ކަރަންޓީނުން ނެގުމާއެކު އިހަވަންދޫ ސްކޫލް ހުޅުވަން ނިންމައިފި

8 އޮގަސްޓު 2020 0

އިހަވަންދޫ ސުކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: އިހަވަންދޫ ސުކޫލް

މިދިޔަ ހޯމަ ދުވަހު އިހަވަންދޫ ކަރަންޓީންކުރުމަށްފަހު ރޭ ކަރަންޓީންގެ ހާލަތު އުވާލަން ނިންމުމާއެކު މާދަމާއިން ފެށިގެން އިހަވަންދޫ ސްކޫލްގެ ބައެއް ގްރޭޑްތަކަށް ސްކޫލުގައި ކިޔަވައިދޭން ފަށާ ގޮތަށް ނިންމައިފި ކަމަށް މި ނޫހަށް ޚަބަރު ލިބިއްޖެއެވެ.

އިހަވަންދޫ ކައުންސިލުން ރޭ ހާމަކުރި ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން އިހަވަންދޫގެ ކަރަންޓީންގެ ހާލަތު އުވާލުމަށް ނިންމީ އިހަވަންދޫން ފައްސިވި މީހުންނާ ކޮންޓެކްޓްވި މީހުން މިހާރު ދެނެގަނެވި ނިމިފައި ވާތީއެވެ.

އިހަވަންދޫ ކަރަންޓީނުން ނެގިކަމުގައި ވިޔަސް، ގިނަ ގޭބިސީތަކެއް ކަރަންޓީންކޮށްފައިވުމާވެސްއެކު ގިނަ އަދަދެއްގެ މުދައްރިސުން ވެސް ކަރަންޓީންގައި ވާތީ، މާދަމާ ސްކޫލަށް ހާޒިރުވާން ޖެހޭނީ ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތައް ކަމަށް މައުލޫމާތު ލިބެއެވެ.

ކީސްޓޭޖް 1 އަދި 2ގެ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށް ޚަބަރު ލިބެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ އިއްޔެ މި ނޫހަށް ވިދާޅުވެފައި ވަނީ އިހަވަންދޫ ކަރަންޓިންގެ ހާލަތުގައި އޮތުމުން އިހަވަންދޫ ސްކޫލް އާދީއްތަ ދުވަހު ނުހުޅުވާނެ ކަމަށެވެ. މި ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެކަށައަޅާފައިވާ އެސް.އޯ.ޕީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއްވެސް ރަށެއް މޮނިޓަރިންގައި ނުވަތަ ކަރަންޓީންގެ ހާލަތުގައި ވާނަމަ އެ ރަށެއްގެ ސްކޫލް ނުހުޅުވާނެ ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ