[HEADER BANNER]
[AD]

އަނދުން ދަޅު

8 މާރިޗު 2013 0

މައިޝާ މަގުމަތީ ހިނގަމުންދިއައީ ފިހާރައަށް ދިއުމަށްޓަކަ އެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މީހުން ހޭލަމޭލައަށް އުޅެމުން ދެ އެވެ. މުޅިމަގުވަނީ ހަލަބޮލިވެފަ އެވެ. ދުއްވާ އެއްޗިއްސާއި ހިނގާމީހުންނެވެ. ފިހާރައާ ހަމައަށް ދެވުމުން އަވަސް އަވަހަށް ފިހާރައަށް ވަނެވެ. ވަރަށް ބޮޑު ފިހާރައެކެވެ. އެވަގުތު ފިހާރާގައި މީހުން ކޮންމެ ވެސް ވަރަކަށް މަދެވެ. މައިޝާ ފިހާރަ ތެރޭގައި ހިނގަންފެށި އެވެ. އޭނާ ބޭނުންވާ އެއްޗެހި ހޯދުމަށްޓަކަ އެވެ. އޭނާ ފިހާރައަށް އައީ ރީތިވާ ސާމާނުތައް ގަތުމަށްޓަކަ އެވެ.

ފިހާރައިގެ އެކިތަންތަން ބަލައި ބޭނުންވާ އެއްޗެހި ހޯދަން ފަށާފި އެވެ. އިރުކޮޅަކުން ލޮލުގައި އަޅާއިގަތީ އަނދުން ދަޅެކެވެ. އެއީ އޭނާ ހޯދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ އެއްޗެކެވެ. ނަމަވެސް މިހާރު ގިނަ ފިހާރަތަކުން ލިބެން ހުންނަ އެއްޗަކަށް ނުވާތީ ނުލިބި ހުރި އެއްޗެކެވެ. އޭނާއަށް އެލިބުމުން ގަންނަން ބޭނުންވާ އެހެން އެއްޗެހި ހޯދުމަށްފަހު އަވަހަށް ގެއަށް ދިއުމަށްޓަކައި ފިހާރައިން ނުކުތެވެ.

އޭރުވެސް މަގުމަތީގައި ވަރަށް މީހުން އަވަދި ނެތި ކޮޅުކޮޅުމައްޗަށް ހޭލަމޭލަ ވެ އެވެ.

އަވަހަށް ގެއަށްދާން ބޭނުންވުމާއެކު ދުއްވާ ގަނެގެންގޮސް އެތާ ކައިރީހުރި ގެއަކަށް ވަނެވެ. މަގު ކުރުކޮށްލުމުގެ ބޭނުމުގަ އެވެ. އޭނާ ދުވެފައިދާލެއް ބާރުކަމުން ކުރިމަތީގައިހުރި އެއްޗެހި ވެސް އޭނާއަކަށް ނުފެނެ އެވެ. ކުއްލިއަކަށް އޭނާ އެއްޗެއްގައި އަޅައިގަނެ ވެއްޓުނެވެ. ބަނޑުވަތަށެވެ. ކިތަންމެ ތަދުވިކަމުގައިވިޔަސް އަވަހަށް ގެއަށްދާން ބޭނުންވާތީ ވަގުތުން ތެދުވި އެވެ. ކުރިމަތިން އެއްވެސް ތަނެއް ނުފެނުނެވެ. އޭނާ ވަށައިގެން ރަނގަޅަށް ބަލާލި އެވެ. އާއެކެވެ! އޭނާ ވެއްޓިފައިވަނީ އެގޭގެ މީހުން ކޮނެފައިވާ ބޮޑު ވަޅަކަށެވެ. މައިޝާ ހަޅޭލަވަން ފެށުމުން މީހުން އެތަނަށް އައިސް އޭނާ އެތަނުން ނަގައިދިނެވެ.

މައިޝާ ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. މިފަހަރު އެހާ ބާރަކަށް ނޫނެވެ. ގެއަށްދެވުމުން އަވަހަށް ކޮތަޅު ހުޅުވައި އަނދުންދަޅު ނެގި އެވެ. ވަގުތުން އޭގެ މަތި ނެގި އެވެ. އެހެން އަނދުންދަޅުތަކާ ތަފާތެވެ. މައިޝާ ހިތަށްއެރި އެވެ. މިހާރު އާ ވައްތަރު ވައްތަރުތަކަށް މީހުން ތަކެތި ހަދާ ވިއްޔާ އެވެ. އެހެންކަމުން މިއަށް ވެސް ބަދަލެއް އައީކަމަށް ވެދާނެ އެވެ. މިޒަމާނަކީ ރީ ބްރޭންޑް ކުރާ ޒަމާނެއް ވިއްޔާ އެވެ.

އަވަހަށް އެތަންމިތަން ހާވާ އަނދުން ކޮޅެއް ހޯދުމަށްފަހު އަނދުން ގާނަން ފެށި އެވެ. ނަމަވެސް އަނދުންކޮޅު ހޭކިހޭކިހެން އެހޭކެން ފެށީ އަނދުންކޮޅުގަ އެވެ. އެއީ ތަތް އެއްޗެކެވެ. ހަރުއެއްޗެއް ނޫނެވެ. މައިޝާ އެދަޅުގެ މަތިގަނޑު ބަލާލި އެވެ. އޭނާ އެވަރަށް ބޭނުންވެގެން މިގަނެވުނީ އަނދުން ދަޅެއްނޫނެވެ. އާދެ! ބޫޓު ޕޮލިސް ދަޅެކެވެ. "ދޮޅު ރޯނާވެފައި" ހުރިވަރުން ބޭރު ބަލައިލަން ހަނދާން ނެތުނީ އެވެ.

 

ނޯޓު: މިއީ އިހަވަންދޫ މަދަރުސާގެ ގްރޭޑް 12 ގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ސަމާސާ އަދަބު ފޮތް ކަމުގައިވާ "ދޮޅަސް" އިން ނަގައިފައިވާ ލިޔުމެކެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ