[HEADER BANNER]
[AD]

ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

13 އޮކްޓޫބަރު 2020 0

އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ އެމްޑީ އަހުމަދު ސައީދު މުޙައްމަދު އަދި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޝިފާޢު. ފޮޓޯ: ޢަބުދުﷲ އިރުޝާން

ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އޮފީސް އިމާރާތުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހެނދުނު 8:45 ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށް ޓަކައި ފެނަކަ އަށް ދޫކޮށްފައިވާ ބިމުގައެވެ.

ރަސްމިއްޔާތު ތައާރަފު ކުރައްވަމުން ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ސަމީރު  ވިދާޅުވީ އައު އިމާރާތާއެކު ޚިދުމަތް ދޭ އަދި ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށެވެ. މިއަދު ބިންގާ އެޅުނު އޮފީސް އިމާރާތުގެ ބިމާއި އިހަވަންދޫގެ ކަރަންޓު ނެޓުވޯކު ވިއުގަ ރަނގަޅު ކުރުމަށްޓަކައި ބޭނުންވާ ފޯމަރުތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ބިންތައް ފެނަކައިން އެދިފައިވާ ގޮތަށް ރަށުގެ އެކި ސަރަހައްދު ތަކުން ކައުންސިލުން ހަމަޖައްސާދެއްވާފައިވާ ކަން ސަމީރު ފާހަގަ ކުރެއްވިއެވެ.

ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ އިހަވަންދޫގެ ފެނަކާގެ ވެރިންނާއި މުވައްޒަފުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށާއި މިއީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަޒުމުގައި ވަރަށް ހީވާގި ޓީމެއްކަން ފާހަގަކުރައްވާ ރައީސް އިބުރާހިމް މުޙައްމަދު ސޯލިހުގެ ޒައާމަތުގައި އަސާސީ ހިދުމަތްތައް އިހަވަންދޫގައި ތަރައްޤީކުރުމަށް މީން ޒަމާނެއްގައި ނުކުރާހާ މިންވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މިފަދަ ކަންކަން ކުރިއަށް ގެންދެވޭނީ ވަރަށްގިނަ ބަޔަކު ލާމެހި ގުޅިގެން ކަމަށާ މިއީ އެއްވެސް ބަޔަކު އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކޮށްގެން، ފުރައްސާރަކޮށްގެން ކުރިއަށްގެންދެވޭނެ ކަންކަން ނޫންކަން ދުނިޔަވީ ހުރިހާ ގޮތަކުން ސާބިތުވާ ކަމަށެވެ. އިހަވަންދޫ ކައުންސިލްގެ ރައީސްއާއި މެމްބަރުން ފެނަކަ ކޯޕަރޭޝަންއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އެއްވެސް ތަކުލީފެއް ނެތި މިއަދާހަމައަށް ވާސިލް މިވެވުނީ ކައުންސިލުން ރައްޔިތުންނާމެދު ވަރަށް ޕޮޒިޓިވްކޮށް ދެކޭތީ ކަމަށެވެ. އިހަވަންދޫގެ ކަރަންޓުގެ ނެޓުވޯކު އެޗް ވީ ނެޓުވޯކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފައްޓާފައިވާކަން ފާހަގަ ކުރައްވަމުން ވަރަށް އަވަހަށް ރަށުގެ ނެޓުވޯކު އެޗްވީ ނެޓުވޯކަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ. އަދި ހަމައެއާއެކު މަސްވެރިންނަށް ރަށުގެ ޖެޓީއިން ކަރަންޓާއި ބޯފެން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސާދެއްވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

[BOTTOM CONTENT BANNER]
އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ