[HEADER BANNER]
[AD]

މައިކަޕްގެ ގަދަ އަށެއް ކަށަވަރުވެއްޖެ

17 ޑިސެމްބަރު 2016 0

ފޮޓޯ: އަހްމަދު ޝަރީފް / ރަންކޮކާގެ

މި މަހު ނުވަ ވަނަ ދުވަހު ފެށި ދިހަ ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ އަށެެއް ކަށަވަރު ވެއްޖެއެވެ. ސޯޅަ ޓީމް ބައިވެރިވި މި މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ގްރޫޕަށް ބައި ބަހައިގެން ކޮންމެ ގްރޫޕަކުން ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ކްއާޓަރ ފައިނަލަށް ހޮވޭ ގޮތަށެވެ.

މިގޮތުން ގްރޫޕް އެކަކުން ކުޅުނު ހުރިހައި މެޗަކުން މޮޅުވެގެން ނުވަ ޕޮއިންޓާއެކު އަރާދުވާ އެއް ވަނަ ހޯދިއިރު ދެ ވަނަ ހޯދީ ހަތަރު ޕޮއިންޓް ހޯދި ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީއެވެ. ގްރޫޕް ދޭކުން ހަ ޕޮއިންޓާއެކު އެއް ވަނަ ހޯދީ މާރަންދޫ ޔޫތު ސޮސައިޓީއެވެ. ފަސް ޕޮއިންޓާއެކު ދެ ވަނަ ހޯދީ މުބާރާތުގެ ތަށި އެއް ފަހަރު ހޯދާފައިވާ ޖަންގަލް ޑާކް ޕޮއިންޓެވެ. ގްރޫޕް ތިނަކުން ހަތް ޕޮއިންޓް ހޯދައިގެން މާރަންދޫ ޔޫތު ކޯޕަރޭޝަން އެއް ވަނަ ހޯދިއިރު ދެ ވަނަ ހޯދީ ސެން ސިޓީއެވެ. ގްރޫޕް ހަތަރަކުން ހަތް ޕޮއިންޓް ހޯދައިގެން އެއް ވަނަ ކަށަވަރު ކޮށްފައި ވަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ނިކައެވެ. ފަސް ޕޮއިންޓާއެކު ދެ ވަނަ ހޯދާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތެވެ.

ކްއާޓަރ ފައިނަލްގެ މެޗްތައް ފެށޭނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހު ހަވީރު ބައްދަލު ކުރާނީ ގްރޫޕް އެކަކުން އެއް ވަނަ ހޯދި އަރާދުވާ އާއި ގްރޫޕް ދޭކުން ދެ ވަނަ ހޯދި ޖަންގަލް ޑާކް ޕޮއިންޓެވެ. މި ދެޓީމަކީ ވެސް އެއް ސަރަހައްދަކަށް ނިސްބަތްވާ ދެ ޓީމްކަމަށް ވުމާއެކު މި މެޗަކީ ފޯރި ގަދަ މެޗަކަށް ވާނެ ކަމަށް ބެލެވެއެވެ. ގްރޫޕް އެކަކުން ދެ ވަނަ ހޯދި ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ގްރޫޕް ދޭކުން އެއް ވަނަ ހޯދި މާރަންދޫ ޔޫތު ސޮސައިޓީ ބައްދަލު ކުރާ މެޗް އޮންނާނީ ހޯމަ ދުވަހުގެ ރޭގަނޑުއެވެ.

ކްއާޓަރ ފައިނަލްގެ ތިން ވަނަ މެޗްގައި އަންގާރަ ދުވަހު ހަވީރު ބައްދަލު ކުރާނީ ގްރޫޕް ތިނެއްގެ އެއް ވަނަ ޓީމް މާރަންދޫ ޔޫތު ކޯޕަރޭޝަނާއި ގްރޫޕް ހަތަރަކުން ދެ ވަނަ ހޯދި ޔުނައިޓެޑް ޔޫތެވެ. ފަހު މެޗްގައި ބައްދަލު ކުރާނީ ގްރޫޕް ތިނެއްގެ ދެ ވަނަ ޓީމް ސެން ސިޓީ އާއި ގްރޫޕް ހަތަރެއްގެ އެއްވަނަ ޓީމް ނިކައެވެ.

ސެމީ ފައިނަލްގެ ދެ މެޗް އޮންނާނީ އަންނަ ބްރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު ބައްދަލު ކުރާނީ ކްއާޓަރ ފައިނަލްގެ ފުރަތަމަ މެޗާއި ތިން ވަނަ މެޗުން މޮޅުވާ ދެ ޓީމެވެ. އެ ރޭ ރޭގަނޑު ބައްދަލު ކުރާނީ ދެ ވަނަ މެޗާއި ހަތަރު މެޗުން މޮޅުވާ ދެ ޓީމެވެ. ފައިނަލް މެޗް އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑުއެވެ.

މައިކަޕް ފުޓްބޯޅަ މުބާރާތަކީ އިހަވަންދޫގައި ކުޅެވޭ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތެވެ. މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުހަންމާ) އާއި ފިލްމީ ތަރި ޔޫސުފް ޝަފީޢު އިސްވެ ހުރެ އިހަވަންދޫ ސްޕޯޓްސް ކްލަބް މެދުވެރިކޮށް 2007 ވަނަ އަހަރު ފެށި މުބާރާތެކެވެ. އޭގެ ފަހުން ފާއިތުވެ ދިޔަ ކޮންމެ އަހަރަކު ވެސް އިތުރު ފުރިހަމަ ކުރުންތަކާއެކު މުހަންމާގެ މޭސްތިރި ކަމުގައި މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. މިހާރު މި މުބާރާތް އިންތިޒާމް ކުރަނީ ކްލަބް ޕޯލް ސްޓާއިންނެވެ. މި މުބާރާތުގެ އެއް ވަނަ ޓީމަށް މި އަހަރު 75000 ރުފިޔާ ހުށަހަޅާފައިވެއެވެ.

[BOTTOM CONTENT BANNER]
މައިކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ