ފެނަކަ އިހަވަންދޫ ބުރާންޗަށް އައު ޖަނެރޭޓަރެއް ގެންނަނީ

24 އޭޕުރީލު 2020 1

ފެނަކަކޯޕަރޭޝަން ލިމިޓެޑް ހއ. އިހަވަންދޫ ބުރާންޗަށް ގެންނަ 800 ކިލޯވޯޓުގެ ޖަނަރޭޓަރު މާދަމާގެ ވަގުތެއްގައި އިހަވަންދޫއަށް ގެނެވޭނެ ކަމަށް، ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ، މާދަމާ އަލަށް ގެނެވޭ ޖަނަރޭޓަރަކީ އިހަވަންދޫގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގެންނަ ޖަނަރޭޓަރު ސެޓެއް ކަމަށެވެ. މިވަގުތު އިހަވަންދޫގެ ގެތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ 600 ކިލޯވޯޓުގެ 2 ޖަނަރޭޓަރާއި 350 ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށް ސަމީރު ވިދާޅުވިއެވެ. ރަށުގެ ކަރަންޓު ލޯޑު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަން ފާހަގަ ކުރައްވަމުން ސަމީރު ވިދާޅުވީ،ޖަނަރޭޓަރެއް މިގެނެވެނީ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް ޔަޤީން ކުރުމާއި ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމާއި، އިހަވަންދޫ ފުރަބަންދުގައި ވާތީ، ރަށުގެ ގެ ތަކުން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން ސަމީރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ކެޕޭސިޓީ އެބަހުރި ކަމަށެވެ. ސަމީރު ވަނީ މިދުވަސްވަރުގެ ހާލަތަށްބަލާފައި ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް ކަރަންޓުގެ ބޭނުން ކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ސަރުކާރުން މިމަހުގެ ކަރަންޓު ބިލަށް 40 އިންސައްތަ ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވީނަމަވެސް، ކުރީ ފަހަރުތަކަށްވުރެ ގޭބިސީގެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާނަމަ ބިލް ބޮޑުވުމާއެކު އެލިބޭ ޑިސްކައުންޓު ލިބޭކަން އިހްސާސް ނުކުރެވޭނެ ކަމަށް ވިދާޅުވެ ސަމީރު ވަނީ ކަރަންޓުގެ އިޝްރާފު ވީހާވެސް ކުޑަކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

އިހަވަންދޫއަށް ގެނެވޭ އައު ޖަނަރޭޓަރު ލިބުމާއެކު، ޖަނަރޭޓަރު އިންސްޓޯލް ކުރެވި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރުމަށް ތައްޔާރު ވެފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ފެނަކަ އިހަވަންދޫބުރާންޗުގައި މިވަގުތު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު، 150،000 ލިޓަރުގެ ޑީސަލް ސްޓޯރޭޖެއް ގާއިމުގެ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިމަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ. 2 މެގަވޯޓުގެ 2 ޖަރޭޓަރުސެޓު ބެހެއްޓޭނެ އައު އިންޖީން ގެއެއް އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި އިމާރާތުގެ މަސައްކަތް ކޮވިޑާ ގުޅިގެން އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ލިބުމުގެ ދަތިތަކާހުރެ މިވަގުތަށް ހުއްޓިފައިވާކަން ސަމީރު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ކަރަންޓު ނެޓުވޯކު އަޕްގުރޭޑިންގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އެމަސައްކަތް މަޑުޖެހިފައިވަނީ ކޮވިޑާ ގުޅިގެން ސަރުކާރު ބަންދުކުރުމާއި ގުޅިގެން ކަމަށް ސަމީރު ވިދާޅުވިއެވެ.

 

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ ސަމީރު․ ރަށުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބޭ މިންވަރު ދައްވެފަވާތީ އެކަން އަވަހަށް ހައްލުވާނެ ކަމަށް އުއްމީދު ކުރަން

– 24 އޭޕުރީލު 2020 0