ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފި

31 ޑިސެމްބަރު 2019 0

މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކުޅުދުއްފުއްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުގެ މަތިން ސިޓީއެއް ކަމަށް ކަނޑައަޅަން އެމަނިކުފާނު މިއަދު ނިންމަވާފައިވާ ކަމަށެވެ.

މި ނިންމެވުމާ އެކު ކުޅުދުއްފުށި ވެގެން ދާނީ ރާއްޖޭގެ ހަތަރު ވަނަ އަދި އުތުރުގެ ފުރަތަމަ ސިޓީއަށެވެ.

ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގާނޫނު ބުނާގޮތުން، އެ އަދަދަށް މީހުން ހަމަވެއްޖެ ނަމަ ސިޓީއެއްގެ ދަރަޖަށް ދެވޭނެ އެވެ. އެ ރަށް ސިޓީ އަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން ކުޅުދުއްފުށީގެ ސިޓީގެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ފަށައި ވީހާވެސް އަވަހަކަށް އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބުނެފައެވެ.

އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައަޅައި ރައީސް އިއުލާން ކުރެއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ