މުހައްމާކަޕު އިމަގު ވޮލީބޯޅަ މުބާރާތުގެ އަގު ބޮޑުކޮށް، ބައިވެރިންނަށް ހުޅުވާލައިފި
އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން ) ބާއްވާ މުހައްމާ ކަޕް އިމަގު ވޮލީމުބާރާތް 2016 ގައި ބައިވެރި ވުމުގެ ފުރުޞަތު އެޖަމިއްޔާއިން ހުޅުވާލައިފިއެވެ.
ވޭތުވެދިޔަ އަހަރުން ފެށިގެން ބާއްވަން ފެއްޓި މިމުބާރާތުގެ ފައިސާގެ އިނާމު މިއަހރު ވަނީ ކުރިއަށްވުރެ ބޮޑު ކޮށްފައި ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އިރު، ރަނަރއަޕް ޓީމަކަށް 8000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ. މިމުބާރާތަކީ ހއ. އިހަވަންދޫގެ ވޮލީ ކުޅޭ ހުރިހައި ފިރިހެން ވޮލީ ޓީމު ތަކަށާއި، ހއ. އަތޮޅުގެ ކުލަބު ޖަމިއްޔާ ތަކަށާއި ކައުންސިލް އިދާރާތަކާއި ހއ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއީ އިހަވަންދުއާއި ހއ. އަތޮޅުގައި ކުޅިވަރުގެ ރޫހް ދިރުވާ އާލާކުރުމާއި، ހއ. އަތޮޅުގެ ފިރިހެނުންގެ ތެރޭގައި ހުނަރުވެރި ފިރިހެން ވޮލީ ކުޅުންތެރިން އުފެއްދުމާއި، ހއ. އަތޮޅުގެ ފިރިހެނުންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށް އިމަގު ޖަމިއްޔާއިން ބުނެއެވެ.
މުހައްމާ ކަޕް އިމަގު ވޮލީމުބާރާތް 2016 ގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާއިރު މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމުގެ ފޯމު އިމަގު ފޭސްބުކު ޕޭޖު އަދި މިސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 5 ޓީމަކުން ބައިވެރިވެފައި ވެއެވެ. އެއީ އިހަވަންދޫ ސިއްޙީމަރުކަޒު، ޖޭއޭ މަނަފަރު، އިހަވަންދޫ ޕޮލިސް، ހޯރަފުށި ކައުންސިލް އަދި ފެނަކަ އިހަވަންދޫ ބްރާންޗެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހޯރަފުށި ކައުންސިލްގެ އިދާރާގެ ޓީމެވެ.
ޚިޔާލު ފައުޅުކުރުން