12 ވަނަ މައިކަޕް ފުޓުބޯޅަ މުބާތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިހަވަންދޫ ދާއިރާގެ މަޖިލިސްމެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅެވޭ މިމުބާރާތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބު ޕޯލްސްޓަރ އިން ނެވެ.
ކުލަބު ޕޯލްސްޓަރ އިން ޢިއުލާނުކޮށްފައިވާ ގޮތުގައި 12 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުއެވެ. އިހަވަންދޫގެ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ހއ. އަތޮޅުގައި ހުރި ހިލޭސާބަހަށް މަސައްކަތް ކުރާ ކުލަބު ޖަމާޢަތްތަކާއި، ހއ. އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓު ތަކަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުލަބު ޕޯލްސްޓަރ އިންވަނީ ހުޅުވައިލާފައެވެ.
އިހަވަންދޫގެ އެއްވެސް ކުލަބު ޖަމިއްޔާ އަކަށް، ސަރުކާރުގެ މުއައްސަސާއަކަށް އަދި ކުންފުންޏަކަށްވެސް ބައިވެރިނުވެވޭ ގޮތަށް ޤަވާއިދު ފަރުމާ ކޮށްފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 25 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 15:00 އެވެ.
މިފަހަރުގެ މުބާރާތުގެވެސް ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ އަކަށް 2000 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
11 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައި ވަނީ ޖަންގަލް ޓީމެވެ.
ޚިޔާލު ފައުޅުކުރުން