[HEADER BANNER]
[AD]

ތަކަންދޫން ބުނަނީ ޖެޓީ އަޅަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް

28 ސެޕްޓެމްބަރު 2020 1

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ހއ އަތޮޅުގެ ރައްޔިތުން ފާޅުކުރަމުންދަނިކޮށް، ޖެޓީ އަޅަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ތަކަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ނިޔާޒު ވިދާޅުވެއްޖެއެވެ.

އަޙްމަދު ނިޔާޒް ވިދާޅުވީ އެއާޕޯޓްގައި ޖެޓީ އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ތަކަންދޫ ރައްޔިތުންގެ އެދުމަކީ ވެސް އެއީ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އެކަން ބަޔާންކޮށް ރައީސް އޮފީހަށް ސިޓީ ވެސް ފޮނުވާފައި. ޖެޓީ ނާޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ޖެޓީ ނާޅައިފި ނަމަ އެއާޕޯޓުގެ ބޭނުން ހިފަން ވަރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. އަދި ހއ އަތޮޅުގެ ކައުންސިލްގެ ރައީސް ވެސް ވަނީ އެއާޕޯޓްގައި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ދަރުމަވާނެ.. ތިޔަ ޖެޓީ ކަންތައް ހުޕއްޓާލައްވާ.. އެއްދުވަހު ޖެޓީ, އަނެއް ދުވަހު ގިމަތަ އޭ ކިޔުއްވުމުގެ ބަދަލުގައި އިހަވަންދިއްޕޮޅު ރަށްތައް ގުޅިގެން އަތޮޅަށް އިތުރު ކުރިއެރުމެއް ގެނެވޭވީ ކޮންގޮތަކުންތޯ ބަލަމާ ހިންގަވާ.. އިހަވަންދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގެ ޚިދުމަތް ކައިރި މުސްތަޤުބަލެއްގައި ލިބުމަކީ މި ސަރަހައްދުގެ ރައްޔިތުންގެ ހުވަފެނެއް.. އަދިވެސް.. އަދިވެސް.. އެކުގައި ގުޅިގެން އިހަވަންދިއްޕޮޅު ކުރިއަށް..

– 29 ސެޕްޓެމްބަރު 2020 0