އިސްރާއިލް ސިފައިން ފަލަސްތީނުގެ 3 މީހަކު ޝަހީދު ކޮށްލައިފި
ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި ކުރިއަށްދާ މުޒާހަރާ އަށް އިސްރާއިލް ސިފައިން ހަމަލާދީ 3 މީހަކު ޝަހީދު ކޮށްލައިފި ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
ސިއްހީ ވުޒާރާގެ ތަރުޖަމާނު އަޝަރަފު އަލް ގުދުރާ އާ ހަވާލާދީ މިޑުލްއީސްޓްއައި އިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ޝަހީދުވި 3 މީހުންގެ ތެރެއިން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި 24 އަހަރުގެ ފިރިހެނެއް ޝަހީދުވެފައި ވަނީ ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާގެ އިރުމަތީ ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން އިސްރާއިލް ސިފައިން ބަޑިޖެހުމުން އެމީހުންގެ މެއަށް ވަޒަން އަރައިގެންނެވެ. އަދި 28 އަހަރުގެ ފިރިހެނެއް ޝަހީދު ވެފައި ވަނީ ޣައްޒާގެ ދެކުނު ޚާން ޔޫނިސް ސަރަހައްދުން، އިސްރާއިލް ސިފައިން އޭނާގެ ބޮލަށް ބަޑި ޖެހުމުގެ ސަބަބުންނެވެ.
ސިއްހީވުޒާރާގެ ހިސާބުތައް ދައްކާގޮތުން އިއްޔެގެ މުޒާހަރާއިން 376 މީހުން ޒަހަމު ވެފައިވާއިރު އޭގެ ތެރެއިން 126 މީހެއްގެ ގަޔަށް ވަނީ ބަޑީގެ ވަޒަން އަރާފައެވެ.
މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 183 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ޚިޔާލު ފައުޅުކުރުން