[HEADER BANNER]
[AD]

ޤާރީ ޚަލީޤު ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި

6 ނޮވެމްބަރު 2012 0

ބަދުއަޚްލާޤީ ކުށެއްގެ ތުހުމަތުގައި ސެޕްޓެމްބަރު މަހު އިހަވަންދޫން ހައްޔަރުކުރި، ހއ. އިހަވަންދޫ ވަފާ ޤުރުއާން ކްލާހުގެ މުދައްރިސް، ޕާކިސްތާނުގެ އަލްޙާފިޒް ސައްޔިދު ޚަލީޤު  ރަޙުމާނު ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލާފައި ވަނިކޮށް، އޭނާ 15 ދުވަސް ވާންދެން ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ކޮށްފި އެވެ.

އޭނާ ބަންދުކުރުމަށް ހައިކޯޓުން އަމުރުކުރީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ފުލުހުން ހުށަހެޅުމުން، ތަޙްޤީޤު ނިމިފައިވާ ކަމަށް ބުނެ، އެ ކޯޓުން އޭނާ ދޫކޮށްލާފައިވާތީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ މެދު ވަކިގޮތެއް ޝަރީޢަތުން ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ބުނެ، ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޕްރޮސިކުއަޓާ ޖެނެރަލްގެ ފަރާތުން، އެ ކޯޓުގައި ކުޅަ އިސްތިޢުނާފާ ގުޅިގެން ގޮތެއް ނިންމުމަށް މިއަދު 2:45 ގައި އެ ކޯޓުގައި ބޭއްވި އަޑު އެހުމުގަ އެވެ.

ކުރީދުވަހެކޭ ވެސް އެއްގޮތަށް މި އަދުގެ މަޖިލީހުގައި ވެސް ސައްޔިދު ޚަލީޤު  ރަޙުމާނުހާޒިރުވެ އިނީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް ރޫމްގަ އެވެ. އޭނާ ބަންދު ކުރުމަށް ހައިކޯޓުން ކަނޑައެޅުމާ އެކު އޭނާ ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި އޭނާ ދިއްދޫ އަށް ބަދަލު ކުރާނެ އެވެ.

ސައްޔިދު ޚަލީޤު  ރަޙުމާނު ބަންދުކުރުމަށް އަމުރު ނެރުނުއިރު، ބަދުއަޚްލާޤީ މައްސަލައެއްގެ ތުހުމަތުގައި އިތުރު އެހެން މީހަކު ވެސް ވަނީ އިހަވަންދޫން ހައްޔަރުކޮށްފަ އެވެ.

[BOTTOM CONTENT BANNER]
ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ