.

ޕެޓީޝަނާ ބެހޭގޮތުން ކައުންސިލަރު އަލީ ޝަހީމާއި ސުވާލުކޮށްލުމުން އޭނާ ބުނީ އެފަދަ ޕެޓިޝަނެއް ހުށަހެޅިކަން އެގުނުކަމަށާއި ނަމަވެސް ރަސްމީކޮށް އަދި އެކަން ނާންގާކަމަށެވެ. "ކުނީގެ މެނޭޖްކުރުމުގެ ކަންތައް ހައްލުކުރުމަށް އަމަލީ މަސައްކަތެއް ކުރެވެމުން ދާކަމެއް އެގިފަކާނެތް" އޭނާ ބުންޏެވެ.

[BOTTOM CONTENT BANNER]
ކުނިގޮނޑު, އިހަވަންދޫ ކައުންސިލް, އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތީ ވާ ކަމެއް․․ ދޮންކަލޯ․․․․ އެސޮރުމެން ތިބޭނީ އޭސީ ރުމް ގައޭ ގިނަ ވަގުތު․․އެމީހުނައް ކޮން ކަމެހ․․․․․․ކަހާ ތަން ހިރުވާ ނުލާނެ/․․․․․․ބުނާނެ މަށަށް ނޭގެޔޭ ․․އެ އެއްޗެކޭ މި އެއްޗެކޭ․․․․ވާ ކަމެއް ހަރާމް․․ގޮޑީގަ ލޮނުމިރުސް އުނގުޅީމަ އެއްޗެއް ވިސްނޭނީ

– 21 މެއި 2015 0

ރައްޔިތުންނަށް ވަމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށާއި ރައްޔިތުންނަށް ކުރާ ދުއްތުރާ ވަގުތުން ހުއްޓާދިނުމުގެ އަމުރަކަށް އެދި ކޯޓަށްވެސް ތިމައްސަލަ ހުށައަޅަން ފެނޭ․

– 22 މެއި 2015 0