ކޮވިޑް-19: މާސްކު ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެ

5 އޮގަސްޓު 2020 0

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ފުލުހުންދަނީ ބަލަމުން.. ފޮޓޯ: ޢަބްދުﷲ އިރުޝާނު

އިހަވަންދޫއިން ކޮވިޑް-19ގެ 3 ކޭސް ފެނިފައިވާއިރު އިތުރަށް ބަލިފެތުރުން ހުއްޓުވުމުގެ ގޮތުން އެޗްޕީއޭ އިންވަނީ އިހަވަންދޫ ކަރަންޓީނުކޮށް، ގެއިން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރުކޮށްފައެވެ.

ގެއިން ބޭރަށް ނިކުމެއުޅޭއިރު މާސްކު ނާޅައި ފަރާތްތައް ފުލުހުން ބަލަމުންދާއިރު، މާސްކު ނާޅައި ނިކުންނަނަމަ ފުރަތަމަ ފަހަރު އެމީހަކަށް ނަސޭހަތްތެރިވާނެ ކަމަށާއި "އޭގެފަހުން އެކަން ތަކުރާރު ކުރާނަމަ އެމީހަކު 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރާނެ" ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މާސްކު އަޅައިގެން ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ އޮތްނަމަވެސް ގިނަމީހުން އެގޮތަށް ނިކުމެ އުޅުމަކީ ރައްކާތެރި ގޮތެއްނޫންކަމަށެވެ.

"މާސްކު އަޅުއްވައިގެންވެސް ނިކުންނަންވީ މުހިއްމު ބޭނުންތަކަށް އެކަނި. ހާއްސަކޮށް ހައިރިސްކު މީހުން ބޭރަށް ނިކުތުމަކީ ރައްކާތެރި ކަމެއްނޫން" ރައީސް ވިދާޅުވިއެވެ.

އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށްވަނީ ޖުމްލަ 181 ސާމްޕަލް ނެގިފައެވެ. އެ ސާމްޕަލް ތަކުގެ ތެރެއިން 3 ފަރާތެއްގެ ސާމްޕަލް ފައްސިވެފައިވާއިރު 137 ފަރާތުގެ ސާމްޕަލްވަނީ ނައްސިވެފައެވެ. މިހާތަނަށް ނަތީޖާ ނުލިބިވަނީ ރޭ ނެގި 41 ސާމްޕަލްގެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ