ޕީ.ޕީ.އެމް ޖަލްސާއަށް މަރުކަޒު މުވައްޒަފުން ފޮނުވި މައްސަލަ އޭ.ސީ.ސީ އަށް ހުށަހަޅައިފި

ހެލްތް މިނިސްޓްރީގެ ބައެއްބޭފުޅުން އިހަވަންދޫގެ ސިއްޙީމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރާއިރު ދިއްދޫ ހޮސްޕިޓަލްގެ ސިޔާސީ ވެރިޔާ އަދި އިހަވަންދޫ ސިއްޙީމަރުކަޒުގެ ސިޔާސީވެރިޔާ ބަލަހައްޓައިގެން. ފޮޓޯ: އިހަވަންދޫ ސިއްޙީމަރުކަޒު
4 ނޮވެމްބަރ 2016 ވީ ހުކުރުދުވަހުގެރޭ "އަސްލު" ގެ ނަމުގައި ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އިހަވަންދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ފޮނުވި ކަމަށް ބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ. އޭސީސީއަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން އެކޮމިޝަނުގެ އިންޕޮމޭޝަން އޮފިސަރ ޙަސަން މަނިކުވަނީ މިނޫހަށް ކަށަވަރުކޮށްދީފައެވެ.
އަމިއްލަ ފަރާތަކުން މިއަދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، މިނިސްޓަރީ އޮފް ހެލްތުން އަންގަވައިގެން އިހަވަންދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން "އަސްލު" ޖަލްސާއަށް ފޮނުވިކަމަށް އެމަރުކަޒަށް ރައީސުލްޖުމްޙޫރިއްޔާ އަބުދުﷲ ޔާމީން ކަޑައަޅުވާފައި ހުންނެވި ސިޔާސީ ވެރިޔާ، ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާ މީޑިޔާގައި ވިދާޅުވެފައި ވާކަމަށާއި އެއީ މަޤާމުގެ ބާރާއި ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުންކުރުންކަމުގައެވެ.
ވަކިފަރުދަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމަށް ނޫނީ ކުރިއެރުވުމަށް ދައުލަތުގެ މުދަލެއް ނުވަތަ މުވައްޒަފުންވެސް ބޭނުންކުރުމީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި އެއަމަލުގައި ބައިވެރިވި މުވައްޒަފުންވެސް އެވަނީ ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެފައިކަމަށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައިވެއެވެ.
އެމައްސަލަ އިތުރުރަށް ތަފްސީލްކޮށްދެމުން ބުނެފައިވަނީ އެޖަލްސާއަށް މާލެދިޔަ މުވައްޒަފުން ނޮވެމްބަރު 4 ވަނަދުވަހު މާލެދިޔަކަމަށާއި އެއްވެސް އެއްޗެއް ނާންގައި ކަމަށާއި، އެމުވައްޒަފުން ޑިއުޓީއަށް ހާޒިރުވެފައިނުވާތީ ކަމާބެހޭ އިދާރީ މުވައްޒަފުން، އެމުވައްޒަފުން ޑިއުޓީއަށް ހާޒިރުނުވާކަމަށް ރިކޯޑްކޮށްފައި ވާކަމުގައެވެ. އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައިބުނަނީ ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝަހުމާ މޫސާއަށް އެކަން އެނގިލެއްވުމުން، އެދުވަހަކީ އެމުވައްޒަފުން ހާޒިރުނުވާ ދުވަހެއްކަމަށް ލިޔުމުގެ ބަދަލުގައި އެމުވައްޒަފުން އޮފީސްބޭނުމަކު ރަށުންބޭރަށް ދިޔަ ދުވަހެއްކަމަށް ލިޔުމަށް ކަމާއިގުޅޭ މުވައްޒަފުންނަށް އަމުރުކުރެއްވިކަމުގައެވެ.
އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގަ އެދިފައިވަނީ މިނިސްޓްރީ އޮފް ހެލްތުން އެފަދަ އެންގުމެއް އަންގާފައިވާނަމަ އެއެންގި ފަރާތެއްގެ މައްސަލަ ބަލައިދިނުމުގެ އިތުރުން ޝަހުމާ މޫސާ އޭނާގެ މަޤާމުގެ ބާރާއި ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުންކުރި ކަމަށްބުނާ މައްސަލަ ބަލައިދިނުމުގެ އިތުރުން އެކަމުގައި ބައިވެރިވި މުވައްޒަފުންގެ މައްސަލަވެސް ބަލައިދިނުމަށް އެދިފައެވެ.
އިހަވަންދޫ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާއާއި މިކަމާއި ގުޅޭގޮތުން ކުރިން މިނޫހުން ސުވާކުރުމުން ވިދާޅޫވެފައިވަނީ އެކަމަނާގެ އަމިއްލަ ބާރު ބޭޏުންކޮށްގެން މިވީހާތަނަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އެޖަލްސާއަށް އިހަވަންދޫ ހެލްތު ސެންޓަރުގެ މުވައްޒަފުން ގޮސްފައި ވަނީ ހެލްތު މިނިސްޓްރީން އަންގައިގެން ކަމަށެވެ.
"ތީގަ އަޅުގަނޑު ބުނެލަން އޮތީ އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެން މުއައްސަސާގެ މުވައްޒަފުން ގޮސް އިންނާނީ ހެލްތު މިނިސްޓްރީން ސީދާ ގުޅައިގެން މުވައްޒަފުން ފޮނުވަން ބުނެގެންނޭ. އެ ނޫން ގޮތަކަށް އަޅުގަނޑުމެން ނީންނާނެ އަމިއްލައަކަށް އެއްވެސް މުވައްޒަފަކު ގެންގޮސްފައެއް. އަޅުގަނޑު އަމިއްލަ ބާރަކުއެއް. ރަސްމީ ހައިސިއްޔަތުން އަޅުގަނޑުމެން ދިޔައީ" ޝަހުމާ ވިދާޅުވިއެވެ.
ޚިޔާލު ފައުޅުކުރުން