[HEADER BANNER]
[AD]

ޖެޓީ ނާޅާކަމުގެ ކަންބޮޑުވުމާއެކު ތުރާކުނު ފިޔަވައި ހުރިހާ ރަށަކުން ރައީސް އޮފީހަށް

2 އޮކްޓޫބަރު 2020 8

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުންތަކާއެކު ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވައިފިއެވެ.

ޖުމްލަ 14 ރަށުގައި ހއ އަތޮޅުގައި މީހުން ދިރިއުޅޭއިރު 12 ރަށަކުން ފޮނުވި މި ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖެޓީއާ ނުލައި އެއާޕޯޓް ހުޅުވައިފި ނަމަ އަތޮޅު ރައްޔިތުންނާއި އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނޭ ތަކުލީފުތަކެވެ.

މި ސިޓީތަކުގައި އެދިފައި ވަނީ އެއާޕޯޓް ހުޅުވުމުގެ ކުރިން ޖެޓީގެ މަސައްކަތް ނިންމައިދިނުމަށާއި މުޅި އަތޮޅަށް ލާބަ އާއި މަންފާ ލިބޭނޭ ގޮތަށް އެއާޕޯޓްގެ މަސައްކަތް ބައްޓަންކޮށްދެއްވުމަށެވެ.

ސިޓީ ފޮނުވީ އުލިގަމާއި އިހަވަންދޫ އާއި މޮޅަދޫ އާއި ތަކަންދޫ އާއި މާރަންދޫ އާއި ދިއްދޫ އާއި ކެލާ އާއި ބާރަށާއި ފިއްލަދޫ އާއި ވަށަފަރާއި އުތީމު އަދި މުރައިދޫންނެވެ.

މި ސިޓީތައް އެ ރަށްރަށު ކައުންސިލްތަކުން ފޮނުވާފައިވާކަން ހއ އަތޮޅު ކައުންސިލްގެ ރައީސް ޢަބްދު ﷲ ޙުސައިން މި ނޫހަށް ކަށަވަރުކޮށްދެއްވިއެވެ.

ޢަބްދު ﷲ ޙުސައިން ވެސް މި ނޫހަށް ކުރިން ވިދާޅުވެފައި ވަނީ ހއ އަތޮޅުގެ އާބާދީ ތޭވީސް ހާހަށްވުރެ ބޮޑުއިރު އަދި މީހުން ދިރިއުޅޭ ސާދަ ރަށް އޮންނައިރު، އެއާޕޯޓް ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރަން ވާނީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ބޮޑު ގޮތަށް ކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަހުން ގާތު ހޯރަފުށީ މީހަކު ބުނީ ޖެޓީނާޅާގެން އިހަވަންދޫ މީހުން ފަޔަށް ހިނިއަރާގެން އުޅެނީޔޯލައޭ․ އެކަމަކު އެހެނެއް ނޫންތާ މިވީ

– 2 އޮކްޓޫބަރު 2020 2

12 ކައުންސިލަށްވުރެ އަހަރެމެންގެ ސައްލެގެ ބާރު މާ ގަދަވާނެ․ ބަލަން ތިބެބަލަ․

– 2 އޮކްޓޫބަރު 2020 3

23 ހާހެއްހާ މީހުންގެ އާދޭހުގައި މިސަރުކާރުން ކޮޅުފައިންޖަހާތަން ދާދި އަވަހަށް ފެނިގެންދާނެ․ ނަމުން ރައްޔިތުންގެ އިހްސާސްތައް ދަންނަ ސަރުކާރު، ކަމުން ދެތިން މީހެއްގެ އަތްދަށުގަ ފިތިފަ․

– 2 އޮކްޓޫބަރު 2020 4

އިހަވަންދޫގައި ހަމަޖެހޭ މީހަކު އެބަހުރި ބާވައޭ ހިތަށްއަރާ، މުޅި އަތޮޅުގެ ކައުންސިލަރުންގެ ބޮލަށް ސަވާރުވެގެން ތާކުންތާކު ނުޖެހޭ ކަމަކާ އުޅޭއިރު ހިތަކަށް ނާރާތަ އެހެން ރަށެއްހެ އިޙުތިސާސްގެ ތެރެއަށް ވަދެވޭކަން، ތީ ފަހެ އިޒްރޭލު މީހުންގެ ފިކުރުގެ ބައެއްތަ؟

– 2 އޮކްޓޫބަރު 2020 1

އިހަވަންދޫ މީހާ އަތޮޅުކައުންސިލުގަ ހުރެގެން އަނބުރާގޭސް․․ ތިޔަ ބާރަށާ ދިއްދޫއާ ކެލާ މީހުން ބޭނުންކުރާނެތަ މި އެއާޕޯޓް؟ ހަނިމާދޫއޮއްވާ؟؟ އދ އަށް ހުށަހެޅިޔަސް ތިކަމެއް ނުވާނެ․․ ހޯރަފުށީ އިހްތިސާސްގެ ތެރެއިން ފަޅުންމަގެއްކޮނެ ޖެޓީއަޅާނެތޯ ނޫންތޯ ނިންމާނި ހޯރަފުށީގެ ރައްޔިތުން އެހެންބަޔަކާ ބެހޭކަމެއްނޫންއއެއީ․

– 2 އޮކްޓޫބަރު 2020 0

އުލިގަމަކުންވެސް ސިޓީއެއް ނުފޮނުވާ ބުހުތާނު ދޮގެއް․․ ދޮގު ހަބަރު ނުފަތުރާ․․ ދެން ތިހުރީ އިހަވަންދޫ ދާއިރާގެ ރަށްތަކާ މި އެއަރޕޯޓަށް ދުވަހަކުވެސް ނާންނާނެ ރަށްތައް․․ ހއ އޭކިޔަސް ހދ ހަނިމާދޫއާ ކައިރިރަށްތައް․․ އެމީހުންނަށް ކޮން ޖެޓީއެއް

– 2 އޮކްޓޫބަރު 2020 0

Ihavandhoo meehun jetty giraigen boibala

– 3 އޮކްޓޫބަރު 2020 0

ޖެޓީ އަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ނޫން

– 3 އޮކްޓޫބަރު 2020 0