[HEADER BANNER]
[AD]

ނޭފަތަށް އިނގިލި ލައިގެން ކޮށްޓުން – ރަނގަޅު ގޮތެއް ނޭގުނު!

މައިން ބަފައިން އަބަދުވެސް މަސައްކަތްކުރާނީ ރީތި އަދަބުތަކަށް ދަރިން ހޭނުވުމަށާއި ނުރަގަޅު ގޯސް ސިފަތަކުން ދަރިން ދުރުކުރުވުމަށް ކަން ޔަގީނެވެ. އެގޮތުން ކަންފަތާއި ނޭފަތަށް އަތްލައިގެން ކޮށްޓުމަކީ "ހަޑިކަމެއް" ކަމަށް އެމީހުން ބުނެދެއެވެ. އިސްކޫލް ފޮތްބައިގައި އޮންނަނީ އެހެންނެވެ.

އެއީ ހަޑިކަމެކެވެ. ހަޑިކަމެއް ކޮށްގެން ނުވާނެތާއެވެ. ހަޑިކަމެއް ކުރާނީވެސް ހަޑިކުދިންތާއެވެ. މިހާހިސާބުން ވަރަށްގިނަ، ޖަވާބުނުލިބޭ ސުވާލުތަކެއް ހިތައް ފައިބައިގެން ދެއެވެ.

ނޭފަތުގައި މަޑު ހުންނަނީ ހަމައެކަނި ހަޑިކުދިންގެ ބާވައެވެ؟ ރަގަޅު ކުދިންގެ ނޭފަތުގައި މަޑު ނުހުންނަނީ ބާވައެވެ؟ މަޑު ހުރެއްޖެއްޔާ އެދެން ހަޑި ކުއްޖަކަށް ވީބާވައެވެ؟ ނޭފަތުގައި މަޑު ހުއްޓަސް ހަޑިކުއްޖަކަށް ވެދާނެތީ ސާފުނުކޮށް ބަހަށްޓަން ޖެހެނީބާއެވެ؟ ރީތިކުދިން އަޅެ ސާފެއްވެސް ނުކުރޭބާއެވެ؟ އެހެންވިއްޔާ ރީތިކުދިން މާ ނުތާހިރު ތާއެވެ؟ ނޭފަތުން މަޑު ވެސް ނުނަގާ އެ ބަހައްޓަނީ ވިއްޔާއެވެ؟ ނޭފަތުގައި ހެދޭ މަޑު ނަގާނީ ކިހިނެއް ބާއެވެ؟ އިނގިލިން ބާއެވެ؟ ފަންސުރުން ބާއެވެ؟ މިހެންގޮސް އެތައް ސުވާލެކެވެ.

މަރުޙޫމް ހުސެއިން ޞަލާޙުއްދީން ވަނީ ދަތް ކޮށްޓުމާއި ނޭފަތާއި ކަންފަތުން މަޑުނެގުމާއި ބެހޭގޮތުން ވަރުގަދަ ފަންޑިތަބަހެއް ދޫކުރައްވާފައެވެ. ޞަލާޙުއްދީން ލިއުއްވި "ކުށްނުތިބޭ ފަންޑިތަ ސަތޭކަ އެގާރަބަސް" މި ފޮތުގެ 75 ވަނަ ބަހަކަށް އޮތީ "މީހުންގެ ތެރޭގައި އިނދެ ދަޓްކޮށްޓުމާއި ނޭފަތުން، ކަންފަތުން މަޑުނެގުން ހެޔޮނުވާނެ" ކަމަށެވެ. ޞަލާޙުއްދީންގެ ފަންޑިތަ ބަހުން ގިނަ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. މަޑުނެގުމަކީ ކުރަންޖެހޭ ކަމެއްކަމެވެ. އެކަން ހަޑިކަމަކަށްވަނީ މީހުންގެ ތެރޭގައި ކުރުމުން ކަމެވެ.

ދެން ޖަވާބު ހޯދަން އޮތީ އެންމެ ބޮޑު ސުވާލަށެވެ. އެކަން ކުރާނީ ކިހިނެއް ކޮންގޮތަކަށްތޯއާ މެދު އުފެދޭ ސުވާލަށެވެ.

މިސުވާލަށް ޖަވާބު ހޯދައިލުމަށް ކުޑަކޮށް އިންޓަރނެޓް ހާވައިލީމެވެ. ފުރުތަމަވެސް އަޅާގަތީ "ސަލާމަތް ސިއްހަތަކަށް ކޮންމެހެން ދޫކޮށްލަންޖެހޭ ބައެއް އާދަތައް" ނަމުގައި 26 މާރިޗް 2013 ވަނަދުވަގެ، "ހަވީރު" ނޫހުގައި ފާތުމަތު އަނީސާ ލިއުއްވާފައިވާ ލިއުމެއްގައެވެ. އެކަމަނާ ލިއުއްވާފައިވާ ގޮތުގައި ނޭފަތް ކޮށްޓުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެކެވެ. ސަބަބަކަށް އެކަމަނާ ލިއުއްވާފައިވަނީ، އެކިއެކި ތަންތަނުގައި އަތާއި އިނގިލިތައް ހޭކި ނުސާފުވެފައި ހުއްޓާ، ނޭފަތް ކޮއްޓަން އިނގިލި ނޭފަތަށް ލުމުން އަރިދަފުސް ރޯގާ އާއި އެނޫންވެސް ތަފާތު ވައްތަރުގެ އިންފެކްޝަންތައް ޖައްސާ ވައިރަސްތައް ހަށިގަނޑުގެ ތެރެއަށް ވަނުމުގެ މަގު ފަހިވާކަމަށެވެ.

ނަމަވެސް އަނީސާއާ ހިޔާލު ތަފާތު އެތައް ތަޖްރިބާ ކާރުންގެ ފިކުރުތައްވެސް ކުޑަކޮށް ހާވާލުމުން ފެނުނެވެ. އެގޮތުން އޮސްޓްރިއާގެ ޕްރޮފެސާރ ޑރ. ފްރެޑްރިޗް ބިސްޗިންގާރ ވިދާޅުވަނީ ނޭފަތުން މަޑުނެގުމަކީ ކުރުން އެންމެ އެދެވިގެންވާ ކަމެއްކަމަށެވެ. އަދި އެކަން ކުރުން އެންމެ މޮޅުއިތުރީ ތިމާގެ އިނގިލިން އެކަން ކުރުމުންކަމަށްވެސް ވިދާޅުވެއެވެ. ސަބަބެއްކަމަށް ވިދާޅުވަނީ ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ބޭނުންކޮށްގެން ސާފުކުރެވޭ ވަރަށް ވުރެ ބޮޑު ހިސާބެއް ތިމާގެ އިނގިލި ބޭނުންކޮށްގެން ސާފުކުރެވޭނެކަމެވެ.

ޑރ. ފްރެޑްރިޗް ބިސްޗިންގާރ ދެން ވިދާޅުވަނީމާ ފަކުރު ވާހަކައެވެ. ފްރެޑްރިޗް ވިދާޅުވަނީ އެންމެ މަންފާ ބޮޑުގޮތަކީ، ސާފުކުރުމަށް ފަހު ނެގޭ މަޑުތައް އަނގައަށް ލާ ކާލުމުން ކަމަށެވެ. ސަބަބެއްކަމަށް ދައްކަވަނީ ނޭފަތަކީ ތަފާތު ބެކްޓީރިއާތައް އުފެދި ބޮޑުވާ ހާޢްޔެއް ކަމުން އެއުފެދޭ ބެކްޓީރިއާތައް މައިދާއަށް ފޮނުވާލުމުން (ކާލުމުން) ބޭސް އަދާކުރާ ވަޒީފާތައް އެ އަދާކުރާކަމަށެވެ. އަދި އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ބަރުދީ އިތުރަށް ތަރައްޤީވާ ކަމެއްކަމަށެވެ. ނަމަވެސް ހަމައެކަނި ތަފާތަކީ އަގުބޮޑު ބޭސްތަކާއި ޚިލާފަށް މިކަމަކީ ހިލޭކުރެވޭ ކަމަކަށް ވާތީއެވެ.

ކޮންމެއަކަސް ޑރ. ފްރެޑްރިޗްގެ  ވާހަކަތަކާއި މެދު ވަކިގޮތަކަށް ނިންމާކަށް ނެތީމެވެ.

ކޮންމެއަކަސް ނޭފަތް ކޮއްޓުމަކީ އެންމެވެސް ކުރާކަމެކެވެ. ފާޅާއި ސިއްރުގައެވެ. ނަމަވެސް އެކަމަށް އެއްބަސް ނުވަނީ ލަދުވެތި ކަމެއްކަމަށް ދެކިއެވެ. މީ އަރެން ބުނާ ވާހަކައެއް ނޫނެވެ. ރިސާޗްކޮށް ރިސާޗަރުން ބުނާ ވާހަކައެވެ. 1995 ވަނައަހަރު އެކަމާއި ގުޅޭގޮތުން ރިސާޗްކުރި އެމެރިކާގެ ދެ ރިސާޗަރުން ކަމަށްވާ ތޮމްސަން އާއި ޖެފާސަންވެސް ބުނީ މިހެންނެވެ.

މިއީ ފިޠުރީގޮތުން އެންމެންގެ ކިބައިގައި ހުރި އާދައަކަށް ވިޔަސް އެކަންކުރުމުގައި ސަމާލުކަން ދޭންޖެހޭ ދެތިންކަމެއް އެބައޮތެވެ. ނޭފަތް އިންނަނީ މޫނުމަތީގެ "ޑޭންޖާރ ޓްރޭންގަލް އޮފް ދަ ފޭސް" އޭ ކިޔާ ހިސާބުގައެވެ. އެއީ ތުންފަތުގެ ދެމިޔަ ކަނުން ފެށިގެން ނޭފަތުގެ އެންމެ މަތީ ކަނާ ހަމައަށް ވާ ހިސާބެވެ. ވުމާއި އެކު ނޭފަތް ސާފުކުރާއިރު ނޭފަތުގެ ދެހޮރު ވަކިކޮށްދޭ ފާރަށް ގެއްލުމެއް ނުލިބޭހާ އޯގާތެރިކޮށް އެކަން ކުރަންޖެހެއެވެ.

ނޫނީ 2008 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 5 ވަނަދުވަހު ޑެއިލީމެއިލްގައި ލިއެފާއޮތް ހަބަރުގައި ވާހެން، ނޭފަތް ކަހަމުން ގޮސް " މޫނުމަތީގެ ނުރައްކާ ތިނެސްކަނުގެ" ޝިކާރައަކަށްވެ ދުނިޔެ ދޫކުރަން ޖެހިދާނެއެވެ.

މި މައުޞޫ ކޮނުނުވަރަކަށް އިތުރަށް އުފެދެނީ ސުވާލެވެ. ގޮތެއް ނިންމަވާނީ ކިޔުން ތެރިންނެވެ. އަހަންނަށް މިކަމުގައި އަމަލުކުރާނެ ރަނގަޅު ގޮތެއް ނޭގުނެވެ. ނަމަވެސް ހުސެއިން ޞަލާޙުއްދީނުގެ ފަންޑިތަ ބަހުގައި ހިފުމަށް އެންމެ ކިޔުންތެރިންނަށް ވަސީޔަތް ކުރަމެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ