ބަނޑުހާހޫނުކަމުގެ ހަޅުތާލު ކުރާތާ 9 އަހަރުވީ ބައޮދާ ސައުދީ އަށް ބަދަލުކޮށްފި

17 އޭޕުރީލު 2016 0

އެމެރިކާ ސަރުކާރުން ކިއުބާގައި ހިންގަމުން އަންނަ ގުއަންޓަނާމޯ ޖަލުގައި ހައްޔަރުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއްކަމަށްވާ 36 އަހަރުގެ ތޯރިޤް ބައޮދާ އާއި އެކު ގުއަންޓާނަމޯ ބޭގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ޔަމަނުގެ ނުވަ މީހަކު ސައުދި އަރަބިއްޔާއަށް ބަދަލު ކޮށްފި އެވެ.

36 އަހަރުގެ ތޯރިޤް ބައޮދާ ބަނޑުހާހޫނުކަމުގެ ހަޅުތާލު ފަށާފައި ވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ. ތޯރިޤް ކެއުން ހުއްޓާލުމުން ޖަލު ބަލަހައްޓާމީހުން 2007 ވަނަ އަހަރުން ފެށިގެން އޭނާއަށް ކާންދެމުންދަނީ ނޭފަތަށް ހޮޅި ގުޅައިގެން ނެވެ. ތޯރިޤް ހައްޔަރުކޮށްފައިވަނީ 2002 ވަނަ އަހަރު ޕާކިސްތާނުންނެވެ. އަދި ފަހުން އެމެރިކާއަށް ގެންދިއުމަށްފަހު ތޯރިޤް ވަނީ ކިޔުބާގައި ހުންނަ ގުއަންޓަނާމޯ ޖަލަށް ބަދަލުކޮށްފައެވެ.

ދެގައުުމުގެ ދެމެދުގައި ބަދަލު ކުރެވުނު ދިގު ވާހަކަތަކަކަށްފަހު ސައުދި އަރަބިއްޔާ އިން ވަނީ އެގައުމުގެ ސަރުކާރުގެ ބެލުމުގެ ދަށުން 9 ގައިދީން މުޖުތަމަޢަށް ނެރެ ރިހިބިލިޓޭޝަން ޕުރޮގުރާމެއް ހިންގުމަށް އެއްބަސް ވެފައެވެ.

އެމެރިކާގެ ސަރުކާރަށް، އެމީހުން އަލުން އެނބުރި ހަނގުރާމައަށް ނުކުމެދާނެ ކަމުގެ ބިރު އޮތުމާއެކު އެއްވެސް ގައިދީއަކު އަލުން އަނބުރާ އެމީހުންގެ ގައުމަށް ނުފޮނުވާނެ ކަމަށް ވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގައި އޮބާމާ ވަނީ އެ ޖަލު ބަންދު ކުރުމުގެ މައިގަނޑު ސިޔާސަތުތައް ހިއްސާ ކުރައްވާފައެވެ. ގުއަންޓަމާނޯ ޖަލު ބަންދު ކުރުމަކީ އޮބާމާގެ ރިޔާސީ ވައުދެކެވެ. 2008 ވަނަ އަހަރު އޮބާމާ ވެރިކަމަށް ވަޑައިގެންނެވީ 100 ދުވަސް ތެރޭގައި ގުއަންޓަނާމޯ ޖަލު ބަންދު ކުރައްވާނެ ކަމަށް ވައުދު ވަމުންނެވެ. ނަމަވެސް ވެރިކަމުގެ ދެވަނަ ދައުރު މިއަހަރު ނިންމުމަށް ފަހު އޮބާމާ ވައިޓް ހައުސް އިން ނިކުމެ ވަޑައިގަންނަވަން ތައްޔާރުވަމުން ދާއިރު ވެސް އެޖަލު އަދިވެސް ބަންދު ކުރެވިފައެއް ނުވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ