ޔުނައިޓެޑު ޔޫތުން މި ފަހަރު ވެސް ތަފާތު ދައްކަނީ

19 ނޮވެމްބަރު 2016 3

ފޮޓޯ: ޔުނައިޓެޑް ޔޫތް ފޭސްބުކް ޕޭޖް

ދިހަ ވަނަ މައިކަޕަށް ޓީމްތައް ތައްޔާރުވަމުން ދާއިރު މިދިޔަ ފަހަރެކޭ އެއްފަދައިން ތަފާތު ބަދަލުތަކެއް މިފަހަރު ވެސް ފެންނާނެ ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން ހާމަކޮށްފިއެވެ.

ޔުނައިޓެޑް ޔޫތަށް މައިކަޕްގެ ތަށި ހޯދާދިން މަޝްހޫރު އަދި ކާމިޔާބު ކޯޗު ހަމްޒާ އިބްރާހީމް (ހަނދޭ) އެހެން ޓީމަކާ ގުޅިފައިވާއިރު، ޔުނައިޓެޑް ޔޫތުގެ ކޯޗު ކަމާ މިފަހަރު ހަވާލު ވަނީ މައިކަޕްގެ އެންމެ ޝަރަފްވެރި ޓީމް ކަމުގައިވާ ނަފްސު ވަޔަށް ކެހޭ (އެން.ވީ.ކޭ)ގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކޯޗު ޢަލީ އިރުޝާދު (ބޮޑު އަލީ) ކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.

ބޮޑު އަލީގެ އިތުރުން އެން.ވީ.ކޭގެ އިތުރު ބައެއް ކުޅުން ތެރިން ވެސް މިފަހަރު ޔުނައިޓެޑް ޔޫތުން ފެންނާނެ ކަމަށް އެ ޓީމުން މަޢުލޫމާތު ދެއެވެ. މި ގޮތުން ފާއިތުވި ނުވަ މައިކަޕްގައި ވެސް އެން.ވީ.ކޭ އަށް ކުޅުނު އަދި އެ ޓީމްގެ އެއް ފައުންޑަރ ކަމުގައިވެސްވި ނޫޝާން ޢަބްދުއްރައްޒާޤު (ނޫއްޓޭ) މިފަހަރު ފެންނާނީ ޔުނައިޓެޑް ޔޫތުން ކަމަށް ޔުނައިޓެޑް ޔޫތުގެ ކޯ ޗެއާ ޢަބްދުﷲ ނަވާޒް މި ނޫހަށް ކަށަވަރުކޮށްދެއްވިއެވެ.

އެން.ވީ.ކޭގެ ވަރުގަދަ ފަހުލަވާނުން ތަކެއް ޔުނައިޓެޑް ޔޫތާ މިފަހަރު ގުޅިފައިވާއިރު، މި ޓްރާންސްފާތަކުގެ ތަފްޞީލް ދިނުމަށް ޔުނައިޓެޑް ޔޫތުގެ މަސްދަރުތަކުން އިންކާރު ކުރެއެވެ. ނަމަވެސް މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ޔުނައިޓެޑް ޔޫތުން މިފަހަރުގެ ޓްރާންސްފާގައި ހަދާފައިވާ ޑީލްތަކަކީ އިހަވަންދޫގެ ފުޓްބޯޅައިގެ ތާރީޚްގައި ރެކޯޑް ޑީލްތަކަކަށް ވާނެއެވެ.

މީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުން ވިދާލި ހުނަރުވެރި ތިން ކުޅުންތެރިއަކު ވެސް މިފަހަރު ޔުނައިޓެޑް ޔޫތުގެ ޖާޒީގައި ފެންނާނެކަމަށް ޔުނައިޓެޑް ޔޫތުގެ ކޯ ޗެއާ ޢަބްދުﷲ ނަވާޒް މައުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން ވެސް ހުނަރުވެރި އެހެން ވެސް ގިނަ ކުޅުންތެރިން މިފަހަރު ވެސް ޔުނައިޓެޑް ޔޫތުގައި ހިމެނޭނަކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުﷲ ނަވާޒް ވިދާޅުވީ "ޓީމުގެ މެނޭޖްމެންޓާއި ކުޅުންތެރިންގެ ފަރާތުން މިއަހަރު ޓީމާއި އަލަށް ގުޅިފައިވާ ކުޅުންތެރިންނަށް ވަރަށް ހޫނު މަރުހަބާއަކާއި ވަރަށް އިހްލާސްތެރި ޝުކުރެއް" ދަންނަވާ ކަމަށާއި، "މިފަހަރުގެ މުބާރާތަށް ޔުނައިޓެޑް ޔޫތު މި ނިކުންނަނީ ތަށި ދިފާއުކޮށް މައިކަޕްގެ ތާރީހް ބަދަލުކޮށްލުމުގެ އުއްމީދުގައި" ކަމަށާއި، އެހެންކަމުން "މި ނިކުންނަ ކަނޑުގެ ބާނިތައް ބޮޑުވެ، ރާޅުތައް ބިޔަވާނެކަން" އެނގޭ ކަމަށާއި، " ޔުނައިޓެޑް ޔޫތާ ގުޅިފައިވާ ކޮންމެ ކުޅުންތެރިއަކީވެސް ގަދަ ކަނޑަކަށް ނުކުމެ، އައިނަށްއަރައި އޮޑި ފުރައި، ހައްސަ ބޭނޭވަރުގެ ހުނަރުވެރި ފަޅުވެރިންތަކެއް" ކަމަށެވެ.

"ޢަލީ އިރުޝާދަކީ މޮޅު ކޯޗެއް. ކަނޑުތަކާއި، ފަޅާއި، ގިރިތައް ރަނގަޅަށް ދަންނަ ހުނަރުވެރި މާލިމީއެއް. ޢަލީ ގުޅުމަކީ ވަރަށް އުފާ ކުރާ ކަމެއް. ﷲގެ އިރާދަފުޅުން، މި މާލިމީއެކު ޔޫތުން ދާން ބޭނުންވާ ހަގީގީ މަންޒިލަށް ބަނދަރު ކުރެވޭނެ. ޓީމުގެ ހުރިހާވެސް ދިރުމަކީ ސަޕޯޓަރުން. މިދިޔަ އަހަރު ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓު މިއަހަރުވެސް ލިބޭނެކަމަށް އުންމީދު ކުރަން. އަޅުގަނޑުމެންނަކީ މުބާރާތުގައި ބައިވެރިވެފައިވާ އެއްވެސް ޓީމަކާ ޒާތީވާނެ ބައެއްނޫން. އެއީ އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމަށް ދެކެނީ" ނަވާޒް ވިދާޅުވިއެވެ.

ޔުނައިޓެޑް ޔޫތަކީ މައިކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށް ވާއިރު، ދާދިފަހުން ކައުންސިލުން ބޭއްވި އިހަވަން ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ޔުނައިޓެޑް ޔޫތުންނެވެ. ޔުނައިޓެޑް ޔޫތު ފާހަގަވެފައި ވަނީ މުބާރާތަށް ދުރާލާ ތައްޔާރުވެ، ޓީމްތަކާއި ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފައްދައި، ކުޅިވަރުގެ ރޫހު އިހަވަންދޫގައި އާލާވާނެހެން ރޭވުންތެރި ހިކުމަތްތެރި ގޮތުގައި ގިނަ ބަޔަކު އެކުވެގެން ހިންގަމުންދާ ނަމޫނާ އަދި ބޮޑުތަނުން ތަފާތު ޓީމެއްގެ ގޮތުގައެވެ. ނަތީޖާ އަކީ ފާއިތުވި ކުރު މުއްދަތުގައި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް އަދި ޔަގީންކަން އެ ޓީމުން ހޯދުމެވެ.

މައިކަޕް 2016, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޔުނައިޓެޑު ޔޫތު ހަބޭސް

– 19 ނޮވެމްބަރު 2016 0

ތަފާތަކީ ރުފިޔާ! 40 ހާސް ރުފިޔާގެ ޑީލެކޭ ބުނާ އަޑު އިވޭ! މީހަކަށް 10000 ދޯ؟

– 20 ނޮވެމްބަރު 2016 0

އެންވީކޭ އަތަށްގޮވީ، ތިގޮތަށް ޓީމެއް ރޫޅާލުމަކީ މުސްްތަގުބަލުގައި އެންވީކޭގެ ނިމުން ކަމުގައި ދެކެން . ޑީލްހެދި ހުރިހާކުދިންނަށް ވަރަށް ސަލާމް

– 20 ނޮވެމްބަރު 2016 0