[HEADER BANNER]
[AD]

ރައީސް އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނުގެ ދިފާއުގާ ކުރައްވަމުން ގެންދަވާ މަސައްކަތް: އަބްދުއްރަހީމް

27 އޭޕުރީލު 2018 0

"އަހުންވެސް ރައީސް ޔާމިންއާއެކު" ޖަލްސާގައި އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ހަސަން ފަހުދު

ރައީސް ޔާމިން އަށް މިއަދު ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހިމާޔަތުގަ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"އަހުންވެސް ރައީސް ޔާމީނާއެކު"ގެ ނަމުގައި ޕީޕީއެމުން ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ބޭރުގެ ފިއްތުންތައް ކުރިމަތިވަނީ ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން އޮތުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. "ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް އެމަނިކުފާނު ބާތިލް ދީން ތަކަށް އެއްވެސް ފުރުސަތެއް މި ގައުމުން ނުދެއްވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމިއްޔަތުގެ އެންމެ ބާރުގަދަ އަދި އެންމެ ވަރުގަދަ އަސާސަކީ އިސްލާމްދީން ކަމަށާއި ދެން އެންމެ މުހިންމު އެއްޗަކީ ދިވެހި ބަސް ކަމުގައި ފާހަގަ ކުރައްވާ އަބްދުއްރަހީމްގެ ވާހަކަފުޅު ކުރިއަށްގެންދަމުން ވިދާޅުވީ "އެންމެން އެބަޖެހޭ އަޒުމު އާލާކުރަން ގައުމިއްޔަތު ދިރުވުމަށްޓަކައި. ގައުމިއްޔަތު ދިރުވާ އާލާކުރެވޭނީ މާތްވެގެންވާ އިސްލާމްދީން އެއީ ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާ ކަމަށް ދެކިގެން ނުވަތަ އޭގެ މައްޗަށް ގައުމު ކުރިއަރާ ތަރައްގީއާ ތަހުޒީބު ވެގެންދާ އަސްލަކީ މާތްވެގެންވާ އިސްލާމްދީންކަން ގަބޫލުކޮށްގެން، އެ އިސްލާމް މިތާ އަބަދުގެ އަބަދަށް ދެމެހެއްޓޭނެ ގޮތްތަކެއް " ހޯދައިގެން ކަމަށެވެ.

މިއަދު އަޅުގަނޑުމެން ކޮންމެ މީހަކު ވާންވީ ރައީސް ޔާމިން ފަދަ ގައުމީ ރޫހު ހުރި ދިވެހި ރައްޔިތަކަށް ކަމަށާއި، ރައީސް ޔާމިން ފަދަ ގައުމު ދެކެ ލޯބިވާ މީހަކަށް ކަމަށާއި، ރައީސް ޔާމިން ފަދަ ގައުމަށް ވަފާތެރި މީހަކަށް ކަމަށާއި، ރައީސް ޔާމިން ފަދަ ގައުމަށް އިހުލާސްތެރި، އަޒުމު ވަރުގަދަ މީހަކަށް ކަމަށް ވިދާޅުވެ، ގައުމަށް ދިމާވާ ކޮންމެ ކަމެއް ކުރިމަތިވާހިނދު އެއްބައިވަންތަ ކަމާއެކީ އެއްރޫހެއްގަ ނުކުމެ މުޅިގައުމުގެ ދިފާއުގަ ކުރިމަތިލާން ކެރޭ މީހަކަށް ކަން އަބުދުއް ރަހީމް ފާހަގަ ކުރެއްވި އެވެ.

ހއ. އަތޮޅުގެ ބައެއް ރަށްތަކުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބުދުﷲ ނާޒިމް އިބުރާހިމް، ޕީޕީއެމް ޕީޖީ ލީޑަރ އަލްފާޟިލް އަހުމަދު ނިހާން ހުސެންމަނިކު، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ އަލްފާޟިލް ޢަލީ މައުރޫފު، ޕީޕީއެމް ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރ އަލްފާޟިލް ޢަލީ އާރިފް އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

[BOTTOM CONTENT BANNER]
ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ