[HEADER BANNER]
[AD]

އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕާއި ކޮމިއުނިޓީ ސްކައުޓް ގުރޫޕު ގުޅިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް

15 ޑިސެމްބަރު 2020 0

އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގްރޫޕާއި އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕް ގުޅިގެން ، ކުދިންގެ ފަރާތުންފެންނަ ތަފާތުތައް ، ޅައުމުރުގައި ދެނެގަންނާނެގޮތާއި އެހީތެރިވެވޭނެގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދޭ  ސެޝަންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަންތަކުގެ މަގުސަދަކީ ކުދިންގެ ފަރާތުން ފެންނަ ތަފާތުތައް ޅަ އުމުރުގައި ދެނެގަނެ، އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށް ވިމަންސް ކޮމިއުނިޓީ ގުރޫޕުން ބުނެއެވެ.

މި މަހުގެ 18 ވަނަ ދުވަހު މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިން މާސްޓާރސް ނަންގަވައިގެން ހުންނެވި، ވިމަންސް ކޮމިއުނިޓީ ގުރޫޕުގެ ނައިބު ރައީސާ ހަލީމަތު ހުސައިން ކަމަށް މައުލޫމާތު ލިބެއެވެ. ހަލީމަތު ހުސައިނަކީ ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާގައި 18 އަހަރުގެ ތަޖުރިބާ ހުންނެވި ކަނބަލެކެވެ. މީގެ އިތުރުން ހަލީމަތު ހުސައިން ވަނީ ދާއިރާއާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ފުރިހަމަ ކޮށްފައިވެއެވެ.

މި ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9954095 އަށް ގުޅުއްވައިގެން ނުވަތަ މެސެޖް ކޮށްގެން ނަން ނޯޓު ކުރެވޭނެއެވެ. މީގެ އިތުރުން ވިމަންސް ކޮމިއުނިޓީ ގުރޫޕުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވައިގެންވެސް ނަން ނޯޓު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ގުރޫޕުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި ދުވަހާ ގުޅިގެން އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެއްހަމަ ހަވީރުގެ ނަމުގައި އިވެންޓްތަކެއްވެސް  ކުރިއަށްގެންގޮސްފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ