[HEADER BANNER]
[AD]

ކުޑަކުދިންގެ ހައްގުތަކުގެ ބިލާއި ޖުވެނައިލް ބިލް އަވަހަށް ފާސްކުރަންޖެހޭ: އެޗް.އާރު.ސީ.އެމް

19 ނޮވެމްބަރު 2018 0

ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެއަވަހަކަށް ފާސްކުރަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމް އިން ބުނެފި އެވެ.

މިއަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ އަނިޔާ ލިބެމުންދާ ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރި ކުރުމަށެވެ.

ދުވަހާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ވަނީ ކުޑަކުދިންނަށް ޙާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށާއި ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގައި ޤާނޫނުތަކާއި ޤަވާޢިދުތައް ހެދި ތަންފީޒުކުރަމުންދާ ކަމަށެވެ.

އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކުޑަކުދިންނާ ގުޅުންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކާއި އާއިލާއާއި މުޖުތަމަޢު އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ފަރާތުން ވާ އިހުމާލުގެ މައްސަލަތައް ހިމެނެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، މި މައްސަލަތަކުގެ ތެރެއިން 50 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތައްކަން އެޗްއާރްސީއެމް ގެ ބަޔާނުގައި ހިތާމައާއެކު ފާހަގަކޮށްފައި ވެއެވެ.
" އެހެންކަމުން، ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެއަވަހަކަށް ފާސްކުރަންޖެހެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ މަރުކަޒުތައް ހިންގުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށާއި، މިކަމާގުޅޭ އިޖްރާޢުތައް ކަމާގުޅުންހުރި ފަރާތްތަކުން ފުރިހަމަކުރަންޖެހެއެވެ. ހަމައެހެންމެ، އަނިޔާއަށް ހުށަހެޅޭ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ނަފްސާނީ އެހީތެރިކަން ދެވޭނެ އިންތިޒާމެއް ޤާއިމުކޮށް، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މިހާރު ޤާއިމުކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަށީގެންވާ ހަރުދަނާ ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައިވާކަންވެސް ފާހަގަކުރަމެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

 

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ