ކޮވިޑް-19: ޢީދު ނަމާދަށް ދިޔައީ ނަޞްރު މިސްކިތަށްތަ؟ ސަމާލުވޭ!

7 އޮގަސްޓު 2020 0

ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ފަޅުވެރިން އާންމުކޮށް ނަމާދަށް އަރަނީ އިހަވަންދޫގެ ބަނދަރު ސަރަހައްދުގައި ހުންނަ ނަޞްރު މިސްކިތަށް. ފޮޓޯ: ޢަލީ ރަޝީދު

އަޟްޙާ ޢީދު ދުވަހު ޢީދު ނަމާދަށް އަދި އެ ދުވަހުގެ ހުކުރު ނަމާދަށް ނަޞްރު މިސްކިތަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް އަރިދަފުސް ރޯގާގެ އެއްވެސް ޢަލާމާތެއް ފެންނަނަމަ ލަސްނުކުރައްވާ 6500501 އަށް ގުޅައި އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް އެންގުމަށް އެ މަރުކަޒުން އެދިއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުން ރައްޔިތުންގެ ސަމާލުކަމަށް މިކަން އަންގާފައިވަނީ ކޮވިޑް-19 އަށް ރޭ ފައްސިވި ތަހުތު ބޯޓުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅުންހުރި ފަރާތްތައް ދެނެގަތުމުގެ މަސައްކަތުގެ ތެރެއިން، ޢީދު ދުވަހު ޢީދު ނަމާދަށާއި ހުކުރު ނަމާދަށް އެ ދެމީހުން ނަޞްރު މިސްކިތަށް ގޮސްފައިވާކަން ފާހަގަކުރެވުމުންނެވެ.

ތަހުތު ބޯޓު މާލެއިން އިހަވަންދޫ އަށް އައިސްފައިވަނީ ޖުލައި 29 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅެމުންއައީ ބޯޓުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން ރޭ ފައްސިވި 2 ބިދޭސީންނާ ކޮންޓެކްޓް މަދުކަމަށް މަޢުލޫމާތު ލިބެއެވެ.

މިވަގުތު ތަހުތު ބޯޓު ކަރަންޓީނު ކުރެވިފައިވާއިރު އެ ބޯޓުގައި 4 ބިދޭސީން އެބަތިއްބެވެ. ފައްސިވި ދެ ބިދޭސީން ބޯޓުގައި އެޅެމުންދަނީ ބޯޓުގެ މަތީބައިގައި ވަކިންނެވެ.

އިހަވަންދޫއިން ކޮވިޑް-19ގެ 5 ފަރާތަކުން ފައްސިވެފައިވާއިރު އެ ބައްޔަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށް 198 ސާމްޕަލްވަނީ ނަގައިފަ އެވެ. އެ ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލްގެ ނަތީޖާ ނުލިބެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ