[HEADER BANNER]
[AD]

ދިއްދޫ ރައްޔިތުން ޕޯސްޓުގެ ހިދުމަތަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދިނީ ތަފާތު ގޮތަކަށް

9 އޮކްޓޫބަރު 2020 0

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ޕޯސްޓްގެ ދުވަހާ ގުޅުވައިގެން ހއ. ދިއްދޫގެ ރައްޔިތުން ޕޯސްޓުގެ ހިދުމަތަށް ބޭނުންވެފައިވާ މިންވަރު "ދިއްދޫ ރައްޔިތުންގެ އަޑު" ން ހާމަކޮށްދީފިއެވެ.

"ދިއްދޫ ރައްޔިތުންގެ އަޑު" ގެ ފަރާތުން އިސްނަގައިގެން، މިއަދު ހެނދުނުއްސުރެ ފޭސްބުކް އަދި ޓުވިޓަރގައި ދިއްދޫ ރައްޔިތުންގެ ފޮޓޯއާއެކު ޕޯސްޓްގެ ޚިދުމަތަށް އެދޭކަމުގެ މެސެޖްތައް ދަނީ ޕޯސްޓްކުރަމުންނެވެ.

މިގޮތުން ދިއްދޫގެ ވިޔަފާރިވެރިންނާއި ޒުވާނުން އަދި އެކި ފަންތީގެ ބޭފުޅުންގެޕޯސްޓަރުތައް ޕޯސްޓުކޮށްފައި ވެއެވެ. ދުވަހާ ގުޅިގެން "ދިއްދޫ ރައްޔިތުންގެ އަޑު"ން ނެރެފައިވާ ބަޔާނެއްގައި ވަނީ ދިވެހިރާއްޖެއަކީ ވެސް ޕޯސްޓްގެ ޚިދުމަތް 114 އަހަރު ފޯރުކޮށްދީފައިވާ ޤައުމަކަށްވާތީ، އެ ކަމުގެ އަގުވަޒަންކޮށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް "ދިއްދޫ ރައްޔިތުންގެ އަޑު" ގެ ހުރިހާ މެމްބަރުންގެ ނަމުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖްމެންޓަށާއި، ހުރިހާ މުވައްޒަފުންނަށް އަދި ޕޯސްޓްގެ ޚިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރާކަމަށެވެ.

ދުނިޔޭގެ ޕޯސްޓްގެ ދުވަހަކީ ދިއްދޫގެ ރައްޔިތުންނަށް އަބަދުވެސް ހަނދާންތަކެއް އާކޮށްދޭ ދުވަހެއްކަން ފާހަގަކޮށް އެ ހަނދާންތަކަކީ ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދެވެމުން އައިސް، އެ ޚިދުމަތް މެދުކެނޑިގެން ދިޔަ ދިޔުމުގެ ހަނދާންތައްކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ކުރިން، އެ ޚިދުމަތް ރަށުގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި 29 ޖޫން 2000 ގައި ދިއްދޫއިން 2570 އަކަފޫޓްގެ ބިމެއް ވެސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ދޫކޮށްފައިވާތީ، ޕޯސްޓްގެ ޚިދުމަތަކީ ދިއްދޫ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވާ ޚިދުމަތެއްކަން އެއީ އެނގި، ފެނި، ހާމަވެފައިވާ ޙަޤީޤަތެއްކަން ފާހަގަކޮށް އެ ބިން ހުސް ބިމެއްގެ ގޮތުގައި އޮންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވޭތުވެގެން ދިޔުމަކީ ދިއްދޫ ރައްޔިތުންގެ މިއަދުގެ ވެސް ކަންބޮޑުވުމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ދިއްދޫ ރައްޔިތުންގެ އެދުމަކީ އެބިމުގައި ޕޯސްޓުގެ އިމާރާތެއް ބިނާކުރެވި  ބ އެ ޢިމާރާތުގައި ޕޯސްޓް އޮފީސްގެ ޚިދުމަތް އަލުން ފަށައިގަނެވި، އެ ޚިދުމަތް އަނެއްކާ ވެސް ރަށުން ލިބޭނެ ގޮތް ވުންކަމަށް ބަޔާނުގައި ވެއެވެ.

ދިއްދޫ ރައްޔިތުންގެ އަޑުގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޙަރަކާތުގެ ބޭނުމަކީ ދިއްދުއަށް ޕޯސްޓްގެ ޚިދުމަތް މުހިންމުކަމާއި، ރައްޔިތުން އެކަމަށް ބޭނުންވާ ކަމުގެ އަޑު ކަމާ ބެހޭ ފަރާތްތަކަށް އިއްވުން ކަމެވެ. އަދި މިއަދާއި މިރޭ މި ފަދަ އެތައް ޕޯސްޓްތަކެއް ދިއްދޫ ރައްޔިތުންގެ ފޮޓޯއާއެކު ޕޯސްޓްކުރަމުންދާނެކަމަށާއި، މި ޙަރަކާތުގައި ގިނަ ބަޔަކު ބައިވެރިވުމަށް މިހާރު ވެސް އެދެމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ