ގޯތި ލިބުނު ފަރާތްތަކަށް މާދަމާ ބްލޮކް ދައްކަން ފަށަނީ!

22 ޖުލައި 2020 0

އިހަވަންދޫއިން ދޫކޮށްފައިވާ 200 ގޯތީގެ ތެރެއިން، ބްލޮކް ނަންބަރު 1 އިން ފެށިގެން 100 އާއި ދެމެދުގެ ބްލޮތަކުގެ ގޯތިތައް ލިބިފައިވާ ފަރާތްތަކަށް ލިބޭ ބްލޮކް ދެއްކުން މާދަމާ (23 ޖުލައި 2020) ގައި ކުރިޔަށް ގެންދާނެކަމަށް އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެގޮތުން މާދަމާ އެމަސައްކަތް ކުރިޔަށްދާނީ ހެނދުނު 10:30 އިން މެދުރުފަހު 13:30 އަށް ކަމަށް ކައުންސިލުންކޮށްފައިވާ އިއުލާނުގައިވެއެވެ. އެގޮތުން ބްލޮކް ނަންބަރު 1 އިން 100 އާއި ދެމެދުގެ ބްލޮކްތަކުން ގެވަޅު ލިބިފައިވާ ފަރާތްތަކުން އެ ގަޑިޔަށް އެސަރަހައްދަށް ހާޒިރުވުމަށް ކައުންސިލުން އެދެއެވެ.

އިހަވަންދޫން 200 ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި 455 މީހުންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބިފައިވާ ފަރާތްތަކާއި ޕޮއިންޓުގެ ގޮތުން އެއްވަރުވުމުން ގުރުލައިގެން ގޯތި ލިބޭކަން ކަށަވަރުވި ފަރާތްތަކަށް 13 ޖޫންގައި ވަނީ ގޯތީގެ ބޮލުކު ގުރުނެގުމާ އެކު ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެރޭގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، މިފަހަރު ދޫކުރާ 200 ގޯތި ހަވާލުކުރާނީ ބިން ސާފުކުރުމަށް ފަހުކަމުގައެވެ. އެގޮތުން ކައުންސިލްގެ ހަރަދުގައި އެމްޓީސީގެ އެހީތެރިކަމާއިއެކު ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުބައެއް މިހާރުވަނީ ސާފުކޮށްފައެވެ.

އިހަވަންދޫއިން ގޯތި ދިނުމާއިގުޅޭ 4 މައްސަލައެއް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލަޔަކާއިމެދު މިހާތަނަށް ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި މިއިން އެއްވެސް މައްސަލައަކާއި ގުޅިގެން ގޯތި ހަވާލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއްވެސް ނެރެދީފައެއްނުވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ