[HEADER BANNER]
[AD]

ދެ ދައުރަށްފަހުވެސް ޔާމީން ވެރިކަމުގައި ބަހައްޓާނެ ގޮތަކާމެދު ވިސްނަން: ނިހާން

27 އޭޕުރީލު 2018 0

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ހަސަން ފަހުދު

މިހާރު ވިސްނުމުގައި އޮތީ ދެދައުރަށް ފަހު ރައީސް ޔާމީން ވެރިކަމުގައި ބަހައްޓާނެ ގޮތަކާމެދު ވިސްނުން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

"އަހުން ވެސް ރައީސް ޔާމީން އާއި އެކު"  ނަމުގައި ހއ. އިހަވަންދޫގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެބޭފުޅާގެ ވިސްނުމުގައި މިހާރު އޮތީ ރައީސް ޔާމިން 2018 އިން ފެއްޓިގެން 2023 އާ ހަމައަށް ވެރިކަން ކުރައްވާ ނިމުނީމަ އިތުރަށް ވެރިކަމުގަ ބަހައްޓާނެ ގޮތަކާމެދު ވިސްނުން ކަމަށެވެ.

"މާނައަކީ ގާނޫނުއަސާސީ މިއޮތީ، ފަސް އަހަރުގެ ދެ ދައުރު، އެއީ 10 އަހަރު. މި ސްޕީޑް، ބާރުމިނުގައި ރާއްޖެ ތަރައްގީކުރުމުގެ ވާހަކަ މި ދައްކަނީ. އެހެންވެއްޖިއްޔާ އަދި އިތުރު ދައުރުތަކެއްގައި އެމަނިކުފާނު ބެހެއްޓޭނެ ގޮތްތަކެއް ހޯދަން އަޅުގަނޑުގެ ބޮލުގައި ކޮންމެ ރެއަކާއި ކޮންމެ ދުވާލަކު ވިސްނުމުގައި އޮވޭ،" މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ، މީހުން ދިރިއުޅޭ 194 ރަށުގެ ތެރެއިން އެވްރެޖްކޮށް ކޮންމެ ރަށަކަށް މަދުވެގެން 10 މަޝްރޫއު ހިންގަވައިފަ ކަމަށެވެ. މިއީ "ސަތޭކަ ވިއްސަކަށް ބިލިޔަން ބަޖެޓެއް ފާސްކޮށްގެން ރައްޔިތުންގެ ތެރޭން ދެވެން ހުރި ކޮންމެ ދިމާލަކަށް، ކޮންމެ ހިސާބަކަށް މިކަން ކޮށްދެއްވާތޯ ކުރާ މަސައްކަތުގެ ފުރަތަމަ 5 އަހަރުގެ" އެންމެ ފަހު އަހަރުކަމަށް ވިދާޅުވެ ނިހާން އިތުރަށް ވިދާޅުވީ އިތުރު ފަސް އަހަރެއް ދީފިނަމަ، މި ގުނަ އިތުރު ގުނަތަކަކަށް ބަދަލުވެގެން ދިއުމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ނިހާން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އިހަވަންދޫގައި ހިންގާފައި ވަނީ 3 މަޝްރޫޢު ކަމަށާއި މި ސަރުކާރަކީ ތަރައްގީ ގެނެސްދޭ ސަރުކާރެއް ކަމަށާއި ހަތަރު އަހަރުގެ ތެރޭގައި އިހަވަންދޫގައި އެކަނި ވެސް 14 މަޝްރޫއު ހިންގާފައިވާ ކަމަށެވެ. އެމަޝްރޫޢުތައް ކަމަށް ނިހާނު ވިދާޅުވެފައި ވަނީ

 • ސިއްހީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް
 • ސިއްހީމަރުކަޒުގެ ފިނިޝިންގް މަސައްކަތް
 • ސިއްހީމަރުކަޒު ކަނެކްޝަން ބިލްޑިންގ އެއް އެޅުމުގެ މަސައްކަތް
 • އިހަވަންދޫ ސުކޫލަށް 12 ކުލާސްރޫމު އިތުރުކޮށްދިނުމުގެ މަސައްކަތް
 • މަގުބައްތި ޖެހުމުގެ މަސައްކަތް
 • ފެނުގެ ނިޒާމު ގާއިމު ކުރުން
 • ނަރުދަމާ ނިޒާމު ގާއިމު ކުރުން
 • ޑަސްބިނާ ގަސްކާނާ އުފައްދާތަކެތި ފޯރުކޮށްދިނުން
 • ސްޕޯރޓްސް އެރީނާގެ މަސައްކަތް
 •  ހުރަވީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް
 •  350 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދިނުމުގެ މަސަތް
 •  ސޯލާ ޕީވީ ޑީސަލް ހައިބުރައިޑު ޕަވަރ ޖެނެރޭޝަން ޕުލާންޓު ބެހެއްޓުން
 •  600 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓު ފޯރުކޮށްދިނުމުގެ މަސައްކަތް
 •  ޖީޕީއާރު ފެން ބެހެއްޓުމުގެ މަސައްކަތް

ރައީސް ޔާމީންގެ ތަރައްގީގެ ސްޕީޑު ސިފަކުރައްވައި ނިހާން ވިދާޅުވީ އެއްވެސް ގައުމަކުން ތަރައްގީގެ މަޝްރޫއުތަކުގެ ހަލުވިމިން ބަލާ ކަމަށް ވަންޏާ އެންމެ ފުރިހަމަ ސްޕީޑަކަށް ނަގަން އޮތް މިސާލަކީ "ޔާމީން ސްޕީޑް" ކަމަށެވެ.

މިރޭ އިހަވަންދޫގެ ބަނަދަރު ސަރަހައްދުގައި ބޭއްވި މިޖަލްސާގައި ހއ. އަތޮޅުގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

 

 

[BOTTOM CONTENT BANNER]
ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ