މުހައްމަދު ރަޝީދު ފަރުދީ ވައުދު ފުއްދަވައިފި!

މުހައްމަދު ރަޝީދު ހަދިޔާކުރި ލެޕްޓޮޕް، 2016 ވަނައަރު ގްރޭޑް 7ކުން އެންމެ މޮޅު ދަރިވަރަށް ހަވާލުކުރަނީ
އިހަވަންދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ހޮވާފައިވާ މުޙައްމަދު ރަޝީދު (މުންޒިރު މޯޑް) އެބޭފުޅާ، ކައުންސިލަށް އިންތިހާބު ކޮށްފިނަމަ ފަރުދީގޮތުން ފުއްދަވާނެކަމަށް ވެލެއްވި ވައުދު ފުއްދަވައިފިއެވެ. އެބޭފުޅާ ވައުދު ވެފައިވަނީ އެބޭފުޅާގެ ކައުންސިލްކަމުގެ ދައުރުގައި ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަކަށް ހޮވޭ ދަރިވަރަށް ލެޕްޓޮޕެއް ދިނުމަށެވެ. އެގޮތުން މިއަދު އިހަވަންދޫ މަދަރުސާގައި އޮތް ރިޕޯޓްފޮތް ދިނުމުގެ ރަސްމިއްޔާތުގައި އެބޭފުޅާވަނީ، 2016 ވަނައަހަރު ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރު މިރަށު ޖަނަވަރީމާގޭ، އައިމިނަތު ޒުހާ ޒާހިރަށް ލެޕްޓޮފެއް ހަދިޔާކުރައްވާފައެވެ.
މިއަދު ހަދިޔާކުރެއްވި ލެޕްޓޮޕާއި އެކު މުހައްމަދު ރަޝީދުވަނީ އެބޭފުޅާގެ ކައުންސިލްކަމުގެ ދައުރުގައި ވޭތުވެދިޔަ 3 އަހަރުވެސް ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަށް ލެޕްޓޮޕް ދެއްވައި، އެބޭފުޅާގެ ކެޕްޕެއިންގައި ފަރުދީގޮތުން ވެލެއްވި ވައުދު ފުއްދަވާފައެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ އެބޭފުޅާ އިތުރު ދައުރަކަށް ހޮވިއްޖެނަމަ، މިހާރު ކޮންމެ އަހަރަކު ހަދިޔާކުރާ އެއް ލެޕްޓޮޕްގެ ބަދަލުގައި ކޮންމެ އަހަރަކު ދެ ލެޕްޓޮޕް ހަދިޔާކުރައްވާނެ ކަމުގައެވެ. "އިތުރު ދައުރެއް އަޅުގަނޑަށް ލިބިއްޖެނަމަ. މިހާރު މިދޭގޮތަށް ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަށް ހަމަ ކޮންމެ އަހަރަކުވެސް ލެޕްޓޮޕެއް ހަދިޔާކުރާނަން. އަދި އޭގެ އިތުރުން ގްރޭޑް 8 ކުން އެންމެމޮޅު ދަރިވަރަށްވެސް ލެޕްޓޮޕް ހަދިޔާކުރާނަން" އެބޭފުޅާ ވިދާޅުވިއެވެ.
ޒުވާނުގެ ތެރޭގައި މުންޒިރު ބްރޯގެ ނަމުން މަޝްޙޫރުވެފައިވާ ކައުންސިލަރު މުހައްމަދު ރަޝީދަކީ، އިޖްތިމާއީ ގިނަ ހަރަކާތްތަކަށް ވަރަށްބޮޑު އެހީތެރިކަމެއްދެއްވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ޒުވާނުންނަށް ހިންގޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި އެނޫންވެސް ޒުވާނުން ޝާމިލްވާ ކަންކަމުގައި އެބޭފުޅާގެ ދީލަތިކަން ވަރަށްބޮޑެވެ.
ޚިޔާލު ފައުޅުކުރުން