މޫސާ ޙުސައިންގެ ހަރުގެތައް ރަށު އޮފީހުން ރޫޅާލީ ޤާނޫނާ ޚިލާފަކަށް ނޫން: ހައިކޯޓު

19 އޮގަސްޓު 2013 0

ރަށު އޮފީހުން ރޫޅާލި ހަރުގެތަކުގެ ތެރެއިން އެއް ހަރުގޭގައި ހުރި ދޯނި ވީރާނާވެފައި / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް
 

2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަދި 2010 ވަނަ އަހަރުގެ ޖަނަވަރީ މަހު ހއ. އިހަވަންދޫ، ފީރޯޒްގެ / މޫސާ ޙުސައިން އެޅި ހަރުގެތައް ރަށު އޮފީހުގެ ފަރާތުން ރޫޅާލާފައި ވަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިއްޔެ ޙުކުމް ކޮށްފި އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ބެލެވި ނިޔާކުރި މި މައްސަލަ އަކީ ޙަވާލާދެވުނު ހަރުގެތައް ރަށު އޮފީހުގެ ފަރާތުން 2010 ވަނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ރޫޅާލާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، އެ ހަރުގެތައް ރޫޅާލުމުގެ ސަބަބުން އެ ހަރުގަތަކުގައި ބަންނަން ފަށާފައިވާ ދެ ދޯންޏަށް ގެއްލުންވެފައިވާކަމަށް ބުނެ އެ ގެއްލުމުގެ ބަދަލު ހޯދުމަށް ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މޫސާ ޙުސައިންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޙުކުމް ހއ. އިހަވަންދޫ ކައުންސިލުން އިސްތިޢުނާފުކުރުމުން ބެލެވުނު މައްސަލައެކެވެ.

މި މައްސަލާގައި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައި ވަނީ ޙަވާލާދެވުނު ހަރުގެތައް ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ރޫޅާލާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، ޤާނޫނާ ޚިލާފަށް ހަރުގެތައް ރޫޅާލުމުގެ ސަބަބުން އެ ހަރުގެތަކުގައި ބަންނަން ފަށާފައި ހުރި ދެ ދޯންޏަށް ގެއްލުންވެފައިވާކަން ސާބިތުވާ ކަމަށާއި، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްޤު މޫސާ ޙުސައިނަށް ލިބިގެންވާ ކަމަށެވެ. މިގޮތުން ހަތަރު މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް މޫސާ ޙުސައިންގެ ފަރާތުން އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެ އެވެ.

ހައިކޯޓުން އިއްޔެ އިއްވި ޙުކުމުގައި ބުނަނީ މޫސާ ޙުސައިން ހަދާފައިވާ ހަަރުގެތަކަކީ ރަށު އޮފީހުގެ ހުއްދަ ހޯދުމެއް ނެތި ޤާނޫނާ ޚިލާފަށް އަޅާފައިވާ ހަރުގެތަކެއްކަން ސާބިތުވާ ކަމަށާއި، އެ ހަރުގެތައް ރޫޅާލުމުގެ ކުރިން އެ ހަރުގެތައް ރޫޅާލައި އޭނާގެ މުދާ ސަލާމަތް ކުރުމަށް އެކަށީގެންވާ ފުރުޞަތެއް ދިންކަމަށާއި، ނަމަވެސް އެ ފުރުޞަތުގެ ބޭނުން އޭނާ ހިފާފައި ނުވާކަމަށާއި، "މޫސާ ޙުސައިން ޤަވާޢިދާ ޚިލާފަށް އަޅާފައި ހުރި ދެ ހަރުގެ ރޫޅާލި ރޫޅާލުމަކީ ހއ. އިހަވަންދޫ ރަށު އޮފީހުން ޤާނޫނީ އުޞޫލުތަކުގެ ބޭރުން ކުޅަ ކަމެއްގެ ގޮތުގައި ބެލެވެން ނެތް އިރު، މި ކަމަކީ މޫސާ ޙުސައިންގެ ފަރާތުން ޤަވާޢިދާ ޚިލާފަށް ކަރަމުން ދިޔަ ކަމެއް ހުއްޓުވުމުގެ ގޮތުން ކުޅަ ކަމެއްގެ ގޮތުގައި ބެލެވެން އޮންނަ" ކަމަށެވެ. އަދި "އޭނާ ބަންނަން ފަށާފައިވާ ދޯންޏަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމަކީ ހއ. އިހަވަންދޫ ރަށު ކައުންސިލްގެ އިހުމާލުން ނުވަތަ އެ ފަރާތުން ކުޅަ ޣައިރު ޤާނޫނީ ޢަމަލެއްގެ ސަބަބުން ލިބުނު ގެއްލުންތަކެއް ކަމުގައި ސާބިތުވާން ނެތް" ކަމަށެވެ.

"ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުގުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: (ނަންބަރު) ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: (ނަންބަރު) ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް އެގޮތުގެ މަތިން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ." ޙުކުމުގައިވެ އެވެ.

މި ޙުކުމާއެކު ބަދަލު ހޯދުމަށް މޫސާ ޙުސައިން މިހާރު ހުށަހަޅާފައިވާ ދައުވާވެސް ބާޠިލްވީ އެވެ.

އޮޑިހަރުގެވަޅު, އިހަވަންދޫ ކައުންސިލް, އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ