މަސައްކަތް ކުރަން އައި ބިދޭސީން ޕޮޒިޓިވް ވުމާއެކު ކަންބޮޑުވުން ތަކެއް!

13 ސެޕްޓެމްބަރު 2020 0

އިހަވަންދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތައް އައި 6 ބިދޭސީއަކު ވަނީ ކޮވިޑަށް ފައްސިވެފައި

އިއްޔެ ބޮޑު ޚަބަރެއްގެ ގޮތުގައި އިވިގެންދިޔަ ޚަބަރަކީ އިހަވަންދޫއިން ހޯމް ކަރަންޓީނުގައި ތިބި 7 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެގެން ދިޔަ ޚަބަރެވެ. އެގޮތުން ޕޮޒިޓިވްވީ 6 ބަނގްލަދޭޝް ރައްޔިތުންނާއި ދިވެއްސެކެވެ. އެއީ ރަށުގެ ދެ ސަރަހައްދަކުންނެވެ.

ޕޮޒިޓިވްވި މި 6 ބިދޭސީންނަކީ އިހަވަންދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރުމަށްޓަކައި މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އިހަވަންދޫއަށް އައި ބައެކެވެ. އަދި އެމީހުން ހޯމް ކަރަންޓީނުގައި ތިބެ، ކަރަންޓީނު ނުނިމެނީސް މަސައްކަތް ކުރުމަށް ސުކޫލަށް ދިޔަ ކަމަށް ބުނެ ރަށުގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުން (ބިދޭސީން) ރޭގަނޑު ގަޑީގައި މަސައްކަތަށް ނިކުންނަ ކަމަށެވެ. އަދި އެމީހުން މޮނީޓަރ ކުރުމަށް ފުލުހުން އެތަނުގައި އަބަދު ނުތިބޭ ކަމަށްވެސް ބުންޏެވެ. މިއާއެކު ޕޮޒިޓިވްވި ބިދޭސީންނާއި އެހެން ފަރާތްތަކާއި ކޮންޓެކްޓް ނުވާކަން ޔަގީން ކުރެވޭނެ ތޯ އެފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

"އެމީހުން ރޭގަނޑުގަޑީ އެބަދޭ ސުކޫލަށް މަސައްކަތު. ހަމަގައިމުވެސް އެތަނުގައި އެމީހުން މޮނީޓަރ ކުރާކަށް ފުލުހުންނެއް ނުހުރޭ." މި ނޫހަށް ވާހަކަ ދެއްކީ ފަރާތުން ބުންޏެވެ.

މި މައްސަލާގައި އިހަވަންދޫ އާމިނާ ދިޔޯ ހެލްތު ސެންޓަރުގެ އިސް ބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބިދޭސީން ރަށަށް އައިސްފައިވަނީ ރަށްރަށަށް މަސައްކަތް ކުރުމަށް މީހުން ފޮނުވުމަށް އޮތް އުސޫލު ސަސްޕެންޑު ކުރުމުގެ ކުރިން ކަމަށެވެ. އަދި އެމީހުންނަށް މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާނީ ސީދާ އެޗްޕީއޭއާ ވެސް މަޝްވަރާ ކުރުމަށް ފަހު، ޕޮލިހާއި އަދި ރަށު ކައުންސިލާވެސް މަޝްވަރާ ކޮށް، ކަނޑައެޅި ޝަރުތުތައް ފުރިހަމަ ކުރުމުން ކަމަށެވެ.

"އަޅުގަނޑުމެން އެމީހުންނަށް ހުއްދަ ދީފައިވާނީ އެޗްޕީއޭއާ މަޝްވަރާކޮށް، ޕޮލިހުންނާއި އަދި ކައުންސިލާވެސް މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން ކަނޑައެޅި ޝަރުތުތައް ފުރިހަމަ ކުރުމުން. ކަނޑައެޅި ޝަރަތުތައް ފުރިހަމަ ނުވާތީ ހަފުތާއެއް ވީއިރުވެސް އަޅުގަނޑުމެން ހުއްދަ ދީފައެއް ނުވާނެ." އެބޭފުޅާ ވިދާޅުވިއެވެ.

އެމީހުން މަސައްކަތް ކުރާތަން މޮނީޓަރ ކުރުމަށް ފުލުހުން ނުތިބޭތީ އެކަމުގެ ކަންބޮޑުވުންތައް ފާހަގަ ކުރުމުން އާމިނާ ދިޔޯ ހެލްތު ސެންޓަރުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ، ފުލުހުން ހަމައެކަނި އެފާރާތްތައް އެސްކޯޓް ކުރާނީ ކަމަށެވެ. ދެން ބަލާނީ އެފަރާތްތަކުގެ ސެކުއިރިޓީ ހުރޭތޯ ކަމަށެވެ.

"ފުލުހުން ހަމައެކަނި އެސްކޯޓް ކުރާނީ. ދެން ބަލާނީ އެމީހުންގެ ސެކުއިރިޓީ ހުރޭތޯ. އެ ގޮތުން މިތަނުންވެސް [ހެލްތު ސެންޓަރުންވެސް] ވާނީ ރޭންޑަމްކޮށް ހަތަރު ރޭ ބަލާފަ." އިތުރަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރިއިރު، ޕޮޒިޓިވްވި މީހުންނާއި އިތުރު އެއްވެސް ފަރާތަކުން ކޮންޓެކްޓް ނުވާ ކަމުގެ ޔަގީންކަން އާމިނާ ދިޔޯ ހެލްތު ސެންޓަރުން ވާހަކަ ދެއްކި ބޭފުޅާ އެރުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ