[HEADER BANNER]
[AD]

އިހަވަންދިއްޕޮޅު ސްކޫލްތަކުގެ ދަސްވާރު ދަސްވެނިވުން ބާއްވައިފި


ހއ. އަތޮޅު ސުކޫލްތަކުގައި ދަސްވާރު ޕްރޮގްރާމްދަނީ ކާމިޔާބުކަމާއެކީ ހިންގަމުން. ދަސްވާރު ޕްރޮގްރާމުން ދަސްވެނިވި ދަރިވަރަކު ސަނަދު ލިބިގަންނަނީ. ފޮޓޯ: އިހަވަންދޫ ސްކޫލް.

އިހަވަންދިއްޕޮޅު ސްކޫލްތަކުގެ ދަސްވާރު ޕްރޮގްރާމް 2016 ވަނަ އަހަރު ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ މެންދުރުފަހު ހއ. އިހަވަންދޫ ސްކޫލްގައެވެ.

މިރަސްމިއްޔާތުގައި އިހަވަންދިއްޕޮޅު ސްކޫލްތަކުގެ ޖުމުލަ 41 ދަރިވަރުން ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވިފައިވެއެވެ. އެއީ ހއ.އަތޮޅު މަދަރުސާގެ 11 ދަރިވަރުންނާއި އިހަވަންދޫ ސްކޫލްގެ 15 ދަރިވަރުންނާއި މާރަންދޫ ސްކޫލްގެ 2 ދަރިވަރުންނާއި މޮޅަދޫ ސްކޫލްގެ 3 ދަރިވަރުންނާއި ތުރާކުނު މަދަރުސާގެ 2 ދަރިވަރުންނާއި އުލިގަމް މަދަރުސާގެ 3 ދަރިވަރުންނާއި ތަކަންދޫ ސްކޫލްގެ 5 ދަރިވަރުންނެވެ.

އިހަވަންދިއްޕޮޅު ސްކޫލްތަކުގައި ދަސްވާރު ޕްރޮގްރާމް ކޯޑިނޭޓްކުރައްވާ އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު ރަޝީދު ވިދާޅުވީ ދަސްވާރު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޓިވެޓް އޮތޯރިޓީ ގުޅިގެން އެއްވެސް ކުއްޖަކުބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން 2014 ވަނައަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަވަން ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ.

" މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން އެކި މުއައްސަސާތަކުގައި ޢަމަލީގޮތުން މަސައްކަތުގެ ތަޖުރިބާ ހޯދައި، ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދް ޙާޞިލްކުރުމަށް ދަރިވަރުންނަށް ކޯސް ހިންގާދެވޭ. ގްރޭޑް 10 ގައި، ތަޢުލީމީގޮތުން އެކަށީގެންވާ ނަތީޖާ މާއްދާތަކުން ޙާޞިލްނުކުރެވޭ ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމުގެ ތެރެއިން ތަޢުލީމީ ގޮތުން ނުވަތަ މަސައްކަތްތެރިކަމުގެ ގޮތުން އިތުރަށް ކުރިއަށްދާނެ މަގު ފަހިކޮށްދެވޭ.  އަދި ދަސްވާރު ޕްރޮގްރާމުން ލިބޭ ސެޓްފިކެޓް އެއީ މެރިޓްގެ ގޮތުން 3 މާއްދާއާ އެއްވަރު މެރިޓެއް.  ދަސްވާރު ޕްރޮގްރާމްގެ މަޤްޞަދުތަކުތެރޭގައި ކުދިންގެ ތަފާތު ޤާބިލިއްޔަތުތަކަށް ފުރުސަތު ހޯދައިދިނުމާއި މަސައްކަތުގެ ތަޢުލީމާއި ހުނަރުވެރިކަމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި މަސައްކަތްތެރިކަމށް ލޯބިކުރާ ދަރިވަރުން އުފެއްދުން ހިމެނޭ. " އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ނިމިދިޔަ 2016 ވަނައަހަރު ރާއްޖޭގެ ސުކޫލްތަކުން 716 ދަރިވަރަކު މިހާތަނަށް ދަސްވާރުޕްރޮގްރާމް ފުރިހަމަކޯށްފައިވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ, ހއ. ހޯރަފުށި, ހއ. މާރަންދޫ, ހއ. މޮޅަދޫ, ހއ. ތުރާކުނު, ހއ.އުލިގަމް, ހއ. ތަކަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ