މައި ކަޕް 2019: ގޮންޖެހުންތަކާ އެކުވެސް ޓީމާމެދު %100 އިތުބާރު އެބައޮތް - ފަޔާޒް

19 ޑިސެމްބަރު 2019 0

މިރޭގެ މެޗުގައި އިހަވަންދޫގެ ހުރިހާ ރައްޔިތުން ނިކުމެ ޔުނައިޓެޑް ޔޫތަށް ސަޕޯޓް ކޮށްދިނުމަށް އެޓީމުގެ ކޯޗް ފަޔާޒްވަނީ އެދިފަ... ފޮޓޯ: ލަޔާން

މައިކަޕް 2019 ވަނަ އަހަރުގެ ފައިނަލް މެޗަށް މިރޭ ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނައިރު ޓީމަށް ގޮންޖެހުންތަކެއް ދިމާވެފައިހުރިކަމުގައި ވިޔަސް ޓީމާއިމެދު ސަތޭކަ ޕަސެންޓް އިތުބާރު އެބައޮތްކަމަށް ޔުނައިޓެޑް ޔޫތުގެ ކޯޗް ހުސައިން ފަޔާޒް ބުނެފިއެވެ.

މިދިޔަ ދެއަހަރުވެސް މައިކަޕްގެ ފައިނަލްގައި ވާދަކޮށްފައިވާ ކޯޗް ހުސައިން ފަޔާޒްބުނީ މުބާރާތް ފެށިގެން ފައިނަލާއި ހަމައަށް އައުމާ ދެމެދު އެކިއެކި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށާއި، މިވަގުތަށް ލިބިފައިއޮތް އެއްމެބޮޑު ހިތްހަމަ ޖެހުމަކީ އެ ހުރިހާގޮންޖެހުންތަކާއި އެކުވެސް ޓީމްގެ ޓާގެޓާ ފިޔަވަޅަކަށް ކައިރިއަށް އާދެވިފައިވާ ކަންކަމަށެވެ.

"ޓީމް މިހިސާބަށް މިއައީ ވަރަށްބުރަ މަސައްކަތުން. ޓީމް މިހިސާބަށް ގެނެސްދިނުމުގައި ޓީމްގެ މެނޭޖްމަންޓާއި، ކުޅުންތެރިން، އަދި ސަޕޯޓަރުން ދެއްކި ހިތްވަރު އެއީ ފައިނަލް މެޗަށް ނިކުންނައިރު އަޅުގަނޑަށް އޮތް ވަރަށްބޮޑު ހިތްހަމަޖެހުމެއް. އިންޝާ ﷲ މިދެންނެވި ހުރިހާ ފަރާތްތަކެއްގެ ހިތްވަރާއި މަސައްކަތް މިރޭވެސް ދަނޑުންނާއި ދަނޑުބޭރުންވެސް ފެނިގެންދާނެ" ފަޔާޒު ބުންޏެވެ.

މިރޭ ފައިނަލްގައި ޔުނިއިޓެޑް ޔޫތާ ވާދަކުރަން ނުކުންނަ ހީވެސްނުވޭ ޓީމާމެދު ދެކެނީ ކިހިނެތްތޯސުވާލުކުރުމުން ފަޔާޒް ބުނީ "ހީވެސްނުވޭ ޓީމަކީ ވަރަށް މޮޅުޓީމެއް. އަދި އެޓީމްގައި ތިބިކުޅުންތެރިންނަކީ ދިއްދޫގެ ނިސްބަތުން އަދި އަތޮޅުގެ ނިސްބަތުން ބެލިޔަސް މޮޅު އަދި ތަޖުރިބާހުރި ކުޅުންތެރިން. އަދި އެޓީމްގެ ހުރިހާ ކުޅުންތެރިންނަކީ އަޅުގަނޑާއި އެކު ކުޅެ އަޅުގަނޑު ދަންނަ ރަހްމަތްތެރި ކުޅުންތެރިން. އެޓީމް މިމުބާރާތުގައި ދައްކަމުންދާ ކުޅުމަށްބަލާއިރު ވަރަށް ރަގަޅު ކުޅުމެއް ދައްކަމުންދާކަން ފާހަގަ ކުރެވޭ. އަނެއްކާ އެހެންގޮތަކުންވެސް އެޓީމްހާއްސަވޭ. އަޅުގަނޑު 2014 އަދި 2015 ވަނަ އަހަރު އެޓީމަށް އެކިއެކި މުބާރާތްތަކުގައި ކުޅެފައިވާނެ. އެކަމަކު އެއީ އަޅުގަނޑަކަށްވެސް އަދި ޔުނައިޓެޑް ޔޫތަކަށްވެސް އޮތް ގޮންޖެހުމެއްނޫން. ޔުނައިޓެޑް ޔޫތަށް ޕްރެކްޓިސް ކުރަން ލިބުނުވަގުތާއި ދިމާވި އިންޖަރީގެ މައްސަލަތަކާއި ބަލާއިރު ޔުނައިޓެޑް ޔޫތު މިމުބާރާތުގައި ޓީމެއްގެ ގޮތުގައި އަދި ވަކިވަކި ކުޅުންތެރިން ދެއްކި ކުޅުމާ މެދު އަހަރެން މިހުރީ ވަރަށް ހިތްހަމަ ޖެހިފަ. މި މުބާރާތުގައި ވާދަކުރި ކޮންމެޓީމަކާވެސް ވާދަކުރެވޭނެ ޤާބިލްކަން ޔުނައިޓެޑް ޔޫތުގައި އެބަހުރި" ކަމަށެވެ.

ޔުނައިޓެޑް ޔޫތުގެ ހަޔާތުގައި މުހިއްމު ފައިނަލަކަށް ނިކުންނައިރު އެޓީމުގެ އެއްމެ މުޙިއްމު އެއް ކުޅުންތެރިޔާ، ޖާޒީ ނަމްބަރު 7 ފާރިސްއަށް ސެމީ ފައިނަލް މެޗްގައި ދެއްކި ރަތްކާޑާ ގުޅިގެން މިރޭގެ މެޗްގައި ނުކުޅެވޭނެއެވެ. މީޓީމަށް ލިބޭ ކިހާބޮޑުގެއްލުމެއްތޯ ސުވާލުކޮށްލުމުން ފަޔާޒް ބުނީ "ފާރިސްއަކީ ޓީމުގައިހުރި އެއްމެ މުހިއްމުކުޅުންތެރިޔާކަން އެއްމެންވެސް ގަބޫލުކުރާނެ. އެކަމަކު ކިތައްމެ މުހިއްމު ކުޅުންތެރިއަކަށްވެސް މިހާލަތު އައިސްދާނޭކަމަށް ތިބީ ވިސްނައިގެން. ފާރިސް އަށް މިރޭގެމެޗުގައި ނުކުޅެވުން އެއީ ދެރައެއް. އެކަމަކު ފާރިސްއަށް މިމެޗްގައި ނުކުޅެވުނަސް ރަގަޅުކުޅުމެއްދައްކާ ރަގަޅު ނަތީޖާއެއް ނެރުމުގެ ޤާބިލްކަން މި ޓީމްގެ ދެންތިބިކުޅުންތެރިންގެ ކިބައިގަ އެބަހުރި. މިހާރުވެސް މިޓީމްގެ ރިޒާވް ގޯލްކީޕަރ ރިޝްފާން އެކުޅެނީ ކަނާތުބެކަށް. ރިޝްފާން މުބާރަތުގައި ދައްކަމުންއެދާ ކުޅުން އެއީ ހަމަ ވަރަށް ތަފާތުކަމެއް. މިޓީމްގެ ގިނަކުޅުންތެރިންނަކީ ވަރަށް މޮބައިލް ކުޅުންތެރިން. ފުޓުބޯޅައިގަ މި އޮންނަގޮތަކީ ސަސްޕެންޝަންވެސް އަންނާނެ. އިންޖަރީވެސް ވާނެ. ކުރިއަށް ކުޅޭ ކުޅުންތެރިޔާ ފަހަތަށް ކުޅެންޖެހޭ ހާލަތުވެސް އަންނާނެ. އެކަންކަމާއި އެކު ކުރިއަށްގޮސްގެން ކާމިޔާބު ލިބުމުން ކާމިޔާބީގެ ހަޤީޤީއުފާ މިލިބެނީ. އިންޝާ ﷲ މިރޭވެސް ޔުނައިޓެޑް ޔޫތުން އެފަދަކާމިޔާބީއެއް ތަކުރާރު ކުރާނެ".

ކޮންމެގޮތެއްވިޔަސް މިރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ޚާއްސަ އަދި ފޯރިގަދަ މެޗަކަށް ވެގެން ދާނެއެވެ. ދެ ޓީމެއްގެ ވާދަވެރިކަމަށްވުރެ ދެރަށެއްގެ ވާދަވެރިކަން ފެނިގެންދާނެމެޗަކަށް މިރޭގެ މެޗު ވެގެންދާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ