[HEADER BANNER]
[AD]

އިހަވަންދިއްޕޮޅުގެ މުވައްޒަފުންނަށް ކޮވިޑް-19 ހާއްސަ އެލަވަންސް ނުލިބޭ

11 ޖެނުއަރީ 2021 0

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ އޮފިޝަލުންނަށް ދޭ އެލަވަންސް 90 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވަނީ ނިމިދިޔަ ހަފުތާގައެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ބަލި ކޮންޓްރޯކުރުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސް  ނުލިބޭކަމާއި އެލަވަންސް ދެނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ކުރާ ޝަކުވާ ސޯޝަލްމީޑިއާގައި ގަދަވެފައިވާ މިދަނޑިވަޅުގައި، އިހަވަންދިއްޕޮޅުގެ ރަށްތަކުގައި ފްރޮންޓުލައިންގައި މަސައްކަތްކުރައްވާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އެލަވަންސް ލިބިފައި ނުވާކަން މިނޫހަށް ކަށަވަރު ކުރެވިއްޖެއެވެ.

ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ވިދާޅުވީ އިހަވަންދޫގެ ރެޕިޑު ރެސްޕޯންސް ޓީމުގެ އެއްވެސް މުވައްޒަފަކަށް މިހާތަނަށް ފްރޮންޓްލައިން އެލަވަންސް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ފްރޮންޓްލައިންގެ މަސައްކަތް ކުރައްވާ މުވައްޒަފުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ތަކުރާރުކޮށް އެންގިފައިވާނެ ކަމަށެވެ.

އިހަވަންދޫގެ އިތުރުން ހއ. ހޯރަފުށި އަދި ހއ. މޮޅަދޫގައި ފްރޮންޓުލައިންގައި މަސައްކަތްކުރައްވާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބިފައި ނުވާކަން މިނޫހުން ހޯދި މައުލޫމާތުތަކުންވަނީ ޔަޤީންކުރެވިފައެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ 10180 މުވައްޒަފަކަށް 90.32 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.  ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އެޕްރީލްމަހު އެވެ.

އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ އެވެ. މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާ އެވެ.

ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ އެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ