[HEADER BANNER]
[AD]

ވަޒީފާ އަދާކުރަމުންވެސް 6 މަަސް ވަންދެން ގާތުން ކިރު ދެވިދާނެ – މިކަން ކާމިޔާބު ކުރަމާ!

31 ޖުލައި 2015 1

ﷲ ސުބުޙާނަހޫ ވަތަޢާލާ ހައްދަވާފައިވާ ކޮންމެ އެއްޗަކީ، ކޮންމެ މަޚްލޫޤަކީ ވަރަށް ފުރިހަމައަށް ހައްދަވާފައިވާ އެއްޗެކެވެ. އެކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާގެއެވެ. އެކަލާނގެ ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ އެ އެއްޗެއް އެއަށްވުރެ މޮޅުކުރުމަށް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެހައި ފުރިހަމަކޮށެވެ.

އެގޮތުން ކޮންމެ ކުއްޖެއްވެސް އުފަންވުމާއިއެކު، އެކުއްޖާގެ ރިޒުގެެއްގެ ގޮތުގައި ލައްވަވާފައިވާ މައިމީހާގެ ކިރަކީ ދަރިފުޅަށް ދެވޭ އެންމެ ބޭނުންތެރި އަދި އެންމެ ފުރިހަމަ ކާނާ އެވެ. އެކިރުގައި އެކުލެވެނީ ކުޑަކުއްޖާއަށް ކާނާގެ ގޮތުން ބޭނުންވާނެ ހުރިހައި އެއްޗިއްސެވެ. އެ އެއްޗެހި ހިމަނުއްވާފައިވަނީ އުނި އިތުރެއް ނުވާނެހައި ފުރިހަމައަށެވެ. ދިރުންހުރި ބައިލޮޖިކަލް ކިރެވެ. އެކިރުގައި އެކުލެވޭ އެއްބާވަތަކީ ލެކްޓޯފެރީންނެވެ. އެއީ ދަގަނޑުގެ ބައި ހިމެނޭ އެއްޗެކެވެ. ނުރައްކާތެރި ބެކްޓީރިޔާ ތަކުން ކުޑަކުއްޖާގެ ހަށިގަނޑު ސަލާމަތްކުރުމަށް ލެކްޓޯފެރީން އެހީވެދެއެވެ. އަދި ސަރުބީއާއި ހަޖަމްކޮށްދިނުމަށް މައިމީހާގެ ކިރުގައި އެކުލެވޭ "ލައިޕާސަސް" ކިޔާ މާއްދާ އެހީތެރިވެދެއެވެ. އަދި މައިމީހާގެ ކިރުގައި ހަށިގަނޑު ބޮޑުވުމަށާއި ކަށިތައް އުފެދުމަށް އެހީވެދޭ މާއްދާތައް އެކުލެވެއެވެ.

މައިމީހާގެ ކިރަކީ ކުޑަދަރިފުޅަށްލިބޭ ފުރަތަމަ ދިފާޢީ ވެކްސިންއެވެ. ބަލިބަލިން ދިފާޢުވުމުގެ ބާރު ކިރުގައި ހިމެނެއެވެ. ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކުން ކުޑަދަރިފުޅު ސަލާމަތްކޮށްދެއެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމަށްޖެހޭ ބަލިތަކުންވެސް ދިފާޢުކޮށްދެއެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ހަރުދަނާކޮށްދީ ވަރުގަދަކޮށްދިނުމުގައި މައިމީހާގެ ކިރު އަދާކޮށްދެނީ ވަރަށްވެސް މުޙިންމު ރޯލެކެވެ.

ހަމަސް ވަންދެން ހަމައެކަނި ގާތުން ކިރުދީފައިވާ ކުދިންގެ ސިކުނޑީގެ ތޫނުފިލިކަން މާރަގަޅު ކަމުގައި ދިރާސާ ތަކުން ދައްކައެވެ. އެކްސްކުލޫސިވް ބްރެސްޓްފީޑިން ނަކީ ދަރިފުޅަށް ހަމަސްވަންދެން އިތުރު ކާނާ އެއް ނުދީ ހަމައެކަނި ގާތުން ކިރުދިނުމެވެ. ދަރިފުޅަށް ބޭނުންވާ ކާނާގެ ހުރިހާ މާއްދާ އެއް ގާތުންދޭ ކިރުގައި އެކުލެވިގެންވެއެވެ. ކިތަންމެ ހޫނުގަދަ މާޙައުލަކަށް ވިއަސް، ތުއްތު ދަރިފުޅަށް ފުދޭ ވަރަށް މައިމީހާގެ ކިރުގައި ފެން އެކުލެވިގެންވެއެވެ. އަދި ގާތުން ކިރުދިނުމުން އެކިއެކި ޖަރާސީމުތަކުންނާއި ޖެހޭ ބަލިތަކުން ދަރިފުޅު ދިފާޢު ކޮށްދެއެވެ. ބޭރަށް ހިންގުން، ކެއްސުން، އަރިދަފުސް ރޯގާ، ކަންފަތުގައި ޖަރާސީމު އަށަގަތުން އަދި ކުޑަކަމުދާ ނިޒާމަށްޖެހޭ ބަލިތައް ގިނައިން ޖެހެނީ ގާތުން ކިރުދޭ ކުދިންނަށް ވުރެ ބޮޑަށް ބުއްފުޅިދޭ ކުދިންނަށެވެ.

ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 1-7 އަށް ފާހަގަ ކުރަނީ ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާގެ ގޮތުގައެވެ.  މިއަހަރު މި ހަފުތާއަށް ކަނޑައަޅާފައިވާ ޝިއާރަކީ "ވަޒީފާ އަދާކުރަމުންވެސް 6 މަަސް ވަންދެން ގާތުން ކިރު ދެވިދާނެ – މިކަން ކާމިޔާބު ކުރަމާ!" މިއެވެ.

ގާތުންކިރުދިނުމަކީ މައިންނަށްވެސް މިކަމުގެ ފައިދާ ވަރަށް ބޮޑު ކަމެކެވެ. މިގޮތުން އުރަމަތީގެ ކެންސަރުންނާއި ރަހިމަށް ޖެހޭ ކެންސަރުން ސަލާމަތްވުމަށް އެހީވެދެއެވެ. އަދި ޢުމުރުން ދުވަސް ވުމުންވެސް ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް ވެސް އެހީއަކަށް ވެދެއެވެ. ކުއްޖާއަށް ހަމަސްފުރުމުން އިތުރު ކާނާ ދިނުމާއި އެކު ދެ އަހަރުވަންދެން ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ގާތުން ކިރު ދިނުމަށް ލަފާދެއްވައެވެ. ކޮންމެ މަންމަޔަކު ވެސް ތުއްތު ދަރި ފުޅުގެ އުމުރުން ހަމަސް ވަންދެން ހަމައެކަނި ގާތުން ކިރުދިނުން މުހިއްމެވެ.

ގާތުން ދިނުމަކީ ކޮންމެ މަޔަކާއި ތުއްތު ކުއްޖަކަށް އެއްވެސް އެހީ އަކާ ނުލައި ފުރިހަމަޔަށް ކުރެވިދާނެ ކަމެއް ކަމުގައި ދެކުމަކީ ކުށް ހީއެކެވެ. ގުދުރަތީ ގޮތުން އިހްސާސްތަކެއްގެ ޒަރީއާއިން މައިންނާއި ތުއްތު ކުދިންނަށް ކާމިޔާބުކަމާ އެކު ގާތުން ކިރުދިނުން ކުރިޔަށް ގެންދެވުނު ނަމަވެސް، އެއީ ދަސްކުރަންޖެހޭ ހުނަރެއްކަން ވެސް ފާހަގަކޮށްލުން މުހިންމެވެ. ގާތުން ކިރުދިނުމުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވެނީ މިސަބަބަށްޓަކައެވެ.

ގާތުން ކިރު ދިނުމަށްޓަކައި ބަލިވެ އިންނަ ހިސާބުން ފެށިގެން ތައްޔާރު ވާންޖެހެ އެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. ވިހެއުމުގެ ތެރޭގައާއި، ވިހެއުމަށްފަހު، އަދި ދަރިފުޅުގެ އުމުރުން 6 މަސް ދުވަސް ވަންދެން ހަމަ އެކަނި ގާތުުން ކިރު ދިނުމަށްޓަކައި، ފިރިމީހާ އާއި ގާތްތިމާގެ މީހުން ކުޅޭ ދައުރު ވަރަށް މުހިންމެވެ. މިކަމަށް މަގު ފަހިވާނޭ ފަދައިން ގޭތެރޭގެ ކަންތައްތައް ރާވާލުމާއި، މައިމީހާއަށް އޯގާތެރިވުމުމާއި އަޅައިލުން ހިމެނެއެވެ. 3 މަސްދުވަހުގެ މެޓަރނިޓީ ޗުއްޓީއަށް ފަހު، ވަޒީފާއަށް ނިކުންނަ އިރު ވެސް، ގާތުން ދޭ މައިންނަށް ލުއިފަސޭހަތަކަކާއި އެއްބާރުލުން ބޭނުންވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ސަޅި ތީތި ސަމާ

– 29 މާރިޗު 2017 1