[HEADER BANNER]
[AD]

ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓު

1 ޑިސެމްބަރު 2020 0

ލަންކާ ކައިރިން އުފެދެމުން އަންނަ ބުރެވި ތޫފާނާއި ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސްއިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި ތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރި ފަށާ ކައިރި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް އެ އޮފީހުން ދަނީ ބަލަމުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި 3 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދުތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާ ލަފާ ކުރެވޭ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓުއޮފީހުގެ ބަޔާނުގައި ވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ