[HEADER BANNER]
[AD]

މޮޅަދޫ މީހުން ދިއްދޫއަށް ބަދަލުކުރުމުގެ އަޑު ގަދަވަނީ

ހއ. މޮޅަދޫ ގައި ދިރިއުޅޭ މީހުން ހއ. ދިއްދޫއަށް ބަދަލުކުރުމުގެ ވާހަކަ އަނެއްކާވެސް ގަދަވާން ފަށާފިއެވެ. އހ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އިއްޔަ އެބޭފުޅާގެ ފޭސްބުކް ސްޓޭޓަސްގައި ލިއުއްވާފައިވަނީ މޮޅަދޫގެ ރައްޔިތުން ދިރިއުޅޭނެ ތަނަކާއި މެދު ގޮތެއްނިންމަވާނީ ހަމަ އެރައްޔިތުން ކަމަށެވެ. މިކަމާއި ގުޅިގެން އެބޭފުޅާއާއި ގުޅާލުމުން އެބޭފުޅާ ވިދާޅުވީ އެފަދަ ވިސްނުމެއް ސަރުކާރުން ގެންގުޅޭކަމުގެ މައުލޫމާތު ލިބިލައްވާފައިވާ ކަމުގައެވެ.

"ފުދޭވަރަކަށް ދުވަސްވެއްޖެ މުޅަދޫގެ ފާލަން ހަލާކުވެފައި ހުންނާތީ މަރާމާތުކުރަން ސަރުކާރުގައި އެދެމުން ދާތާ. ނަމަވެސް ޖަވާބެއް ނުލިބޭ. އެންމެފަހުން އިހައްދުވަހު، ހައުސިން މިނިސްޓްރީން ޖަވާބު ދެއްވައިފި، އޭގައި މިއޮންނަނީ މިއަހަރުގެ ބަޖެޓްގައި މޮޅަދޫގެ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އޮތް ނަމަވެސް، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތްކަތް ކުރިޔަށް ދާތީ އެކަން މަޑުޖައްސާލާފައިވާ ވާހަކަ. އެކަމާއި މެދު ވަކިގޮތެއް ނިންމާނީ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށް" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް އަހުމަދު އަޝްރަފް ވިދާޅުވީ އެކަހަލަ ކަމެއް ރަސްމީކޮށް އަންގަފައި ނުވާކަމަށާއި އެކަމަށް ސަރުކާރުގެ ވިސްނުން ހުރިކަމުގެ މައުލޫމާތު ލިބިލައްވާފައިވާ ކަމުގައެވެ.

"ކުރިން ދިއްދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ކައުންސިލަރުން މިކޮޅަށް އައިސް މޮޅަދޫ މީހުން އެރަށަށް ބަދަލުވުމާއި މެދު މަޝްވަރާކުރި. ނަމަވެސް ރައްޔިތުން ހެދީ ދެކޮޅު" އަހުމަދު އަޝްރަފް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޮޅަދޫ ކައުންސިލުން މިއަދުވަނީ ރައްޔިތުންނާއި ބައްދަލުކޮށް އެކަމުގައި މަޝްވަރާކޮށްފައެވެ. އަދި އެބައްދަލު ވުމުގައި ރައްޔިތުން އެދިފައިވަނީ، ފާލަމެއް ބޭނުންނޫން ކަމަށާއި ބޭނުމީ ބަނދަރެއް ކަމަށް އިޤްރާރުވެ ކައުންސިލުން ޤަރާރެއް ފާސްކޮށް ދިނުމަށެވެ. އަދި އެރަށުގެ ރައްޔިތުން އެހެންރަށަކަށް ބަދަލުކުރުމަށްވެސް ނޫނެކޭ ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

123 ހެކްޓަރު ހުންނަ މޮޅަދުއަކީ އިހަވަންދިއްޕޮޅުގައި އޮންނަ އެންމެ ބޮޑު ރަށަށްވީނަމަވެސް އެއީ ހއ. އަތޮޅުގައި މިވަގުތު އޮތް އެންމެ އާބާދީ މަދު ރަށެވެ. 2014 ވަނަ އަހަރުގެ ބޯހިމެނެމުން ދައްކާގޮތުގައި މޮޅަދޫގެ އާބާދީއަކީ 231 އެވެ.

ފަހުގެ ތާރީހެއްގައި ހއ އަތޮޅުގެ ދެ ރަށެއްގެ މީހުން އެހެން ރަށްތަކަށް ބަދަލުކޮށްފައި ވެއެވެ. އެއީ ހއ ބެރިންމަދޫ އާއި ހަތިފުއްޓެވެ. ހަތިފުށީ މީހުން ހދ.ހަނިމާދޫއަށް ބަދަލުކޮށްފައިވާއިރު ބެރިންމަދޫ މީހުން ބަދަލުކުރީ ހުވަރަފުއްޓަށެވެ.

[BOTTOM CONTENT BANNER]
ހއ. މޮޅަދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހުވަރަފުއްޓެއްނޫން․ ހޯރަ ފުށި․

– 27 މެއި 2015 0