[HEADER BANNER]
[AD]

އިމްޔާން އުމުރަށް ޖަލަށްލުމަށް ކުރި ހުކުމަށް ސްޕްރީމް ކޯޓުން ތާއީދުކޮށްފި

16 އޮކްޓޫބަރު 2020 0

ހއ.އިހަވަންދޫ / ގުޑްލަކް، މުޙައްމަދު އިމްޔާންގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް 2015 ނޮވެމްބަރު 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.

އިމްޔާން މައްޗަށް ދައުވާކުރީ 2013 ފެބްރުއަރީ 22 ވަނަ ދުވަހު "އައްޑަނަ" ދޯނިން އިހަވަންދޫއަށް ލެފުމުން ފުލުހުން އޭނާ ބަލާފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ވާތް ފަރާތު ޖީބުން ނެގުނު ދަޅަކުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސް ފެނުމާ ގުޅިގެންނެވެ. މި ދަޅުން ފެނުނު ކެނަބިސްގެ ބަރުދަނުގައި 23.7912 ގްރާމް ހުއްޓެވެ.

އިމްޔާން މައްޗަށް ކުށް ސާބިތުވުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އިސްތިއުނާފުކުރިއެވެ. ނަމަވެސް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އިމްޔާންއާ ދެކޮޅަށެވެ.

ހައިކޯޓުގެ މި ނިންމުން އިމްޔާންގެ ފަރާތުން ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ކަނޑައަޅާފައި ވަނީ އިމްޔާން މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ "ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަން ކަނޑައަޅާނެ ތަނެއް ނެތް" ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ