[HEADER BANNER]
[AD]

ޔުނެސްކޯގެ ދާއިމީ ލިސްޓުގައި އިހަވަންދޫ އާސާރީ މިސްކިތް މިދައުރުގެ ތެރޭ ހިމަނާނަން: ޠާރިޤު

6 އޮގަސްޓު 2020 0

އިހަވަންދޫ އާސާރީ މިސްކިތް 1989 ވަނައަހަރު ހުރިގޮތް -ފޮޓޯ: މުހައްމަދު ސަމީރު

ޔުނެސްކޯގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ އިހަވަންދޫ އާސާރީ މިސްކިތް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމަނާނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.

ރޭ ޠާރިޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ އިހަވަންދޫ ހުކުރު މިސްކިތް، ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިރިގަލު މިސްކިތްތައް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށާއި މިދައުރުގެ ތެރޭގައި މިކަން ކުރާނެކަމަށެވެ.

ދިވެހިރާއްޖޭގައި ހުރި އާސާރީތަންތަން ހިމާޔަތްކޮށް، އެތަންތަނަކީ ދުނިޔޭގެ އާސާރުތަކުގެ ގޮތުގައި ހިމާޔަތްކުރެވިފައިވާ ތަންތަން ކަމަށް ކަނޑައެޅުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން، ހއ. އިހަވަންދޫ އާސާރީ މިސްކިތް ދިރާސާކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތްތަކެއް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ ކޮށްފައެވެ.

އެ ފަހަރުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު އެއްކޮށްފައި ވަނީ މިސްކިތާ ގުޅޭގޮތުންނާއި، މިސްކިތުގެ ވަށައިގެން ހިމެނޭ ސަރަހައްދު ނުވަތަ "ބަފަރ ޒޯން"ގައި ހިމެނޭ ގެތަކާއި އެތަންތަނުގައިވާ ޢިމާރާތްތަކާ ގުޅޭގޮތުންނާއި، މިސްކިތުގެ ހަރިންމަ އެތެރޭ ހިމޭނޭ ތަކެއްޗާއި، މަހާނަ ގައުތަކުގެ އަދަދާއި އެ ޤައުތަކުގެ ހާލަތާއި، މިސްކިތުގެ ހަރިންމަ އެތެރޭ ކުރިން ހުރި ތަންތަނާ ގުޅޭގޮތުންނާއި އެތަންތަނުގެ އަސަރުތައް މިހާރު ހުރީ ކިހައި މިންވަރަކަށްކަން ވަޒަންކުރުމާއި، މަހާނަ ގައުތަކަށް ބަލައި މިސްކިތުގެ ހަރިންމަތެރޭ ވަޅުލެވިފައިވާ އަންހެނުންނާއި ފިރިހނުންގެ އަދަދު ބެލުމާއި، 3ޑީ ކޮށް މިސްކިތުގެ ފޮޓޯ ނެގުމާއި، 2 ޑީ ކޮށް ކުރެހުމާއި، މިސްކިތުގެ ހިރި ގައުތައް ދޮވެ ސާފުކުރުމާއި މިސްކިތުގެ އާކިއޮލޮޖިކަލް އަދި ކޮންޒަވޭޝަނަލް ސަރވޭކުރުމުގެ މަސައްކަތް އެޓީމުން ކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.

އިހަވަންދޫ އާސާރީ މިސްކިތް ބިނާކޮށް ނިމުނީ އައްސުލްތާން އިބުރާހީމް މުޒުހިރުއްދީންގެ ރަސްކަމުގައި މީލާދީން 1701 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށް ވެއެވެ. ނަމާދު ކުރުމަށް އެމިސްކިތް އަދި ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ