[HEADER BANNER]
[AD]

މައްކާއިން މަދީނާއަށް ހައި ސްޕީޑު ދަތުރުތައް ފަށައިފި

27 ސެޕްޓެމްބަރު 2018 0

ރެއިލްވޭ އިފުތިހިތާހު ކޮށްދެއްވުމަށްފަހު ރަސްގެފާނު ސަލްމާން ވަނީ ރޭލުގައި މައްކާއިން މަދީނާ އަށް ދަތުރުފުޅު ކުރައްވާފަ.

މެދުއިރުމަތީގައި މިހާތަނަށް އުފެއްދި އެންމެ ހަލުއި, ބޮޑު ހައި ސްޕީޑް ރޭލް ދަތުރުތައް، "ހަރަމައިން އެކްސްޕްރެސް"  ދިގު އިންތިޒާރަކަށް ފަހު ރަސްގެފާން ސަލްމާން އިފްތިތާހް ކޮށްދެއްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ޖިއްދާގެ އަލްސުލައިމާނިއްޔާ ސުޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓުރާންސްޕޯރޓު މިނިސްޓަރ ޑޮކްޓަރ ނާބިލް އަލް އަމޫދީ ވިދާޅުވީ ހައްޖުވެރިންނަށް ހިދުމަތް ދިނުމުގައި ސައުދީ އިން އަބަދުވެސް ފަހުރުވެރިވާ ކަމަށާއި މުޤައްދަސު ދެބިން މިހާރު "ގާތް ކުރެވިފައި" ވާ ކަމަށެވެ.

ހަރަމައިން ހައި ސްޕީޑު ރެއިލްވޭ ޕުރޮޖެކްޓަކީ ސައުދީން ކަނޑައަޅާފައިވާ 2030 ގެ ތަސައްވަރަށް ހާސިލް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން އެއް ލަނޑުދަނޑި އެވެ. މި ޕުރޮޖެކްޓުގެ ބޭނުމަކީ ހައްޖުވެރިންގެ އަދަދު ގިނަކުރުމާއި މުޤައްދަސު ބިނާތަކަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރު ކުރުމެވެ.

 

މައްކާ އަދި މަދީނާ ގުޅުވާލަ ދޭ 450 ކިލޯ މީޓަރުގެ ހަރަމައިން އެކްސްޕްރެސްގެ ދަތުރުތައް ގުޅުވާލަ ދެނީ މައްކާ އިން ފެށިގެން ޖިއްދާ، ކިންގު ޢަބުދުލް އަޒީޒު އިންޓަރނޭޝަނަލް އެއަރޕޯރޓު، ރާބިޣުގައި ވާ ކިންގު ޢަބުދުﷲ އެކޮނޮމިކު ސިޓީ އަދި މަދީނާ އެވެ.

އެކްސްޕުރެސްގެ ދަތުރުތައް އާއްމު ފަރާތްތަކަށް އަންނަ ހޯމަ ދުވަހު ހުޅުވާލާ އިރު 35 ރޭލް ދަތުރު ކުރާނެ އެވެ. ކޮންމެ ރޭލަކުން 417 ޕަސިންޖަރުންނަށް ދަތުރު ކުރެވޭއިރު ދަތުރުވެރިންގެ ރައްކާތެރިކަމާއި ލުއި ފަސޭހައަށްޓަކައި ރޭލުތަކުގައި ބޭނުންކޮށްފައި ވަނީ އެންމެ ފަހުގެ ޒަމާނީ ޓެކުނޮލޮޖީ އެވެ. ގަޑިއަކު 300 ކިލޯ މީޓަރު ބާރު މިނުގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ މި ރޭލު ތަކުން ދަތުރު ކުރާ ފަރާތްތަކުން މައްކާ އާއި މަދީނާއާ ދެމެދު މިހާރު ކުރާ ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރުގެ ބަސް ދަތުރު ގާތްގަނޑަކަށް ދެ ގަޑިއިރު ނުވަތަ ދޮޅު ގަޑިއިރަށް ކުޑަވެގެންދާނެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފައިވެ އެވެ. އޮފިޝަލުން އުއްމީދު ކުރަނީ ހަރަމައިން އެކްސްޕްރެސް މެދުވެރިކޮށް އަހަރަކު 60 މިލިއަން މީހުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ