އެއްވަނައަށް އުމުރާ ދަތުރަކާ އެކު ޕޯލްސްޓަރގެ ޤުރުއާން މުބާރާތް އިޢުލާނުކޮށްފި

4 ޖޫން 2017 0

ޕޯލްސްޓަރގެ 15 ވަނަ ޤުރުއާން މުބާރާތުން 1 ވަނަ ހޯދި ހއ. އިހަވަންދޫ މަންޒިލް ފާޠިމަތު ރާޔާ ރަޢޫފް. ފޮޓޯ: އޭއެސްޕީ

އެއްވަނައަށްދާ ފަރާކަށް އުމުރާ ދަތުރަކާ އެކު ޕޯލްސްޓަރގެ 16 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މެދުކެނޑުމެއްނެތި އިހަވަންދޫގައި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރްއާން މުބާރާތްކަމަށްވާ ކުލަބު ޕޯލްސްޓަރގެ ޤުރްއާން މުބާރާތް ނިމިދިޔަ އަހަރުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަލްމަރުޙޫމް ޢަބްދުﷲ ނަޢީމްގެ ހަނދާނުގައެވެ. މި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މިހިނގާ ޖޫން މަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހަމަރޯޅިކުރި އަދި ޓޫފޯޓޫ ފިހާރައިން ލިބެން ހުންނާނެ ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ.

ހާއްސަ، އާންމު، އަދި ކުލާސްތަކުގެ ބަޔާއެކު 3 ބަޔަކަށް ބަހާލެވިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގައި ހާއްސަ ބަޔަކީ 7 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްފައިވާ ބައެކެވެ. މިބައިގެ ބައިވެރިންނަށް 2 ވަނަ ބުރަށް ދިއުމުގެ ފުރުސަތު ނުލިބޭނެ އެވެ. އާއްމު ބަޔަކީ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބައެކެވެ. މިބައިގައި ވާދަ ކުރާ ބައިވެރިންނަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކުލާސްތަކުގެ ބަޔަކީ އިހަވަންދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ޤުރުއާން ކުލާސްތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ ބައެކެވެ. ޕޯލްސްޓަރ އިން ބުނެފައި ވަނީ މިބާގައި ކޮންމެ ކުލާހަކުންވެސް ބައިވެރިވެވޭނީ 5 ދަރިވަރުންނަށް ކަމަށެވެ. އެއީ ހިތުން ކިޔެވުމުގެ ބާގައި 2 އަދި ފޮތުން ކިޔެވުމުގެ ބާގައި 3 ދަރިވަރަކަށެވެ. މިބާގައި ވާދަކުރާ ބައިވެރިންނަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ހިތުން ކިޔެވުމާއި ފޮތުން ކިޔެވުން އަދި ހާފިޘުންގެ ގޮތްފާއެކު ޖުމުލަ 3 ގޮތްފަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ، މުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ މުބާރާތުގެ އާއްމު ބައިން 75 އިންސައްތަ އަށްވުރެ މަތިން މާކުސް ހޯދާ އެންމެ މޮޅު 5 ބައިވެރިންނަށް ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ. 

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ