[HEADER BANNER]
[AD]

އަންނަ އަހަރަށް 34 ބިލިއަން ރުފިޔާގެ ބަޖެޓެއް

9 ނޮވެމްބަރު 2020 0

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރަށް ހުށަހެޅުއްވި ބަޖެޓުގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަކީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ވާނެކަމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުވާނެކަމަށް ލަފާކުރެއެވެ. އަންނަ އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކުރެވޭއިރު މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

މިނިސްޓަރ ވިދާޅުވީ މި ބަޖެޓު މި ހުށަހަޅާ ދަނޑިވަޅަކީ ކޯވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައިކަމަށެވެ. މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއްކަމަށެވެ. ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދުގެ ސައިޒު، މި ހިނގާ 2020 ވަނަ އަހަރު ވަނީ 29.3 އިންސައްތައިން ކުޑަވެފައިކަމަށެވެ.

ރައްޔިތުންގެ މަޖިލިހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވުމަށް ފަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރުގެ ބަޖެޓް ވެސް 31.7 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މި އަހަރަށް މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ