ތިންވަނަ މެޗުންވެސް ޕޯލްސްޓަރ ބަލިވެއްޖެ

10 ނޮވެމްބަރު 2016 0

މެޗްގެ މޮޅުކުޅުންތެރިޔާ އަށް ސެޓްފިކެޓް ދެނީ – ފޮޓޯ:ފިސްޑާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަލްމުދިޝް ގައުމީ އަންހެން ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކްލަބް ޕޯލްސްޓަރ ކުޅުނު ތިންވަނަ މެޗުންވެސް އެޓީމް ބަލިވެއްޖެއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުން މެޗްގައި ޕޯލްސްޓަރ ބަލިވީ ފިސްޑާއާ ވާދަކޮށް 1-3 ސެޓް އިންނެވެ.

މެޗްގެ ފުރަތަމަ ސެޓް ޕޯލްސްޓަރއިން ކާމިޔާބުކުރިނަމަވެސް ފަހަތުން އަރައި ފިސްޑާވަނީ ފަހު ތިންސެޓް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިސްޑާގެ ބިދޭސީ ކުޅުންތެރިޔާ އަރޫނާއެވެ.

ކްލަބް ޕޯލްސްޓަރ އިން ދެން މިމުބާރާތުގައި ނިކުންނާނީ މޯލްޑިވިއަންއާއި ދެކޮޅަށެވެ.އެމެޗް އޮންނަނީ މިމަހުގެ 13 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

ފިރިހެން 6 ޓީމާއި އަންހެން 5 ޓީމު ހިމެނޭ މި މުބާރާތުގައި ވާދަކުރާ އަންހެން ޑިވިޝަނުގެ ޓީމު ތަކަކީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުމާއި ކްލަބު ޕޯލް ސްޓާ އަދި ފިސްޑާ އެވެ. އަދި ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޓީމު ތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި، ޕޮލިސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

ޕޯލްސަޓަރ އަށް މިމުބާރާތުގައި ބާކީ އެންމެ މެޗެއް އޮތްއިރު އެޓީމްވަނީ މިހާތަނަށް މިމުބާރާތުގައި ކުޅުނުހުރިހާ މެޗަކުން ބަލިވެފައެވެ.

ޤައުމީ ވޮލީ ލީގު 2016, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ