[HEADER BANNER]
[AD]

ޚަލީޤު ބަންދުން ދޫކޮށްލުމުން ދައުލަތުން އިސްތިޢުނާފުކޮށްފި

22 އޮކްޓޫބަރު 2012 0

ބަދުއަޚްލާޤީ ކުށެއްގެ ތުހުމަތުގައި މިދިޔަ މަހު އިހަވަންދޫން ހައްޔަރުކުރި، ހއ. އިހަވަންދޫ ވަފާ ޤުރުއާން ކްލާހުގެ މުދައްރިސް، ޕާކިސްތާނުގެ އަލްޙާފިޒް ސައްޔިދު ޚާލިޤު  ރަޙުމާނުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ފުލުހުން ހުށަހެޅުމުން، ތަޙްޤީޤު ނިމިފައިވާ ކަމަށް ބުނެ، އެ ކޯޓުން އޭނާ ދޫކޮށްލާފައިވާތީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ މެދު ވަކިގޮތެއް ޝަރީޢަތުން ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ބުނެ، ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޕްރޮސިކުއަޓާ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މި އިސްތިޢުނާފާ ގުޅިގެން މިއަދު 11:00 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ބާއްވާފަ އެވެ. ދައުލަތުގެ ދައުވާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ތަޙްޤީޤު މަރަހުލާ ނިމުމަކީ ކުށްކުށަށް ތުހުމަތު ކުރެވޭ މީސްމީހުން ބަންދުން ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތައް އެގޮތުގައި ހުރިނަމަ، ތަޙްޤީޤު ފުރިހަމަވެފައި ވީނަމަވެސް އެއްވެސް ފަރާތެއް ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ކޯޓުތަކަށް ލިބިގެން ނުވާކަމަށާއި، މި މައްސަލާގެ ތަޙްޤީޤު ނިމިފައި ވީނަމަވެސް، ސައްޔިދު ޚާލިޤުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާމެދު ޝަރީޢަތުން ވަކިގޮތެއް ނިންމުމުގެ ކުރިން ބަންދުން ދޫކޮށްލުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށް އެ ދައުވާގައި ފާހަގަކޮށްފައިވާ ކަމަށް، ވަރަށް މުޢުތަބަރު ފަރާތަކުން މި ސައިޓަށް މަޢުލޫމާތު ދީފައިވެ އެވެ.

އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ސައްޔިދު ޚާލިޤު ހާޒިރުވެ އިނީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް ރޫމްގަ އެވެ. އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ދިޔަ މި އަޑުއެހުމަށް ފަހު ދެން އިތުރު އަޑު އެހުމެއް ބާއްވާނީ ޙުކުމް ކުރުމަށް ކަމަށް މި ސައިޓަށް މަޢުލޫމާތު ލިބިފައިވެ އެވެ.

ސައްޔިދު ޚާލިޤުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާ ގުޅިގެން ކްލަބް ޕޯލްސްޓާރއިން ހިންގަމުން އަންނަ ވަފާ ޤުރުއާން ކްލާސް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި މި ކްލާސް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރަމުން އަންނަކަމަށް ކްލަބް ޕޯލްސްޓާރ އިން މަޢުލޫމާތުދެ އެވެ.

[BOTTOM CONTENT BANNER]
ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ