[HEADER BANNER]
[AD]

މޫނު ބުރުގާ އެޅުން މަނާވާފަދަ ޤާނޫނެއް ޑެންމާކްގައި ފާސްކޮށްފި!

ލާއިޤު އުޒުރެއްނެތި މޫނުނިވާވާގޮތަށް ހެދުން އެޅުން މަނާކުރާ ޤާނޫނެއް ޑެންމާކްގައި ފާސްކުރުމާއި އެކު އެޤައުމުގައި މޫނުބުރުޤާ އެޅުން މަނާވެއްޖެއެވެ. މިއަދު އެގައުމުގެ ޕާލަމެންޓުން ފާސްކުރި މިޤާނޫނަށް އަމަލުކުރަން ފަށާނީ އޯގަސްޓްމަހުގެ 1 ގައެވެ.

މޫނު ނިވާވާގޮތަށް ހެދުން އެޅުން މަނާކުރާ ޤާނޫނު ފާސްކުރަން ފެންނަކަމަށް 75 ޕާލަމެންޓް މެމްބަރަކު ވޯޓް ދީފައިވާއިރު، އެފަދަ ޤާނޫނެއް ފާސްކުރަން ނުފެންނަކަމަށް 30 މެމްބަރަކު ވޯޓް ދީފައިވެއެވެ. މިޤާނޫގެ ދަށުން މަޤްބޫލް އުޒުރެއް ނެތި މޫނު ނިވާވާގޮގަށް ހެދުން އެޅުން މަނާވާއިރު ފިނި މޫސުމުގައި އެފަދަ ހެދުން އެޅުމާއި ޤާނޫނެއްގެ ދަށުން މޫނު ނިވާވާތަކެތި، މިސާލަކަށް ހެލްމެޓް އެޅުން ފަދަ ކަންކަން އިސްތިސްނާ ކޮށްފައިވެއެވެ. ޑެންމާކްގެ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ބުނަނީ މިއީ ވަކި ދީނަކަށް އަމާޒްކޮށް ހަދާފައިވާ ޤާނޫނެއް ނޫން ކަމަށެވެ. އެ ޤާނޫނުގެ ދަށުން ޝޯލް އާއި ސްކާފް އެޅުން އަދި ފަގުޑިއާއި ޔަހޫދީ ތާކިހާ އެޅުން މަނައެއް ނުކުރެއެވެ.

އެޤާނޫނާއި ހުލާފުވާ ފަރާތްތަކުން ފުރަތަމަ ފަހަރު 1000 ކްރޯނާއިން އަދި އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 10،000 ކްރޯނާއިން ޖޫރިމަނާ ކުރާނެއެވެ. މީގެއިތުރުން އެހެން މީހަކަށް އޭނާގެ މޫނު އެކަށް ފޮރުވޭގޮތަށް ހެދުން އަޅަން މަޖްބޫރުކުރާ މީހުން ދެ އަހަރަށްވުރެ އިތުރު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އުޙްތިޔާރުވެސް އެޤާނޫން ލިބިދެއެވެ.

ޑެންމާކްގެ ވެފައިމިވަނީ މޫނު ބުރުގާ އެޅުން މަނާކުރި ޔޫރަޕްގެ 5 ވަނަ ޤައުމަށެވެ. އޮސްޓްރިޔާ، ފްރާންސް، ބެލްޖިއަމް އަދި ބަލްގޭރިޔާގައިވެސް މޫނުބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ. 310،000 މުސްލިމުން ޑެންމާކްގައި އުޅޭއިރު މޫނު ބުރުގާ އަޅަނީ އެއިގެތެރެއިން ވަރަށް މަދުބަޔެކެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ