[HEADER BANNER]
[AD]

އެއާޕޯޓްގައި ޖެޓީއެއް އޮންނަން ޖެހޭނެކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ

25 ސެޕްޓެމްބަރު 2020 3

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ހއ އަތޮޅުގެ ރައްޔިތުން ފާޅުކުރަމުންދަނިކޮށް، ހއ އަތޮޅުގައި ތަރައްގީކުރާ އެ އެއާޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް އޮންނަން ޖެހޭނެކަމަށް ހއ އަތޮޅު ކައުންސިލްގެ ރައީސް ޢަބްދު ﷲ ޙުސައިން ވެސް ވިދާޅުވެއްޖެއެވެ.

ޢަބްދު ﷲ ޙުސައިން މި ނޫހަށް ވިދާޅުވީ ހއ އަތޮޅުގެ އާބާދީ ތޭވީސް ހާހަށްވުރެ ބޮޑުއިރު އަދި މީހުން ދިރިއުޅޭ ސާދަ ރަށް އޮންނައިރު، އެއާޕޯޓް ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރަން ވާނީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ބޮޑު ގޮތަށް ކަމަށެވެ.

ޢަބްދު ﷲ ޙުސައިން އިތުރަށް ވިދާޅުވީ "ހާ އަލިފު އަތޮޅުގައި މިހާރު ވެސް ދެ ޓޫރިސްޓް ރިސޯޓް އެބޮތް. ދެހާސް ސައުވީހާ ބައްދަލުވާއިރު މަދުވެގެން ފަސް ރިސޯޓް މި އަތޮޅުގައި އޮންނާނެ. ގެސްޓް ހައުސްގެ ވިޔަފާރި މި އަތޮޅުގައި މަޑުމަޑުން އެދަނީ ތާރަފުވަމުން. އެހެންވީމާ އެއާޕޯޓާ އެއްގަމުމަގުން ގުޅުވާލާފައިވާ އެހެން ރަށަކަށް އެއްގަމު އުޅަނދެއްގައި ދަތުރުކޮށް އެ ރަށު ބަނދަރު އެއާޕޯޓަށް ގޮސްއައިސް ވުމަށް ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ވެގެން ދާނީ މި އަތޮޅުގެ ފަތުރުވެރިކަމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް. އަދި ހަމަ އެއާޕޯޓުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ޖެއްސޭ ވަރަށް ބޮޑު ތަކުލީފަކަށް މެނުވީ އެކަމެއް ނުވާނެ" ކަމަށެވެ.

ޢަބްދު ﷲ ޙުސައިން ވިދާޅުވީ އެއާޕޯޓްގައި ޖެޓީ ނަހަދާކަމުގެ ކަންބޮޑުވުން އަތޮޅުގެ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އަތޮޅު ކައުންސިލްގައި ކުރަމުންދާ ކަމަށާއި އެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އަތޮޅު ކައުންސިލުން މަޝްވަރާކުރަމުންދާ ކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

E rashah bodah faidhaavaany Jetty nuhadha taxi beynun kurumun..

– 25 ސެޕްޓެމްބަރު 2020 1

ހޯރަފުށީގެ އިހްތިސާސްތެރޭގަ ޖެޓީއަޅާނެތޯ ނޫންތޯ ނިންމާނި ހޯރަފުށީ ކައުންސިލުން އަތޮޅުކައުންސިލުގެ ރައީސްއާ ބެހެންޖެހޭކަމެއް ނޫންއެއީ․․

– 25 ސެޕްޓެމްބަރު 2020 1

Ihavandhoo meenunnan haadha varekey thiaranee hoarafushi airport nimaythee konmehen vaki jetty eh onnaakah nujehe raahjeyga ebahuri minoonas vaki jetty neh airport thivarakun nuthelhe hajam kuran dhaskohba

– 26 ސެޕްޓެމްބަރު 2020 1