[HEADER BANNER]
[AD]

ސްކޫލް ބަންދުކުރުމުގެ ބޮޑު އަރަތުގެ ޖަވާބު - އަލިފުން ޔާއަށް!

17 ޖުލައި 2016 4

އިހަވަންދޫގެ ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެބޮޑު ބަލިމަޑުކަމުގައި އިހަވަންދޫ ހަނާވަމުން ދާއިރު ރައްޔިތުންގެ ވިސްނުން ކަފިވެ މައްސަލައިގެ އަސްލު ފޯކަސް ގެއްލިއްޖެއެވެ. އެންމެ ބޮޑު ދެބަސްވުމެއް އުފެދިފައި ވަނީ ސްކޫލް ބަންދުކުރުމާމެދުއެވެ. އެއްބަޔަކު، ސްކޫލް ބަންދުކުރަން ޖެހޭކަމަށް ބުނާއިރު އަނެއްބަޔަކު ބުނަނީ ބަންދުކުރަން ނުޖެހޭކަމަށެވެ. ހުރިހާ އެންމެންވެސް ތިބީ އިންތިހާއަށް ކަންބޮޑުވެފައިކަން ވާހަކަތަކުން އެނގެއެވެ. އެއްބަޔަކު ބުނެއެވެ. މުހިއްމީ ގެއްލިގެންދާނެ ފިލާވަޅުތައް ހެއްޔެވެ؟ ނޫނީ ފުރާނަ ހެއްޔެވެ؟ އަނެއްބަޔަކު ބުނެއެވެ. ސްކޫލް ބަންދުކުރީމާ ޑެންގީ ފެތުރުން ހުއްޓޭހެއްޔެވެ؟ ބޭކާރުކަމެއް ކޮށްގެން ކުދިންގެ ކިޔެވުން ހަލާކުކޮށްލަން ވީތޯ އެމީހުން ސުވާލުކުރެއެވެ.

ކޮންމެއަކަސް މިހުރިހާ ޒުވާބަކުންވެސް ދަލީލު ކޮށްދެނީ މިމައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުން މަތީ ދަރަޖައަކަށް އެބައޮތްކަމެވެ.

މިމައްސަލާގައި ހިޔާލު ތަފާތުވެފައި ވަނީ ހަމައެކަނި ރައްޔިތުންނެއް ނޫނެވެ. މުއައްސަސާތަކުންދޭ އިރުޝާދުތައް ވެސް މި މައްސަލާގައި ވަނީ ކަފިކަފިވެފައެވެ. އިހަވަންދޫ ކައުންސިލުން، ކުދިން ސްކޫލަށް ނުފޮނުވުމަށް އިރުޝާދު ދޭއިރު ސްކޫލުން އިރުޝާދު ދެނީ ކުދިން ސްކޫލަށް ފޮނުވުމަށެވެ.

ޔަޤީންވަނީ އެއްކަމެކެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިއަށް ޑެންގީހުން ޖެހެން ބޭނުން ނުވާނެކަމެވެ. އެކަމަށް ކިތަންމެ ބޮޑު ޤުރުބާނީއެއް ވާންޖެހުނަސް ބެލެނިވެރިން އެކަމަށް ތައްޔާރީގައި ތިބޭނެކަމެވެ. ހަމަ މި ދަނޑިވަޅުގައި ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ ބޭކާރު ކަމެއްގައި ކުދިންގެ ކިޔެވުން ނަގާލަން އެއްވެސް ބެލެނިވެރިޔަކު ބޭނުނުމެއް ނުވާނެކަމެވެ.

ސްކޫލް ބަންދުކުރުމުގެ ހިޔާލު އުފަންވީ ކިހިނެއް؟

އިހަވަންދޫގައި ކޮންޓްރޯލުނުވެ އާދަޔާހިލާފު ބާރަމިނެއްގައި ޑެންގީ ފެތުރެން ފެށުމާއެކު ހަމަ އެބާރު މިނުގައި ދެކެވެން ފެށުނު އެއްވާހަކައަކީ ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި އިހަވަންދޫ ސްކޫލު ބަންދު ކުރަންޖެހޭ ވާހަކައެވެ.

ޑެންގީ ހުން ފެތުރުމުން ސްކޫލް ބަންދުކުރާން ޖެހޭކަމަށް ރައްޔިތުން ދެކެނީ ކީއްވެބާއެވެ؟ ސްކޫލް ބަންދުކުރުމުން ޑެންގީހުމުން ނަޖާވާނެ ކަމަށް ޤަބޫލުކުރެވެނީ ކީއްވެބާއެވެ؟ އެއްވެސް ޝައްކެއް ނެތެވެ. އެ ޤަބޫލުކުރުން ފެށެނީ މިދިޔަ އަހަރު ހިނގި ހާދިސާއަކާ ހަމައިންނެވެ. ރާއްޖޭގައި ޑެންގީހުން ފެތުރޭތީ ކަމަށްބުނެ މިދިޔަ އަހަރުގެ ޖޫންމަހުގެ 30 ވަނަދުވަހު ވަނީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައެވެ. އޭގެތެރޭގައި ޑެންގީގެ ބިރުވެރިކަމެއް އޭރު ނެތް އިހަވަންދޫ ސްކޫލްވެސް ހިމެނެއެވެ.

ސްކޫލްތައް ބަންދުކުރާކަން އެ ދުވަހު އިއުލާންކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައެވެ. އެ ދުވަހުގެ ނިއުސް ކޮންފަރެންސްގައި ޑރ.އައިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ ޑެންގީހުން ފެތުރެމުންދާތީ ސްކޫލްތަކަށް ކިޔަވަން ކުދިން ދިޔުމަކީ ރަނގަޅުކަމެއްކަމަށް ނުފެންނާތީ އާއި ގިނަކުދިން އެއްތަނަކަށް އެއްވެ އުޅުމުން އިތުރަށް ޑެންގީހުން ފެތުރިދާނޭކަމަށް ފެންނާތީ ކަމުގައެވެ. ޑރ.އައިޝަތު ޝިހާމް އެވިދާޅުވީ އެގޮތަށް ނިންމީ ޑެންގީހުން ކޮންޓްރޯލް ކުރުމަށް އެކުލަވާލައިފައިވާ ހައި ލެވެލް ޓާސްކް ފޯހުގެ ލަފާގެ މަތިންކަމުގައެވެ. އެ ޓާސްކް ފޯހުގައި ތިއްބަނީ އެކަމަނާގެ އިތުރުން ހެލްތް މިނިސްޓަރައި، ހޯމް މިނިސްޓަރާއި، ހައުސިން މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯހުގެ އިތުރުން ޕޮލިސް ކޮމިޝަނަރެވެ.

އެފަހަރު ސްކޫލުތައް ބަންދުކުރިގޮތަށް، ސްކޫލުތައް އަލުން ހުޅުވީ އޮގަސްޓް 2 ވަނަ ދުވަހުއެވެ. މަހެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް އެހާތަނަށް އާއިރުވެސް ށ. ނަރުދޫގައި ޑެންގީހުން ކޮންޓްރޯލް ނުވާތީ އެރަށު ސްކޫލް އެދުވަހުވެސް ނުހުޅުވައެވެ.

އެ ފަހަރު ސްކޫލްތައް ބަންދުކުރުމުންވެސް ބައެއް ސްކޫލް ތަކުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަނެތި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާތީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެފައި ވަނީ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށާއި ހުއްދަ ދެވޭނީ އެއް ފަހަރާ ގިނަ ކުދިންތަކެއް އެއްތަނަކަށް އެއްނުކޮށް ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަދަ ހަރަކާތްތަކަށް ކަމަށެވެ.

މިދިޔަ އަހަރު ޑެންގީއާ ގުޅިގެން ސްކޫލް ބަންދުކުރުމަށް ސަރުކާރުން ދެއްކި ހުއްޖަތަކީ ގިނަކުދިން އެއްތަނަކަށް އެއްވެ އުޅުމުން އިތުރަށް ޑެންގީހުން ފެތުރުމުގެ ފުރުސަތު އޮތުމެވެ. ވީމާ ރައްޔިތުން ވެސް ސަރުކާރުން މި ދެއްކި ނަމޫނާގައި ހިފަން ބޭނުންވާނެތާއެވެ. ގިނަބަޔަކު އެއްތަނަކަށް އެއްވީމާ ޑެންގީހުން ފެތުރޭނޭ އެ ބުނަނީ ސަރުކާރެވެ. ސަރުކާރުގެ އެންމެ މިނިސްޓްރީ އަކުން ނޫނެވެ. ކަމާ ގުޅުންހުރި ހުރިކާ މިނިސްޓްރީއެއްގެ މިނިސްޓަރުން ތިއްބެވި ޓާސްކް ފޯހަކުންނެވެ. ހެލްތް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރެވެ. ހޯމް މޮނިނިސްޓަރާއި ހައުސިން މިނިސްޓަރެވެ. ޗީފް އޮފް ޑިފެންސް ފޯހާއި ޕޮލިސް ކޮމިޝަނަރެވެ.

އިހަވަންދޫ މީހާ ސުވާލު އުފައްދާ ހިސާބަކީ މިއެވެ. އެމީހުން އަހައެވެ. 787 ދަރިވަރުން އެ ސްކޫލެއްގައި ތައުލީމް ހާސިލްކުރަމުންދާ އިހަވަންދޫ މަދަރުސާގެ ދަރިވަރުން އެއްތަނަކަށް އެއްވީމާ ޑެންގީހުން ފެތުރުމުގެ ފުރުސަތު ނޯންނަނީ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ދީފިއެވެ. އިހަވަންދޫގައި ޑެންގީހުން ފެތުރޭތީ އިހަވަންދޫއަށް ޒިޔާރަތް ކުރެއްވި ހެލްތު މިނިސްޓްރީގެ ޓީމުންނެވެ.

ސްކޫލު ބަންދުކުރުމަކީ ޑެންގީ ކޮންޓްރޯލް ކުރުމަށް އޮތް ހައްލެއްނޫން - ހެލްތު މިނިސްޓްރީގެ ޓީމް

ކޮންމެއަކަސް ކަމުގެ މާހިރުން އެމީހުންގެ ބަސް އިއްވާފިއެވެ. ރައްޔިތުންނަށް އަރާފައިވާ އޮޅުން ފިލުވައި ދީފިއެވެ. ހެލްތު މިނިސްޓްރީގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ވިދާޅު ވަނީ ސްކޫލް ބަންދުކުރުމަކީ ޑެންގީ ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމެއް ނޫންކަމަށެވެ. ސްކޫލު ބަންދުކުރުމުގެ ބަދަލުގައި މަދިރިން ރައްކާތެރި ވެވޭނެ އިންތިޒާމުތައް ހަމަޖެއްސުން މުހިއްމުކަމަށެވެ. އެގޮތުން މަދިރި ހަފާ ގަޑިތަކުގައި މަދިރި ލޯޝަންފަދަ މަދިރި ހެފެމުން ސަލާމަތްކޮށްދޭ ވަސީލަތްތައް ބޭނުންކުރުން މުހިއްމުކަމަށް ޑރ. ރަމީލާ ފާހަގަކުރައްވައެވެ.

"މަދިރި ނުހަފާ ގަޑިތައް ގިނައީ ސްކޫލުގަ. އެންމެ ވަގުތުކޮޅެއް މިއަންނަނީ މަދިރި ހަފާ. އެވަގުތުކޮޅަށްޓަކައި ދެންހުރި އެހެން ހުރިހައި ކުދިންގެ ކިޔެވުން ބްލޮކް ކުރުމަށްޓަކައި ސްކޫލް ބަންދުކުރުން އެއީ ސޮލިއުޝަންއެއް ނޫން" ޑރ. ރަމީލާ ވިދާޅުވިއެވެ.

ޑރ ރަމީލާ ވަނީ މިދިޔަ އަހަރު ޑެންގީއާއި ގުޅުވައިގެން ސްކޫލްތައް ބަންދުކޮށް ހޭވި ހަޑީގެ ވާހަކަވެސް ދައްކަވާފައެވެ. އެކަމަނާ ވިދާޅު ވަނީ މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރީ ހެލްތު މިނިސްޓްރީގެ ލަފަޔާއެކު ނޫން ކަމަށެވެ.

އެކަމަނާ ވަނީ ސްކޫލް ބަންދުކުރުމުން ޑެންގީހުން ކޮންޓްރޯލް ނުވާކަމުގެ ވަރުގަދަ ހުއްޖަތެއް ދައްކަވާފައެވެ. އެކަމަނާ ވިދާޅުވަނީ މިދިޔައަހަރު ސްކޫލުތައް ބަންދުކުރުމުން ޑެންގީ ފެތުރުމަށް އެއްވެސް ބަދަލެއްއައިކަން ފާހަގަކުރެވެފައި ނުވާކަމަށެވެ. އަދި ގޭގައި ތިބި ކުދިންނަށްވެސް ޑެންގީ ޖެހެމުންދިޔަ ކަމަށެވެ.

ޑރ ރަމީލާ ވިދާޅުވާ ވާހަކައިގެ އެއްބަޔާއި މެދު ބަހުސް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރީ ހެލްތު މިނިސްޓްރީގެ ލަފަޔާއެކު ނޫން ކަމަށް ބުނާ ބުނުމާއި މެދުއެވެ. އެހެނީ ސްކޫލްތައް ބަންދުކުރުމަށް ނިންމި ޓާސްކް ފޯހުގައި ހެލްތް މިނިސްޓަރުވެސް އިންނެވިއެވެ.

ޤަބޫލު ކުރަންޖެހޭ ކަމެއް އެބައޮތެވެ. ސިޔާސީ ނިންމުމެއް ނިންމާއިރު ހެލްތް މިނިސްޓަރު އިންނަވާ ތަނެއްގައި އެކަމަނާދޭ ޓެކްނިކަލް ލަފާގައި އެއްވެސް ބަރުދަނެއް ނުހުރެދާނެކަމެވެ. ވާހަކަ ދައްކާލި އިހަވަންދޫ ބައެއް މީހުން ބުނަނީ މިދިޔަ އަހަރު ޑެންގީހުން ފެތުރޭ ކަމަށްބުނެ ސްކޫލްތައް ބަންދުކުރީ މިނިވަން ފަންސާހަށް ތައްޔާރުވާންވެގެން ކަމަށެވެ. ޑެންގީ ހުމާއި ގުޅުންހުރި ކަމެއްގައި ނޫންކަމަށެވެ. ނަމަވެސް އެފަދަ ހީލަތްތެރި ގޮތެއްގައި ސަރުކާރަކުން، އެއް މަސްދުވަހަށް މުޅި ރާއްޖޭގެ ހުރިހާކުދިންގެ ކިޔެވުން ޤުރުބާން ކޮށްފާނެ ބާއެވެ؟

ކަމާގުޅޭ މިނިވަން މާހިރެއްގެ ބަސް

ސިއްޙީ ދާއިރާގެ ބޭފުޅަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ސްކޫލް ބަންދުކުރުމަކީ ނުވަތަ ބަންދު ނުކުރުމަކީވެސް ޑެންގީ އަށްއޮތް ހައްލެއް ނޫންކަމަށެވެ. ބަލަންޖެހޭ ކަމަކީ ސްކޫލް ބަންދުކުރަންޖެހޭ ސަބަބެއް ނުވަތަ ބަންދު ކުރަން ނުޖެހޭ ސަބަބެއް އޮތްތޯ ކަމުގައެވެ. "ބަލަންޖެހެނީ ބަލި ފެތުރޭ ޕެޓާން، ބަލިޖެހެނީ ސްކޫލަށް ދާކުދިންނަށްތޯ؟ ނޫނީ ވަކި ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށްތޯ؟ މިހިރަކަހަލަ ކަންކަމަށް، އެއަށްފަހު ވަކިގޮތެއް ނިންމަންވާނީ" އެބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، މިހާރުން މިހާރަށްވެސް ސްކޫލްފަދަ ގިނަމީހުން އެއްވާ ތަންތަނުގެ ބައެއް އުސޫލުތައް ބަދަލުކުރެވިދާނެ ކަމަށެވެ. އެގޮތުން ޑެންގީ މަދިރި އެންމެ ހަރަކާތެރިވާ ވަގުތު ކަމަށްވާ ހަވީރާއި ހެނދުނު ގަޑީގައި ތަން ބަންދުކުރުމާއި ދުވާލުގެ ވަގުތު ތަކުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުން މަޑުޖައްސާ ލެވިދާނެކަމުގައެވެ.

އެބޭފުޅާގެ ބަހުން އެނގިގެންދިޔައީ މިކަމާ ގުޅިގެން ދިރާސާ ތަކެއް ބޭނުންވާކަމެވެ. ދިރާސާ ތަކެއް ކުރަން ޖެހޭކަމެވެ.

އިހަވަންދޫ ސިއްހީމަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ބޭފުޅަކާ އެކަމާގުޅޭ ގޮތުން މަޝްވަރާ ކޮށްލީމެވެ. ކަމުގެ ސީރިއަސްކަން ބޮޑުވެފައި ވާވަރުން އެބޭފުޅާވެސް ވާހަކަދެއްކެވީ ނަންނުޖެހުމަށް އާދޭހާއިއެކު އެދިއެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި ވަކި ސްކޫލަށް ގޮސްގެން ޑެންގީހުން ޖެހޭކަމަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ގިނައިން ޑެންގީހުން ޖެހެނީ ސްކޫލަށްދާ އުމުރުގެ ކުދިންނަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ސްކޫލްވެސް ދެތިން ފަހަރެއްގެމަތިން އިންސްޕެކްޓް ކޮށްފަވާނެ. އެތާކުން މަދިރިއެއް ނުފެނޭ. މަދިރި އާލާވާނެ ތަނެއްވެސް ނެތް. ދެން ކަލޭއަށް އެނގޭނެ އަހަރެމެންނަށްވުރެ. އެހެންވީމާ ފަންނީ މީހުންނާއެކު އިތުރު ދިރާސާ ކުރަންޖެހޭ" އެބޭފުޅާ ވިދާޅުވިއެވެ.

ވިމާ ސްކޫލް ބަންދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެއްނޫން ހެއްޔެވެ!!!؟

މަދިރީގެ އުނދަގޫ އިހަވަންދޫ މަދަރުސާއަށް ފޯރާނެތަ؟

ސިއްހީމަރުކަޒުން އެ ބުނަނީ އިހަވަންދޫ މަދަރުސާގެ ސަރަހައްދުގައި މަދިރި އާލާވާނެ ތަނެއް ނެތްކަމުގައެވެ. އެކަމަކު ފެންނަ ތަފާތު މަންޒަރެކެވެ. އެފަދަ ތަންތަން އިންތިހާއަށް ހުރިތަން އެބަ ފެނެއެވެ.

ދުނިޔޭ ސިއްހަތު ޖަމިއްޔާއިން ބުނަނީ ޑެންގީހުން ޖައްސާ އީޑީސް މަދިރި އޭގެ އުމުރުގައި އެވްރެޖްކޮށް 400 މީޓަރަށް އުދުހޭ ކަމުގައެވެ. މަދިރި އުފައްދާ ކާރުހާނާ ކަމުގައިވާ ކުނިގޮނޑާ ސްކޫލައި ދެމެދު 300 މީޓަރު ކިރިޔާ ހަމަވަނީއެވެ. އިރުމަތީ ފަރާތުގައިހުރި އޮޑިހަރުގެތަކާ ސްކޫލާ ދެމެދު 180 އެއްހާ މީޓަރުވެސް ނެތެވެ. ރައްވެހި މަގުގައިހުރި މަދިރި ހާލިތަކައި ސްކޫލާއި ދެމެދުހުރީ 270 މީޓަރެވެ.

ފާހަގަކޮލަންޖެހޭ ކަމަކީ ސްކޫލަށް އަސަރުކުރާ ސަރަހައްދުގައި މަދިރި ހާލިތައް ހުރިނަމަވެސް އެހާލިތަކަށް ހަމަލާ ދެވިފައިވާ ކަމެވެ. އެހެންކަމުން މިހާރު އެހާލިތަކުގެ ބިރު ސުކޫލަށް ނެތްކަމަށް ބުނެވިދާނެއެވެ.

ދެން އޮތީ އެއްތަނަކަށް އެއްވުމުން މަދިރި ހަފާވަރު ގިނަވާނެ ވާހަކައެވެ. އާއެކެވެ. އެއީއެކަން ވާނެގޮތެވެ. މަދިރި ދިރޭ އެއްޗެހި ފާހަގަކުރާ އެއްގޮތަކީ އެތަކެތި ދޫކުރާ ކާބަންޑާ އޮކްސައިޑުންނެވެ. މާ އަވަސްއަވަހަށް ނޭވާލާ މީހުންގެ ގައިގައި ގިނައިން މަދިރި ހަފަނީ އެހެންވެއެވެ. ގިނަބައަކު އެއްތަނަކަށް އެއްވުމުން ކާބަންޑައިއޮކްސައިޑްގެ އަސަރު މަދިރިއަށް ފެންނަން ފަސޭހަވެއެވެ. ވީމާ އެސަރަހައްދެއްގައި އުޅޭ މަދިރި އެދިމާލަށް މިސްރާބު ޖަހައެވެ. ވީމާ ކުދިން ސްކޫލުގައި އުޅޭ ވަގުތުތަކުގައި އެދިމާލަށް މަދިރީގެ މިސްރާބް އަމާޒްވާނެއެވެ. މިކަމުން ސަލާމަތްވުމަށް ކުދިން ސްކޫލަށް ފޮނުވާއިރު މަދިރި ލޯޝަން ލައްވާފައި ފޮނުވިދާނެއެވެ. ކުލާސް ރޫމްތަކުގައި މަދިރި ނުވަންނަ ގޮތް ހަދަން ބޭނުންކުރާ ޒާތުގެ ކެމިކަލް ބޭނުންކުރެވިދާނެއެވެ.

ދެންއޮތީ މަދިރި ހަފާގަޑިއެވެ. ބައެއް ފަރާތްތަކަށް މިއީ ކުޑަކޮށް އޮޅިފައިވާ ކަމެކެވެ. ބައެއް މީހުން ހީކުރަނީ ޑެންގީހުން ފަތުރާ އީޑީސް މަދިރި ހަފަނީ ހަމައެކަނި ހެނދުނާއި ހަވީރުކަމަށެވެ. މިއީ އެ މަދިރި އެންމެ ހަރަކާތްތެރިވާ ވަގުތުތަކެވެ. އީޑީސް މަދިރި ހަފާ އުޅެނީ ދުވާލުގެ ވަގުތު ތަކުގައެވެ. ކުދިން ސްކޫލަށް ދަނީވެސް ދުވާލުގެ ވަގުތުއެވެ. މިކަމުން ސަލާމަތްވުމަށް މަދިރި އެންމެ ހަރަކާތްތެރިވާ ވަގުތު ތަކުގައި ސްކޫލް ބަންދުކުރެވިދާނެ ނޫންހެއްޔެވެ.

އެހެން ގައުމުތަކުގައި ސްކޫލް ބަންދުކުރޭތަ؟

އެހެން ބައެއް ގައުމުތަކުގައި ވެސް ޑެންގީ ރޯގާ ތަކުގައި ސްކޫލް ބަންދުކޮށްފައި އެބަހުއްޓެވެ. އަވަށްޓެރި އިންޑިއާ ޕާކިސްތާން އަދި ލަންކާ މި ލިސްޓްގައި ހިމެނެއެވެ. ނަމަވެސް ޑެންގީގެ ސަބަބުން ރާއްޖެހާ ދިގުމުއްދަތަކަށް ސްކޫލުތަކުގެ ކިޔެވުން ހުއްޓައިލި ޤައުމެއް ނުފެނުނެވެ. ކޮންމެއަކަސް  އެ ރޮނގުން ރާއްޖެ މިއޮތީ ރެކޯޑް ހަދާފައެވެ.

ޕާކިސްތާނުގެ ލާހޯރު: 2011 ވަނަ އަހަރު ޕާކިސްތާނުގެ ލާހޯރަށް ވަރުގަދަ ޑެންގީ ރޯގާއެއްގެ އަސަރުކޮށް އެތަނުގެ ލޯކަލް ސަރުކާރުން ހުރިހާ ސްކޫލެއް ބަންދުކުރަން އެންގިއެވެ. ނަމަވެސް އަމިއްލަ ސްކޫލްތަކުގެ ޖަމިއްޔާއިން ނިންމީ އެގޮތަށް އެކަން ނުކުރުމަށެވެ. އެމީހުން ހުއްޖަތަކަށް ދެއްކީ ސްކޫލް ބަންދުކޮށްގެން ޑެންގީ ކޮންޓްރޯލް ވާކަމުގެ އެއްވެސް އިލްމީ ދިރާސާއެއް ނެތްކަމުގައެވެ.

ސްރީލަންކާގެ ރޯޔަލް ކޮލެޖް: 2002 ވަނަ އަހަރު ޑެންގީ މަދިރީގެ މައްސަލައެއްގައި ލަންކާގެ އެންމެބޮޑު ސަރުކާރު ކޮލެޖްކަމަށްވާ ރޯޔަލްކޮލެޖް ބަންދުކުރިއެވެ. އެކޮލެޖް ބަންދުކުރީ އެކޮލެޖްގެ ކުދިން ކުޅެން ހާއްސަ ކޮށްފައިވާ މައިދާނަކީ ޑޭންގީ މަދިރީގެ ހާއްޔެއްކަމަށް ފެނިގެން އެތަން ރަނގަޅުކުރުމަށެވެ.

އިންޑިއާގެ ބެންގަލޫރު: 2015 ވަނައަހަރު ޑެންގީ ރޯގާއާއި ވިއްދައިގެން އިންޑިޔާގެ ބެންގަލޫރުގެ ސްކޫލްތައް ބަންދުކުރިއެވެ. އެފަހަރު ބަންދުކުރީ 10 ދުވަހަށެވެ. ބަންދުކުރި ސަބަބެއްކަމަށް ބުނެފައިވަނީ ސްކޫލްތަކަށް މަދިރިމަރާ ބާރުގަދަ އިންސެކްޓް ސައިޑް ޖެހުމަށެވެ.

ކޮންމެއަކަސް ބަޔާންމިކުރެވުނު މަދު މިސާލުތަކަށް ބަލާނަމަވެސް ސްކޫލް ބަންދުކުރުމުގައި އެ ޤައުމުތަކުން ސަބަބުގައި ހިފާފައިވާމިންވަރު ފެނިގެން އެބަދެއެވެ. ރާއްޖޭގައި ހެދިހެން ހަމަ ތިބެލާފައި ބަންދުކުރީކީ ނޫނެވެ. ލަންކާގެ ރޯޔަލް ކޮލެޖް ބަންދުކުރީ އެކޮލެޖްގެ ގޯތިތެރޭގައި ޑެންގީ މަދިރި އާލާވާ ތަންތަން ހުރެގެންނެވެ. ބަންގަލޫރުގައި ސްކޫލްތަކަށް ގަދައަށް ފޮގް ކުރާން ވެގެންނެވެ.

ފާހަކަ ކޮށްލަންޖެހެނީ ސިންގަޕޫރު، އެމެރިކާ، ތައިލޭންޑް ފަދަ ގައުމުތަކަށްވެސް ޑެންގީ ރޯގާ (އައުޓްބްރޭކް) އަންނަކަމެވެ. ނަމަވެސް އެއިން ޤައުމެއްގެ ސްކޫލް ޑެންގީއާ ގުޅުވައިގެން ބަންދުކުރިކަން އެންގޭކަށް ނެތެވެ. އެއީ ދައުލަތް ހިންގުމުގެ އިންތިޒާމް ރަނގަޅު ޤައުމުތަކެވެ. ވީމާ ޑެންގީއާ ގުޅުވައިގެން ސްކޫލް ބަންދު މިކުރަނީ ހިންގުން ދޯދިޔާ ގައުމުތައްތާއެވެ! ސްކޫލް ބަންދުކުރި ޤައުމުތަކުންވެސް ރާއްޖެހާ ފީކަޅާކޮށް އެކަން ކޮށްފައެއްނެތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނަނީ ކީކޭ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޑެންގީހުމާ ބެހޭގޮތުން ވަރަށްގިނަ ވާހަކަ ދައްކާފައި އެބަހުއްޓެވެ. އެ ޖަމިއްޔާއިން އާންމުކޮށްފައިވާ ފަތްފުއްތަކަށް ބަލާއިރު ޑެންގީހުމުގެ ރޯގަޔާ ގުޅިގެން ސްކޫލްފަދަ އާންމުން އެއްވާ ތަންތަން ބަންދުކުރުމަށް ލަފާދީފައި ވާތަނެއް ނުފެނުނެވެ. އެޖަމިއްޔާއިން ލަފާދެނީ މަދިރި އާލާވާނެ ތަންތަން ނައްތައިލުމުގެ އިތުރަށް މަދިރި ހެފުމުން ރައްކާތެރިވާނެ ގޮތްތައް ހިޔާރުކުރުމަށެވެ.

ހަށިގަނޑު ވިހާވެސް ބޮޑަށް ނިވާވާނެ ފަދަ އަންނައުނު ބޭނުންކުރުމަށެވެ. މަދިރި ލޯޝަން އުނގުޅުމަށެވެ. މަދިރި ލޯޝަން ލާންވީ ހެދުމުން ނިވާނުވާބައިގައެވެ. އަދި ހެދުމުގައިވެސް ކުޑަކޮށް މަތިމަތިން ލޯޝަން އުނގުޅާލުމުން ރައްކާތެރިކަން ބޮޑުވާނެކަމަށް އިރުޝާދުދެއެވެ.

އީޑީސް މަދިރީގެ އާއިލާގެ ބައެއް މެންބަރުންނަކީ މީހުން އުޅޭ ގޭގޭގައި ނިކަން އުޅޭހިއްވާ އެއްޗިއްސެވެ. ވީމާ މިފަދަ ރޯގާއެއް ފެތުރޭ ދުވަސްވަރު ގޭތެރެ ރަނގަޅަށް ސާފުކޮށް މަދިރި ނުވަންނާނެހެން ދޮރުތަށް ލެއްޕުމަށް ސިއްހަތު ޖަމިއްޔާއިން ވެސް ލަފާދެއެވެ. ވަކިން ހާއްސަކަށް އިރުއަރާ ގަޑިއާއި އިރު އޮށްސޭ ވަގުތު ދޮރުތަށް ރަނގަޅަށް ލައްޕާ މަދިރިޔަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ލަފާދެއެވެ.

ސްކޫލަށް ކުދިން ނުފޮނުވާ ބެލެނިވެރިން ކުށްވެރިވާނެތަ؟

އިހަވަންދޫގެ ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ސްކޫލަށް ފޮނުވުން ހުއްޓާލިއެވެ. ތައުލީމަކީ އަސާސީ ހައްޤަކަށްވާއިރު ދަރިން ތައުލީމު ލިބުމުން މަހުރޫމް ކުރެވިދާނެހެއްޔެވެ. ގާނޫނީ ވަކީލް އުސްތާޒް އަބުދުލްމާނިއު ހުސައިން ވިދާޅުވީ އާންމު ހާލަތުގައި ދަރިން ސުކޫލަށް ނުފޮނުވުމަކީ އިހުމާލުވުން ކަމަށާއި، ނަމަވެސް މިހާރު މިއޮތް ހާލަތުގައި، ކުއްޖާގެ ސިއްޙަތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ކުދިން ސްކޫލަށް ނުފޮނުވުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިހުމާލުވުން ކަމަށް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސްކޫލް ބަންދުކުރަންވީ ކީއްވެ؟

ސްކޫލް ބަންދުކުރަންވީ އެއް އުސޫލަކުން ކަންކުރުމަށެވެ. މިދިޔަ އަހަރު އެކަން އެގޮތަށް ކުރީތީއެވެ.

ރައްޔިތުން އެދެނީ ޑެންގީ އިން ސަލާމަތްވުމަށްޓަކައި އެޅެން އޮތް ކިތަންމެ ކުޑަ ފިޔަވަޅެއް ވިޔަސް އެޅުމެވެ. އެކަމަކުން ކިތަންމެ ކުޑަ ވިޔަސް މަންފާއެއް އޮތް ކަމެއް ވިޔަސް ކުރުމެވެ. ޑެންގީއަށް ދެކޮޅަށް އެޅެން އޮތް ކިތަންމެ ކުޑަ ފިޔަވަޅެއް ވިޔަސް ދޫކޮށް ނުލުމަކީ ރައްޔިތުންގެ މަޤުޞަދެވެ.

ސްކޫލު ބަންދުކޮށްލުމަށް ގިނަ ރައްޔިތުން އެދޭއިރު، އެ އެދުމަށް އިޖާބަ ލިބި ހިތަށް ފިނިކަމެއް ލިބުމަކީ ވެސް މި ދަނޑިވަޅު ވަކީން ކުޑަކަމެއް ހެއްޔެވެ؟

ގިނަމީހުން އެއްތަނަކަށް އެއްވުމުން އެތަނަކަށް މަދިރި ޖަމާވާވަރު އިތުރުވެއެވެ. ހަފަން ލިބޭ އިންސާނުން ގިނަވެއެވެ. ހަފަން ފަސޭހަވެއެވެ. ހަފައިލެވޭ މިންވަރު އިތުރުވެއެވެ. ވީމާ ހަފައިގެން ފެތުރޭ ބައްޔެއް ފެތުރުމުގެ ފުރުޞަތު، އެއްތާކަށް ގިނަ މީހުން ޖަމާވުމުން އިތުރުވާނެ ނޫންތޯއެވެ.

ސްކޫލް ބަންދުކުރީމާ އެއްތަނަކަށް ކުދިން ޖަމާވާ މިންވަރު މަދުވާނެތާއެވެ. ޖަމާވާ މިންވަރު މަދުވީމާ، މަދިރިއަށް ހަފަން ލިބޭ ފުރުޞަތު ގެއްލޭނެ ނޫންތޯއެވެ. އެ ފުރުޞަތު ބަންދުވީމާ މަދިރި ހަފައިގެން ފެތުރޭ ބައްޔަކަށް އެނގުން ނުވާންވީ ކީއްވެ ހެއްޔެވެ؟

ސްކޫލް ބަންދު ނުކުރަންވީ ކީއްވެ؟

ސްކޫލް ބަންދުކޮށްގެން ޑެންގީ ކޮންޓްރޯލް ވާކަމުގެ އެއްވެސް އިލްމީ ދިރާސާއެއް އޮތްތަނެއް ނުފެނުނެވެ. ވީމާ ސަބަބުގައި ހިފައިގެން ބޭކާރު ކަމެއް ކުރުމެއް ނެތްތާއެވެ.

ޑެންގީއަކީ ގައިންގަޔަށް އަރާބައްޔެއް ނޫނެވެ. އެބަލި ފަތުރަނީ މަދިރިއެވެ. ވީމާ މަދިރި ނޫޅޭންޔާ ކިތަންމެ ބަޔަކު އެތަނަކަށް އެއްވިއަސް ޑެންގީހުމެއް ނުފެތުރޭނެތާއެވެ. އިހަވަންދޫ ސިއްޙީމަރުކަޒުގެ މުއައްޒިފު ބުނެފައި އެވަނީ ސްކޫލް ސަރަހައްދުގައި މަދިރިއުފެދޭ ތަނެއް ނެތްކަމަށާއި ސްކޫލުގައިވެސް މަދިރިނޫޅޭ ކަމުގައެވެ. ވީމާ ސްކޫލް ބަންދުކުރުމަކީ ހަމަ ބޭކަރު ކަމެއްތާއެވެ.

ސްކޫލުގައި މަދިރިއުޅުނަސް ކުދިން ސްކޫލަށް ފޮނުވާއިރު މަދިރިލޯޝަން ލައްވާނަމަ އެކުދިންގެ ގަޔަކު މަދިރިއެއް ނަހަފާނެތާއެވެ. އަދި ކްލާސް ރޫމްތަކުގައިވެސް މަދިރި ދުރުކުރާ ޒާތުގެ ކެމިކަލް ބޭނުން ކުރެވިދާނެ ނޫންހެއްޔެވެ. މިކަން މިހެން ކުރެވެންއޮތްއިރު ކުދިންގެ އަގުހުރި ފިލާވަޅުތައް ނަގާލައި ސްކޫލް ބަންދުކުރުމަކީ އެދެވޭކަމެއް ނޫނެއްނޫންހެއްޔެވެ.

މިދިޔައަހަރު ޑެންގީއޭކިޔާ މަހެއްހާ ދުވަހަށް ބޭކާރުގޮތުގައި ސްކޫލް ބަންދުކުރުމުން ހާލުގައި ޖެހުނީ ދަރިވަރުންނަށާއި ޓީޗަރުންނަށެވެ. ފިލާވަޅުތައް ޖެހުނީ ބޮނޑިކޮށް ޖަހާށެވެ. ތައުލީމީ ގޮތުން ފެންވަރު ދަށް ކުދިންނަށް މީ ތަހަށްމަލްކުރެވޭ ވަރުގެ ކަމެއްނޫނެވެ. އަނެއްކާ މިއަހަރުވެސް އެ އަނިޔާ އެމީހުންނަށް ދޭންވީހެއްޔެވެ؟
މި ފަހަރު އިހަވަންދޫ ސްކޫލް ބަންދުކޮށްފިނަމަ އަނެއްކާވެސް ރާއްޖެއަށް އެދެއްކެނީ މިސާލެކެވެ. ގޯސް މިސާލެކެވެ. އެހެން ރަށަކަށް ޑެންގީގެ ރޯގާއެއް އަޔަސް ސްކޫލް ބަންދުކުރަން އެދޭނެތާއެވެ. ބެލެވޭގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޓީމުން އެމަސައްކަތް ކުރައްވަނީ އެގޯސް ޗޭނު މުގުރާލެއްވުމަށެވެ.

ނިންމުން

ޑެންގީހުމަކީ ގައިންގަޔަށް އަރާބައްޔަކަށް ނުވި ކަމަށް ވިޔަސް، ސްކޫލް ބަންދުކޮށްގެން ޑެންގީހުމުގެ ރޯގާޔަށް ކުޑަ ލުޔެއް ލިބުމުގެ ފުރުޞަތު އޮވެދާނެއެވެ. ނަމަވެސް ސްކޫލް ބަންދު ކުރުމުން ދެން ލިބިދާނެ ގެއްލުމާއި ބުރަ ބޮޑުވެދާ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. ސްކޫލް ބަންދުކުރަންވީ ސަބަބުތަކަށްވުރެ ސްކޫލްބަންދު ނުކުރާންވީ ސަބަބުތައް މާގިނަކަން ފާހަގަކުރަން ޖެހެއެވެ.

މިފަދަ ދުވަސްވަރެއްގައި ދަރިން ސްކޫލަށް ފޮނުވާއިރު މަދިރި ލޯޝަން ފަދަތަކެތި ލެއްވުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމީ ކޮންމެހެން ބޭނުންވެގެންވާ ކަމެކެވެ.

ސްކޫލްގެ މޭނޭޖްމަންޓުންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން މަދިރި އެންމެ ހަރަކާތްތެރިވެގަންނަ ވަގުތުތަކުގައި ސްކޫލުގައި ކުދިން ނުބޭތިއްބުމާއި ސްކޫލް ސަރަހަށްދުގައި މަދިރި އުފެދޭގޮތަށް ތަނެއްހުރިތޯ ޤަވާއިދުން ބަލާ ޗެކްކުރަމުން ގެންދަން ޖެހެއެވެ. މީގެ އިތުރުން ކްލާސް ރޫމްތަކަށް މަދިރި ނުވަދެވޭ ގޮތް ހެދުމަށް ކުރެވެންހުރި ކަންކަން ބަލާ އެޅެންހުރި ފިޔަވަޅެއް އެޅުން މުހިންމެވެ. އަދި ސްކޫލް ބަންދު ނުކުރި ކަމުގައި ވިޔަސް، ސްކޫލްގައި ކުދިން ހޭދަ ކުރާ ވަގުތަކީ އީޑީސް މަދިރި ހެފުމަށް ދަތި ވަގުތަށް ހަދަން ޖެހެއެވެ. ސްކޫލަށް ގެންނަ ގަޑި ލަސްކޮށް، ފޮނުވައިލާ ގަޑި އަވަސް ކުރަން ޖެހެއެވެ.

ބެލެނިވެރިން ހަނދާންކުރަންވީ ކުދިންގައިގައި މަދިރި ހެފުމުގެ ފުރުސަތު އޮތީ ހަމައެކަނި ސްކޫލުގައި ހޭދަވާ ވަގުތު ނޫންކަމެވެ. އީޑީސް މަދިރީގެ އާއިލާގެ ބައެއް މެންބަރުންނަކީ ނިކަން މީހުން އުޅޭ ގޭގޭގައި އުޅޭހިއްވާ އެއްޗިއްސެވެ. ވީމާ މިފަދަ ރޯގާއެއް ފެތުރޭ ދުވަސްވަރު ގޭތެރެ ރަނގަޅަށް ސާފުކޮށް މަދިރި ނުވަންނާނެހެން ދޮރުތަށް ލެއްޕުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. ހާއްސަކޮށް ހެނދުނާއި ހަވީރު ވަގުތުއެވެ.

މީގެއިތުރުން ހެނދުނާއި ހަވީރުގަޑީ ކުދިން ބޭރުތެރެއަށް ދޫކޮށްލުމީވެސް މަދިރި ހެފުމުގެ ފުރުސަތު އޮތްކަމެކެވެ.

ދެން އޮތީ އެންމެ ބޮޑުކަންތަކެވެ. ހެލްތް މިނިސްޓްރީގެ ޓީމްގެ ވާހަކައިން، މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރީ ޓެކްނިކަލް މީހުންގެ ލަފާ ނުހޯދާކަން އިނގެން އެބައޮތެވެ. ވީމާ ސަރުކާރުން ނިންމާ ސިޔާސީ ނިންމުންތައް ނިންމުމުގައި ޓެކްނިކަލް މީހުންގެ ލަފާހޯދުމުގެ މުހިންމުކަން މިކަން ސާފުކޮށް އެބަފެނޭ ނޫންތޯއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ މަދިރީގެ ހާއްޔަކަށްވީ ބަޔެއްގެ އިޙުމާލުން․

– 18 ޖުލައި 2016 0

ތިހެން ތެޅިތެޅި ތިބެންޖެހޭނި

– 18 ޖުލައި 2016 0

ޝުކުރިއްޔާ․ ހެލްތު މިނިސްޓުރީގެ ޓީމު އައިސް ދިން މައުލޫމާތު ތަކަށްވުރެ ގިނަ މައުލޫމާތު ވަރަށް ރަނގަޅަށް ލިބިއްޖެ․ ޖަޒާކަﷲ․

– 18 ޖުލައި 2016 0

Health ministry team vanee rayithunah saaf nuve huri mauloomath saafkohdehvaafa.

– 19 ޖުލައި 2016 0