ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެފައި

25 އޭޕުރީލު 2020 0

ހއ. އިހަވަންދޫގެ ދެކުނު ފަރާތު ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަމުން އެބަދެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ، ރަށުގެ ފަޅުތެރެއިން ތިލަވެގެން ހެދިފައިވާ ވެލިގަނޑުގައި ހުރި ގިނަ އަދަދެއްގެ މުށިމަސް ސިއްހީމަރުކަޒުގެ ލަފަޔާއެކު މިއަދު ވަޅުލާފައިވާކަމަށެވެ.

ފަޅުތެރޭގެ ލޮނުގަނޑު ވަރަށް ބޮޑަށް ހަޑިވެފައިވާކަން ފާހަގަ ކުރައްވަމުން ރަޝީދު ވިދާޅުވީ، މިގޮތަށް މަސް މަރުވާ ސީދާ ސަބަބެއް ދެނެގަނެވިފައި ނުވާކަމަށެވެ. ނަމަވެސް މިކަމަކީ ފަޅުތެރޭގެ އޮއިވަރު ހިނގާ ގޮތާ ގުޅުމެއް އޮތްކަމަކަށް ވެދާނެ ކަމަށް ވިދާޅުވެ، ފަޅުތެރޭގައި ތިލަވެފައި އޮންނަ ފަސްގަނޑަށް ފަނިހަނދި ފަދަ މަސްތައް ކަވާލާ ގަޑީވެސް ގިނައަދަދެއްގެ މުށިމަސް އަރާކަން ރަޝީދު ފާހަގަ ކުރެއްވިއެވެ.

ފަޅުތެރޭގައި އުފެދިފައިވާ ވެލިގަނޑަށް ލައްގާފައި ހުރި ހުރިހާ މަހެއް މިއަދު ވަޅުލާފައިވާއިރު،މަސްތައް ވަޅުލުމުގެ މަސައްކަތް ކޮށްފައިވަނީ ކޮވިޑު19 އާ ގުޅިގެން އިހަވަންދޫގައި އުފައްދާފައިވާ ޓާސްކްފޯސްގެ މެމްބަރުންކަން ރަޝީދު ފާހަގަ ކުރެއްވިއެވެ.

ފަޅުތެރޭން މޫދުގައި އަދިވެސް ގިނައަދަދެއްގެ މުށިމަސް ފެނުމައްޗަށް އަރާފައި ހުރިނަމަވެސް، ލޮނުގަނޑު ވަރަށްބޮޑަށް ހަޑިވެފައިވުމާއެކު، މޫދުގައި ހުރި މަސްތައް އަދި ނަގާފައި ނުވާނެ ކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ