[HEADER BANNER]
[AD]

ފުރަތަމަ މެޗަށް ނިކުންނައިރު ޓީމާމެދު ކުރާ އުއްމީދާއި އިތުބާރު ބޮޑު: ޖަންގަލް ކޯޗު

22 ޑިސެމްބަރު 2020 0

2017 ވަނަ އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޖަންގަލް... ފޮޓޯ: ލަޔާން އަޙްމަދު

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ފެށުނު އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޖަންގަލްގެ ފުރަތަމަ މެޗަށް ނިކުންނަނއިރު ޓީމާމެދު ކުރެވޭ އުއްމީދާއި ކުޅުންތެރިންނާމެދު ކުރެވޭ ބޮޑުކަމަށް ޖަންގަލް ޓީމުގެ ކޯޗު ޙުސައިން ފަޔާޒު ބުނެފިއެވެ.

ރެއާ ހަމައަށް މުބާރާތުގެ ހަތަރު މެޗު ކުޅެ ނިމިފައިވާއިރު ގުރޫޕް 3ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޖަންގަލް ބައްދަލުކުރާނީ ހދ. ނޮޅިވަރަމްގެ ކުލަބު ޕެނީ އާއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޔުނައިޓެޑް ޔޫތު އަދި ޓީމް ނައިވާދޫ އެވެ.

މިނޫހާ ވާހަކަ ދައްކަމުން، އިހަވަންދޫގެ ކުޅިވަރުގެ މައިދާނުގައި ގަދަބާރެއްގެ ގޮތުގައި ފާހަގަކުރެވޭ ޖަންގަލްގެ ކޯޗު ބުނީ މުބާރާތަށް ސްކޮޑް އެކުލަވާލުމަށާއި، ޕްރެކްޓިސްކުރަން ލިބުނު ވަގުތަށް ބަލާއިރު ޓީމްގައި ތިބި ކުޅުންތެރިންނާއި އެކުޅުންތެރިން ޕްރެކްޓިސްގައި ކުރިމަސައްކަތާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ޖަންގަލް ޓީމްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު ރަށުފެންވަރުގައި ފާހަގަކުރެވޭ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ތިބިކަން ފާހަގަ ކުރެވެއެވެ. އަދި އެޓީމަށްވަނީ ޅ. ނައިފަރަށް ނިސްބަތްވާ ފޯވާޑަކާއި ށ. މިލަންދޫއަށް ނިސްބަތްވާ މިޑްފީލްޑަރެއް ގެނެސްފައެވެ.

"ރަށުން ޓީމާ ގުޅިފަ މިތިބި ކުޅުންތެރިންނަކީ މިވަގުތު އެ މަޤާމުތަކަށް ރަށުން ނެގޭނެ އެންމެ ރަނގަޅު ކުޅުންތެރިން. ރަށުން ބޭރުން ޓީމާ ގުޅުނު ދެ ކުޅުންތެރިންނާއެކު މުބާރާތުގައި ރަނގަޅު ހިސާބަކަށް ދާނެ" ކަމަށް އުއްމީދު ކުރާކަމަށް ފަޔާޒު ބުންޏެވެ.

އިހަވަންދޫގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މައި ކަޕް ފުޓް ބޯޅަ މުބާރާތުގެ ފައިނަލްގައި ވޭތުވެދިޔަ 3 އަހަރު ކޯޗެއްގެ ގޮތުގައި ވާދަކޮށްފައިވާ ފަޔާޒު ބުނީ އިދިކޮޅަށް ނިކުންނަ ޓީމުގެ ފެންވަރު ނޭނގޭ ކަމަށާއި "އެއްވެސް މެޗަކީ ފަސޭހަ މެޗެއްކަމުގައި ނުދެކާނަން. ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއް" ކަމުގައިދެކި މިއަދު މެޗަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގަ. ހުރިހައި ކުދިންވެސް މޮޅުވުމުގެ ރޫޙުގައި މިތިބީ. މޮޅަށް ކުޅެ މެޗު ކާމިޔާބުކުރަން ކެތްމަދުވެފަ ހުރިހައި ކުޅުންތެރިވެސް ތިބީ. އަމާޒަކީ ފުރަތަމަ މެޗުން 3 ޕޮއިންޓް ހޯދުން" ކަމަށާއި ދެންހުރި މެޗުތަކާމެދު ވިސްނާނީ އޭގެފަހުންކަމަށް ކޯޗު ފަޔާޒު ބުންޏެވެ.

ޖަންގަލް ޓީމަކީ މައި ކަޕް ފުޓުބޯޅަ މުބާރާތުގެ ތަށި ދެފަހަރު އުފުލައިލި މަދު ޓީމުތަކުގެ ތެރެއިން ޓީމެކެވެ. ޖަންގަލް ވަނީ 2013 ވަނަ އަހަރާއި 2017 ވަނަ އަހަރު މައިކަޕްގެ ޗެމްޕިއަންކަން ހޯދައި 2018 ވަނަ އަހަރު މައިކަޕްގެ ފައިނަލްގައި ކުޅެފައެވެ. މީގެތެރެއިން 2017 އަދި 2018 ވަނަ އަހަރު ޖަންގަލް ޓީމްގެ ކޯޗެއްގެ ގޮތުގައި ހުރީ ފަޔާޒެވެ. އަދި އެ ދެ އަހަރު ޖަންގަލް ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މި މުބާރާތުގައި އެޓީމުގައި ތިބިކަން ފާހަގަކުރެވެއެވެ.

ޖަންގަލް ޓީމަކީ ސަޕޯޓަރުން ގިނަ ޓީމަކަށް ވުމާއެކު މިއަދު ހަވީރު ކުލަބު ޕެނީއާ ދެކޮޅަށް އެޓީމު ކުޅޭ މެޗަކީ ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ