[HEADER BANNER]
[AD]

800 މިލިއަން ޑޮލަރުގެ އެއާޕޯޓް، ރާއްޖޭގެ ތަރައްޤީ އާއުސްމިން ތަކަކަށް


ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އަދި އޭޕްރަން، ފިއުލް ފާމާއި ކާގޯ ޓާރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށް ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދަކީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރުގައި ތަރައްޤީކުރެއްވުމެވެ.

އެއާޕޯޓްގައި އާ ރަންވޭއެއް ހަދައި ޒަމާނީ ޓާމިނަލެއް އެޅުމަށް ކުރިއަށް ގެންދާ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވީ 6 އެޕްރީލް 2016 ވަނަ ދުވަހުގެ ރޭ، ދަރުބާރު ގޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.

2018 ވަނަ އަހަރުގެ ނިޔަލަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިތަން ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޒަމާނީ ފެންވަރުގެ އެއަރޕޯޓަކަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަޝްރޫއުގެ ދަށުން އެއަރޕޯޓް ތަރައްގީ ކުރަނީ އެންމެ ބޮޑެތި އެއާކްރަފްޓް، އޭ-380 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ.

މިމަޝްރޫއުގެ ދަށުން 65 މީޓަރު ފުޅާ، 3400 މީޓަރު ދިގު ރަންވޭއެއް މުޅިންއަލަށް ހަދަންވަނީ ހަމަޖެހިފައެވެ. އޭރުން، މިހާރު ބޭނުން ކުރާ ރަންވޭ ދެން ބޭނުން ކުރާނީ ޓެކްސީ ވޭއެއްގެ ގޮތުގައެވެ. ޒަމާނީ ފެންވަރުގެ ޓާމިނަލަކާއި، މިހާރު ތެޔޮ ރައްކާކުރާ ވަރަށްވުރެން، ދެ ގުނަ އިތުރަށް ތެޔޮ ރައްކާ ކުރެވޭނެ ފިއުލް ފާމަކާއި ބޯޓުތަކަށް ތެޔޮ އަޅާނެ ޒަމާނީ ޕަމްޕް ސްޓޭޝަނެއް ގާއިމްކުރުމުގެ އިތުރުން، މުޅިން އާ ގާކޯ ޓާމިނަލެއް ވެސް ތަރައްގީކުރެވޭނެއެވެ.  މީގެ އިތުރުން އެއާޕޯޓްގައި ބޭނުން ކުރާ ނެވިގޭޝަންތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލު ކުރަން ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއު ނިމުމުން، މިހާރު އެއަރޕޯޓަށް ބޯޓްފަހަރު ޖައްސަން ޖާގަ ނުލިބުމާއި ފުލައިޓް ޑީލޭވުމުގެ މައްސަލައާއި އަދި ޕާކްކުރާނެ ޖާގަނެތުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެއެވެ.

އެއަރޕޯޓްގެ ފިއުލްފާރމް ތަރައްޤީކުރުމަކީވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ މުހިއްމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ހުރި މިންވަރަށްވުރެ ތިންގުނަ އިތުރު ޢަދަދަކަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމް އެއަރޕޯޓުގައި ހަމަޖެހިގެންދާނެއެވެ. އެގޮތުން މިތަނުގައި ތަރައްޤީކުރާ އިމާރާތްތަކާއި، ސްޓްރަކްޗަރތަކުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، 15،000 ކިއުބިކް މީޓަރުގެ އޭވިއޭޝަން ފިއުލް ރައްކާކުރެވޭނެ 3 ޓޭންކް ހެދިގެންދާނެއެވެ. އަދި 500 ކިއުބިކް މީޓަރުގެ ޑީސެލް ރައްކާކުރެވޭނެ 2 ޓޭންކާއި، 50 ކިއުބިކް މީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ 2 ޓޭންކް ޤާއިމުކުރެވިގެންދާނެއެވެ. ހަމައެހެންމެ މިހާރު މަތިންބޯޓަށް ތެޔޮއެޅުމަށް ތެޔޮވެހިކަލެއް ރަންވޭމައްޗަށް ގެންގޮސް މެނުއަލްކޮށް ކުރެވޭ މަސައްކަތްތައް ހުއްޓާލެވި، އަލަށް ޤާއިމްކުރެވޭ ހައިޑްރަން ސިސްޓަމްގެ ތެރެއިން، ހަމައެކަނި މަތިންދާބޯޓް ކައިރިން ހޮޅިއެއް ގުޅާލައިގެން ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. މިއީ ކުރިޔަށް އޮތް 20 އަހަރުދުވަހުގެ މުއްދަތަށް ބަލާއިރުވެސް ދަތިކަމެއް ނެތި ޚިދުމަތްދެވޭވަރަށް ޤާއިމްކުރެވޭ ފިއުލް ފާރމެކެވެ.

މިމަޝްރޫއުއަކީ މިހާރު ބޭނުންކުރާ އެއާޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކޮށް، އަހަރަކު 7.5 މިލިއަން މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރުގެ މެގަ ޕްރޮޖެކްޓެކެވެ. 800 މިލިއަން ޑޮލަރުގެ ބަރުދަންހުރި މިމަޝްރޫއު ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާ އެވެ. މި 800 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު  ޗައިނާ ސަރުކާރުން، ދިވެހި ސަރުކާރަށް ލުއިލޯނުގެ ގޮތުގައި ވަނީ ދެއްވާފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ޗައިނާގެ ބީ.ޔޫ.ސީ.ޖީ ގްރޫޕަކީ މިދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރަށް ކާމިޔާބު ކުންފުންޏެކެވެ. 

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް 2018 ގައި ނިންމުމަށް ކަނޑައެޅިފައިވާއިރު، މި ހިނގާ 2016 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެއާޕޯޓްގައި އާ ރަންވޭއެއް ހަދައި ޒަމާނީ ޓާމިނަލެއް އެޅުމަށް ކުރިއަށް ގެންދާ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން، ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއަރޕޯޓު ތަރައްޤީ ކޮށް ނިމުމުން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ފޯރޮ ކޮށްދެވޭނެކަމަށާއި، އަދި މި އެއަރޕޯޓްގެ ސަބަބުންނާއި އިތުރަށް ހެދިގެންދާ ރިޒޯޓު ތަކުގެ ސަބަބުން ޒުވާނުންނަށް އެތައްހާސް ވަޒީފާގެ ފުރުޞަތުތައް އުފެދިގެން ދާނެ ކަމަށެވެ. 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ