[HEADER BANNER]
[AD]

1 މެގަވޯޓްގެ ޖަނަރޭޓަރާއެކު ކަރަންޓުގެ ހާލަތު ރަނގަޅު ވެގެންދާނެ: ފެނަކަ

30 ސެޕްޓެމްބަރު 2020 0

ހއ. އިހަވަންދޫއަށް ގެނެވުނު 1 މެގަ ވޯޓުގެ ޖަނަރޭޓަރާއެކު ކަރަންޓު ހާލަތު ސްޓޭބަލް ވެގެން ދާނެ ކަމަށް ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ މިފަހަރު މިގެނެވުނު ޖަނަރޭޓަރ ސެޓަކީ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ގެނެވުނު ޖަނަރޭޓަރެއް ކަމަށެވެ.

އިއްޔަ މިގެނެވުނު  1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓާއެކު ވޭތުވެދިޔަ 2 އަހަރުތެރޭ ޖުމުލަ 3 ޖަނަރޭޓަރ ސެޓް އިހަވަންދޫއަށް ގެނެވިފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އަލަށް މިގެނެވުނު ޖަނަރޭޓަރ ސެޓަކީ ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓެވެ.

އަލަށް ގެނަ ޖަނަރޭޓަރ ސެޓު އިންސްޓޯލް ކުރުމަށް ބޭނުންވާ އެހެނިހެން ސާމާނުތައްވެސް ލިބިފައިވާ ކަމަށާއި މި ޖަނަރޭޓަރ ސެޓު އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވަނީ އިންޖީނުގޭގައި މިހާރު ހަދަމުންދާ އައު އިމާރާތުގައި ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ އައު އިމާރާތުގެ 95 އިންސައްތައަށްވުރެ ބޮޑު މަސައްކަތް ނިމިފައިވާ ކަމަށެވެ.

އިއްޔަ އިހަވަންދޫއަށް ގެނަ ޖަނަރޭޓަރ ސެޓު ރަށަށް ބާލާފައިވާއިރު މިވަގުތު ފެނަކައިން ދަނީ ޖަނަރޭޓަރ ސެޓު ފެނަކަ އިމާރާތަށް ގަނައުމުގެ މަސައްކަތް ކުރަމުންނެވެ. މި ޖަނަރޭޓަރ ސެޓު އުފުލި އުލަނދު ފަރަށް އެރުމުގެ ސަބަބުން ޖަނަރޭޓަރ ތަކަށް ލޮނުގެ އަސަރު ކޮށްފައިވާނެ ކަމަށް މީގެ ކުރިން މީސްމީޑިއާގައި ވާހަކަ ދެކެވިފައި ވެއެވެ. މިކަމާ ގުޅިގެން ސަމީރު ވިދާޅުވީ، އެންމެ ފުރަތަމަވެސް އެބޭފުޅުން އެކަން ޗެކު ކުރައްވާފައިވާ ކަމަށެވެ. "އިރާދަކުރިއްވިއްޔާ ޖަނަރޭޓަރަށް ލޮނުގެ އަސަރެއް ކޮށްފައެއް ނެތް" ސަމީރު ވިދާޅުވިއެވެ.

މިޖަނަރޭޓަރުން ޚިދުމަތް ދޭން ފެށުމުން ޕަވަރ ޖެނެރޭޝަންގެ ބައި ސްޓޭބަލް ވެގެންދާނެ ކަން ފާހަގަ ކުރައްވާ، ސަމީރު ވިދާޅުވީ އިހަވަންދޫގެ ކޭބަލް ނެޓުވޯކު އަޕްގުރޭޑު ކުރުން މިއަންނަ އަހަރަށް ޕުލޭން ކުރެވި، ސާވޭ ނިންމާފައިވާ ކަމަށެވެ. މިހާރު ކަރަންޓުގެ ހިދުމަތް ދެމުންދާ އެލްވީ (ލޯ ވޯލްޓޭޖު) ކޭބަލް ތައް އެޗްވީ (ހައި ވޯލްޓޭޖް) ކޭބަލް އަށް ބަދަލުކޮށް ވޯލްޓޭޖު ޑްރޮޕުވުމުގެ މައްސަލަ ތަކަށް ހައްލުހޯދާ ރަށުގެ އެކިހިސާބުގައި ބަހައްޓަންޖެހޭ ޓުރާންސްފޯމަރ ތައް ބެހެއްޓިގެން ދާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.  

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، 150،000 ލީޓަރުގެ ތެޔޮ ތާނގީއެއް ހެދުމުގެ މަސައްކަތާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ